ނުހައްގުން ޖަލަށްލައި ސިޔާސީ ބޭނުމަކަށްޓަކައި ދެމުންދާ އަނިޔާތަކަށް ކުޑަކަކޫ ނުޖަހާނެ ކަމަށާއި، އެނބުރި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނީ ކުށެއްނެތް މައުސޫމް މީހެއްގެ ގޮތުގައިކަށް އިދިކޮޅުލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
ޖަލުގެ ތޭރިތަކުގެ ތެރޭގައި މިވަގުތު ދުވަސްތައް ގުނަމުންދާ ރައީސް ޔާމީން އެމަނިކުފާނު ދަރިކަލުން ޒޭން އަބްދުﷲ ޔާމީން މެދުވެރިކޮށް ދިވެހި ރައްޔިތުންނަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ބޭއިންސާފާއި، ނާއިންސާކީ ދުވަކުވެސް އެމަނިކުފާނު ގަބޫލު ކުރާނެ ކަމެއް ނޫންކަމަށެވެ. އަދި އެއީ ކާމިޔާބުވެސް ލިބޭނެ ކަމެއްނޫންކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ކޮންމެ ހާލަތެއްގައި ކޮންމެ ގޮތަކަށް ކަންކަން ކުރިމަތިވިޔަސް އަބަދުވެސް އިސްކުރާނީ ދިވެހި ރައްޔިތުންނާއި ދިވެހި ޤައުމުކަމަށެވެ.
އަޅުގަނޑަކީ މިފަދަ ބޭއިންސާފުގެ ކުރިމަތީގައި ކުޑަކަކޫ ޖަހާނެ މީހެއްނޫން. އަޅުގަނޑުގެ އަމިއްލަ ހިތްހަމަޖެހުމާއި އުފަލަށް ވުރެ އަޅުގަނޑު އިސްކުރާނީ ދިވެހި ރައްޔިތުންގެ މަޞްލަޙަތު. އަޅުގަނޑަށް މުހިންމީ ދިވެހިރައްޔިތުންގެ މިނިވަންކަން. މިޤައުމުގެ އިސްތިޤުލާލު. ބޭރު މީހުން މިޤައުމުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ ގޮތް ކިޔައިގެން ނުވާނެ. އެކަމަށް އަޅުގަނޑުމެން ފާރަވެރި ވާންޖެހޭނެ.
– ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެމުންދާ ނުހައްގު އަނިޔާތަކާއި ބޭއިސްފު ހުކުމަކީ އެކަން ދިވެހި ރައްޔިތުންނަށްވެސް މިއަދު ސާބިތުކޮށް ފެންނަން އޮތް ބޮޑު ހަގީގަތެއްކަމަށެވެ. އެއްވެސް އިންސާފެއްނެތި ސިޔާސީ މަގުސަދަކަށްޓަކައި ދެމުންދާ އަނިޔާއަކީ ރައްޔިތުންގެ ހައްގުގައި ކެރިގެން މަސައްކަތް ކުރާނެކަން ޔަގީން ވުމުން އެކަމަށް ހުރަސް އެޅުމަށް ދެމުންދާ އަނިޔާތަކެއްކަމަށެވެ.
އަޅުގަނޑު ކުށެއް ނުކުރަން. އަޅުގަނޑުގެ ޟަމީރު މިކަމުގައި ވަރަށް ސާފު. އަޅުގަނޑަށް އަނިޔާކޮށް ކުޑަ ގޮޅިއަކަށް ލައިގެން މިއުޅެނީ ކުށެއް ކޮށްގެނެއް ނޫން. ނުޙައްޤުން ޖަލުގައި އިންސާފު ނުދީ އަޅުގަނޑު ބަހައްޓައިގެން މިއުޅެނީ ތިޔަލޮބުވެތި ރައްޔިތުންގެ ޙައްޤުގައި އަޅުގަނޑު ވަކާލާތު ކުރާނެކަން އެބޭފުޅުންނަށް އެނގޭތީ. ހަޤީޤީ އަނިޔާއަކީ މިއީ. މާތް ﷲގެ ވާގިފުޅާއި އެކު ޖަލުން މިނިވަންވެ ތިޔަ ލޮބުވެތި އަޚުންނާއި އުޚުތުންނާއި ބައްދަލުކުރާނީ މައުސޫމް މީހެއްގެ ގޮތުގައި. އަޅުގަނޑުގެ އިޚުލާޞްތެރި އެދުމަކީ، ޤައުމީ އަދި ވަޠަނީ ރުކުންތަކުގައި ސާބިތުކަމާއި އެކު ތިއްބަވައި، އަޅުގަނޑުމެންގެ ބަދަހި ލަޝްކަރު ކުރިޔަށް ދިއުން.
– ރައީސް ޔާމީން ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އެދޭ ރަންޒަމާން މިޤައުމަށް ހޯދައިދިނުމަށް ކުރެވުނު ދަތުރުގައި މިޖެހުނީ ކުޑަކުޑަ މަޑުޖެހުމެއްކަމަށެވެ. އެދަތުރު މާތްﷲގެ ވާގިފުޅާއި އެކު އަލުން ފަށައި އުފާވެރި ޙަޔާތެއްގެ ދަންމަރު އަލުން ރޯކޮށް ނަފާވެރިކަން މިޖީލަށް އަލުން ގެނެސްދޭނީ ޕީޕީއެމްގެ ފިކުރުންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި މިހާލަތުގައި ހުރިހާ ބޭފުޅުންވެސް ހިތްވަރުކުރައްވައި ގަދައަޅައި މަސައްކަތް ކުރައްވުމަށް އެމަނިކުފާނު ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި އެނބުރި އަންނާނީ ބަދަހިކޮށް މަ ވަރުގަދަކޮށް ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އެމަނިކުފާނު ސިޓީ ނިންމަވާލައްވަމުން ވަނީ ބޯމަތިވެފައިވާ ލޯކަލް ކައުންސިލްގެ އިންތިޚާބު ކާމިޔާބުކުރެއްވުމަށް ހުރިހާ ބޭފުޅުން ކުރައްވާ ބުރަ މަސައްކަތަށް ފަށްފަށުން ޝުކުރުއަދާކޮށް ކާމިޔާބު މެދުވެރި ކުރެއްވުން އެދި މާތްﷲގެ ޙަޟުރަތުގައި ދުޢާ ދަންނަވާފައެވެ.
ކޮމެންޓު ފޮނުވާ