ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ކުރި ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފި

ރައީސް މައުމޫނާއި ދެކޮޅަށް ޖާބިރު ކުރި ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފި

Author
މުޙައްމަދު ޝަޒައިމް
08 އޭޕްރިލް 2021 01:34
0

ޑީއާރުޕީގެ ދަރަނިތަކާއި ގުޅިގެން އެޕާޓީ އުފެއްދި އަދި އެޕާޓީގެ ބާނީ ރައީސް މައުމޫން ޢަބްދުލް ޤައްޔޫމްގެ މައްޗަށް ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ކުރި ދައުވާ ސާބިތު ނުވާކަމަށް ހުކުމްކޮށްފިއެވެ.

މިމައްސަލަ ސާބިތު ނުވާކަމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ މިއަދުއެވެ. މިހާރު ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރުގެ ލީޑަރުކަމުގެ ދަށުން ހިންގާ ޑީއާރުޕީން ވަނީ ރައީސް މައުމޫންގެ ލީޑަރޝިޕްގައި ޑީއާރުޕީ ބޮޑެތި ޢަދަދުތަކުން ދަރަނިވެރިކޮށް އެބިލްތަކުގެ ފައިސާ ނުދައްކާ ޕާޓީގެ އޭރުގެ މެންބަރުންގެ ބޮލުގައި ދަރަނި އަޅުވާފައިވާކަމަށް ތުހުމަތުކޮށްފައެވެ.

ޑީއާރުޕީއަކީ ރާއްޖޭގައި ދެވަނައަށް ރަޖިސްޓްރީ ކުރި ސިޔާސީ ޕާޓީއެވެ. އެޕާޓީ އުފެއްދެވީ އޭރު ވެރިކަމުގައި ހުންނަވައިގެން ރައީސް މައުމޫނެވެ. ޑީއާރުޕީގެ ޒަޢީމަކަށް ހުންނަވައިގެން ރައީސް މައުމޫންގެ ލީޑަރޝިޕްގައި އެޕާޓީން ވަރަށް ގިނަ ކާމިޔާބީތައް ހާސިލުކޮށްފައިވެއެވެ. ނަމަވެސް ޑީއާރުޕީގެ އެތެރޭގައި އުފެދުނު ޚިޔާލުތަފާތުވުންތަކާއެކު އެޕާޓީ ދެބައިވެ ރައީސް މައުމޫން އިސްވެ ހުންނަވާ އުފެއްދެވީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އެވެ. އަދި އޭގެ ފަހުން އެޕާޓީގެ ތެރޭގައި އޭރުގެ ރައީސް އަދި ރައީސް މައުމޫންގެ ކޮއްކޯފުޅު ޔާމީން ޢަބްދުލް ޤައްޔޫމާއި ދެމެދު ޚިޔާލުތަފާތުވުންތައް އުފެދި ރައީސް މައުމޫނު ވަނީ ޕީޕީއެމްގެ ރައީސްކަމުން ވަނީ ދުރުކުރައްވާފައެވެ. އޭގެ ފަހުން ރައީސް މައުމޫން އުފައްދަވާފައި ވަނީ މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އެވެ. އެމްއާރުއެމްއަކީ މިސަރުކާރުގެ ކޯލިޝަންގެ ބައިވެރިއެކެވެ.

ރައީސް މައުމޫންގެ މައްޗަށް ޑީއާރުޕީން ބޮޑެތި ތުހުމަތުތަކެއް ކޮށްފައި ވާއިރު ޖާބިރުގެ ކުރިން އެޕާޓީގެ ލީޑަރަކަށް ހުންނެވީ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު ކާނަލް މުޙައްމަދު ނަޝީދެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.