ޤައުމުގެ ހާލަތާއިމެދު ރައީސް ޔާމީންގެ އަސަރުގަދަ ސިޓީފުޅެއް!

ޤައުމުގެ ހާލަތާއިމެދު ރައީސް ޔާމީންގެ އަސަރުގަދަ ސިޓީފުޅެއް!

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 08:50
0

މާފުށީ ޖަލުގެ ކުޑަ ގޮޅީގައި އޮންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމުގެ އަސަރުގަދަ ސިޓީ ފުޅެއް ދިވެހި ރައްޔިތުންނަށް އަރިސް ކުރައްވައިފިއެވެ.

ރައީސް ޔާމީންގެ ސިޓީ ފުޅުގައި އެމަނިކުފާނު އެންމެ އިސްކަން ދެއްވީ އެއްކަމަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ހެޔޮ ދަރުމައާއި ޡަވާބު  ލޮބުވެތި ރައްޔިތުންނަށް މިންވަރުކޮށް ދެއްވުން އެދި ދުޢާކުރެއްވުމަށެވެ. ސިޓީގައި ވަރަށް ތަފްސީލީ ގޮތެއްގައި އެމަނިކުފާނު ޖަލުގައި ހޭދަކުރައްވަމުންދާ ދުވަސްތަކާއި، އެދުވަސްތައް ގުނަމުންދާ ގޮތް ވަނީ ހިއްސާ ކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ 2013 ވަނަ އަހަރު، ދިވެހިރާއްޖެގެ ޒަޢާމަތާއި ހަވާލުވެ ދިވެހިރާއްޖޭގެ އިޤްތިޞާދު ކޮޅަށްޖަހައިދީ އަދި، ޙައްލު ނުކުރެވޭނެ ކަމަށް ގިނަބަޔަކު ޤަބޫލުކޮށްގެންތިބި، ޤައުމީ މަޞްލަޙަތާއި ގުޅުންހުރި މައްސަލަތައް ޙައްލުކޮށްދެއްވާފައިވާނެކަމަށެވެ. އަދި، ފުރިހަމަ ސިޔާދަތާއި މިނިވަންކަމުގައި އޮތް، ރައްޔިތުން ފަޚުރުވެރިވާފަދަ ޤައުމަކަށް ދިވެހިރާއްޖެ ހަދައިދިމުން، މި ކަންކަކަމުގެ ނަތީޖާ އަކަށްވީ، ވާދަވެރި ސިޔާސީ ފަރާތްތަކާއި އެބޭފުޅުންނަށް ވާގިވެރިވާ ބޭރުގެ ފަރާތްތަކާއި ގުޅިގެން އެމަނިކުފާނު ޖަލަށް ލުންކަމަށެވެ.

ބަވަނަވެފައިވާ ދުނިޔެއެއްގައި ކުޑަ ޖަޒީރާ ޤައުމަކަށް ހަމަ އިސްކޮޅަށް ތެދުވެވޭނީ ވަރަށް ސާބިތުކަމާއި އެކު ނިކުމެގެންކަން އެންމެ ފުރަތަމަ ދުވަހު ވެސް ޤަބޫލުކުރެއްވިކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެދަތުރަކީ ފަސޭހަ ދަތުރަކަށް ނުވާނެކަން ހިތާއި ނަފުސުން ޤަބޫލުކޮށްގެންކަމަށެވެ. ދިވެހިންގެ ކަންކަން ނިންމާނީ ދިވެހިން ކަމަށް ދެކިގެންކަމަށާއި، ބޮޑެތި ނުފޫޒުތަކުގެ އަޅުވެތި ކުރުމުގެ ފަލްސަފާއާއި ދެކޮޅުވެގެންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޕީޕީއެމް ޕީއެންސީގެ ފިކުރަކީ އެއީއެވެ. މިއީ ޤައުމީ ފިކުރެވެ. މިފިކުރުގެ ރައްޔިތުންގެ ލޭ ހިނގާހާ ހިނދަކު މިޤައުމަށް ވާނެގޮތެއްވާން ދޫކޮށްނުލާނެކަން އަޅުގަނޑަށް ޔަޤީނެވެ. ތިޔަ ލޮބުވެތި ރައްޔިތުންނާއި ދުރުގައި މާ އެކަހެރި ތަނެއްގައި އަޅުގަނޑު ފޮރުވައިގެން މިގެންގުޅެނީ އެބޭފުޅުން މިފިކުރުދެކެ ބިރުންނެވެ. އަޅުގަނޑުމެންގެ ހިތްވަރު ބަލިކޮށްލެވިދާނެ ކަމަށެވެ. އަޅުގަނޑުމެން އަމާން ދީފާނެކަމުގެ ފިނޑި ޚިޔާލުގައެވެ.

– ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކީ އަމިއްލަ ނަފްސުގެ އުފަލަށްވުރެ ރައްޔިތުންގެ ހައްގު އިސްކޮށްގެން ޖަލުގައި ހޭދަ ކުރާ ދުވަހެއްކަމަށެވެ. އަދި މިއީ ތާއަބަދު މިކަން އޮންނާނެ ގޮތެއް ނޫންކަމަށާއި، އިސާހިތަކު އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ހާމަވެ ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.