ރާއްޖޭގެ ކޮންމެ ރަށަަކަށް ކަރަންޓީން ނުވެ ދެވޭގޮތަށް އެޗްޕީއޭއިން ލުއި ދީފިއެވެ.
އެޗްޕީއޭއިން އިންތިޚާބާއި ދިމާކޮށް ޢާންމުކުރި އައު އުސޫލުގައި ވަނީ މިމަހުގެ11 ވަނަ ދުވަހާއި ހަމައަށް ކަރަންޓިން ނުވެ ކޮންމެ ރަށަކަށްވެސް ދެވޭނެކަމަށެވެ. އޭގެ ތެރޭގައި މޮނިޓަރިންގެ ހާލަތުގައި އޮންނަ ރަށްތައްވެސް ހިމެނެއެވެ. އިންތިޚާބު އޮންނާނީ10 ވާ ހޮނިހިރު ދުވަހުއެވެ. އަދި11 ވަނަ ދުވަހަކީ އިންތިޚާބުގެ ނަތީޖާތައް އަންނަމުންދާނެ ދުވަހެވެ.
އެޗްޕީއޭއިން ޢާންމުކުރިއައު އުސޫލުގައި ވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުންލިބިދޭ ބާރުގެ ދަށުން، ކޮވިޑް-19 ގެ ހާލަތުގައި، ކުރިޔަށް އޮތް ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކަށް، މާލެ ސަރަޙައްދު (މާލެއާއި، ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީ ފަޅާއި، ހުޅުލެ) އިން ރާއްޖޭގެ އެހެނިހެން ރަށްރަށަށް ދަތުރުކުރުމުގައްޔާއި، ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި ގެސްޓުހައުސް ހުންނަ ރަށްރަށުންނާއި ކޮވިޑް -19 އާ ގުޅިގެން މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ރަށްރަށުން އެހެން ރަށްރަށަށް ދަތުރުކުރުމުގައި ކަނޑައެޅިފައިވާ ކަރަންޓީނު ކުރުމުގެ ފިޔަވަޅުތަކަށް މިއަދުން އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް، އުވާލަފައިވާކަމަށެވެ. އެގޮތުން ވޯޓުލުމަށް ޓަކައި، އެ މީހަކު ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ރަށަށް 10ދުވަހުގެ މުއްދަތުގެ ކަރަންޓީނާ ނުލައި ދަތުރުކުރުމުގެ ހުއްދަ ދިނުމަށް ނިންމާފައިވާކަމަށް އެޗްޕީއޭގެ އުސޫލުގައިވެއެވެ.
ނަމަވެސް ރަށްތަކަށް ދަތުރުކުރިނަމަވެސް ބައެއް ފިޔަވަޅުތައް ކަށަވަރުކުރުން ވަނީ ލާޒިމްކޮށްފައެވެ. އޭގެ ތެރޭގައި:
1 .ވޯޓުލާ ސަރަޙައްދު ފިޔަވައި ރަށުގެ އާންމު އެހެން ތަންތަނަށް (ހޮޓާ، ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަން ހިމެނޭގޮތަށް) ނުދިޔުން.
2 .ހުރުމާއި ކެއުމުގެ އިންތިޒާމު، އެހެން މީހުންނާ ވަކިން ހަމަޖެހިފައި ހުރުން.
3 .މީހުންނާ ބައްދަލު ނުކުރުމާއި، ގޭގެއަށް ޒިޔާރަތް ނުކުރުން.
4 .ވޯޓުލުމަށްފަހު، ގިނަވެގެން 48( ސާޅީސް އަށެއް( ގަޑިއިރުގެ ތޭރޭގައި އެ މީހަކު އައި ރަށަކަށް އެނބުރި ދިޔުން.
5 .ރަށުގައި ކަރަންޓީނު ވެފައިވާ ނުވަތަ އެކަހެރިވެފައިވާ ފަރާތްތައް ވޯޓުލުމަށް ކަ ނޑައަޅާ ވަގުތުގައި ނުވަތަ އިލެކްޝަންސް ކޮމިޝަނުން ކަ ނޑައަޅާ އެހެން ވަގުތެއްގައި ވޯޓުލުން.
6 .ދަތުރު ފެށުމުގެ ކުރިން، ވޯޓުލާ ރަށުގެ ކަމާބެހޭ އިދާރާތަކަށް، ދަތުރު ކުރާ ތާރީޚާއި، ރަށުގައި މަޑުކުރާނެ މުއްދަތާއި، ރަށުގައި ހުންނާނެ ތަން އެންގުން.
7 .ކޮވިޑް -19 ގެ ހާ ލަތުގައި ރައް ކައުތެރިކަމާއެކު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ކުރި ޔަށް ގެންދިއުމުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައިވާ ގޮތުގެ މަތީން ވޯޓުލުމުގައި ޢަމަލުކުރުން.
އެޗްޕީއޭއިން ބުނީ މި ދެވުނު ލުއިތަކާއެކު ރަށްރަށަށް ދަތުރުކުރެވޭނީ، ވޯޓުލުމަށްޓަކައި ދާ ފަރާތްތަކަށް އެކަނިަކަމަށެވެ. އަދި އެ ފަރާތްތަކުން، ކޮވިޑް-19 އިން ރައްކައުތެރިވުމަށް އަޅައިފައިވާ އެންމެހައި ފިޔަވަޅުތަކަށް ޢަމަލުކުރަންވާނެކަމަށްވެސް ބުނެފައިވެއެވެ. ނަމަވެސް، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅުއްވާ ޚާއްޞަ ހާލަތްތަކުގައި، އެކަމަނާ ގޮތެއްގެ މަތީން ޢަމަލުކުރެވިގެންދާނެކަމަށްވެސް ބުނެފައިވެއެވެ. އަދި ކަރަންޓީން ނުވެ ރަށްތަކަށް ދެވޭނެ ގޮތް ހެދިނަމަވެސް ކޮންމެހެން އަމަލުކުރަންޖެހޭނެކަމަށް ކަނޑައަޅާފައިވާ ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، ހުރިހާ އިދާރާތަކަށާއި ފަރާތްތަކަށް އަންގާކަމަށްވެސް އެޗްޕީއޭގެ އައު އުސޫލުގައިވެއެވެ. އަދި މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކު ރާންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
ކޮމެންޓު ފޮނުވާ