އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ތަކުގެ އިންތިޚާބުގައި ރިސޯޓްތަކުގައި ބަހައްޓާ ވޯޓު ފޮށިތައް ރިސޯޓްތަކަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
އިލެކްޝަން ކޮމިޝަންގެ ނާއިބް ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރޭ ފަތިހުން ފެށިގެން ރިސޯތްތަކަށް ވޮޓު ފޮށިތަކާއި، ވޯޓު ކަރުދާހާއި އޮފިޝަލުން ފޮނުވުމަށް ފަށާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މާދަމާގެ ނިޔަލަށް މި އިންތިޚާބުގައި ވޯޓުލާ ހުރިހާ ރިސޯޓަކަށް ތަކެތި ފޮނުވާ ނިމެނޭނެކަމަށެވެ.
މިފަހަރުގެ އިންތިޚާބުގައި ރާއްޖޭގެ 137 ރިސޯޓެއްގައި ވޯޓު ފޮށި ބަހައްޓުމަށް ވަނީ ހަމަޖެހިފައެވެ. އިންތިޚާބުގައި އަތޮޅުތެރޭގައި ވޯޓުލާ ހުރިހާ މަރުކަޒަކަށްވެސް މިހާރު ވަނީ އޮފިޝަލުންނާއި، ވޯޓު ކަރުދާސް ފޮނުވާފައެވެ. މި އިންތިޚާބުގައި ވޯޓްލުމުގެ ހައްގު ލިބިގެން ވަނީ 273128 މީހުންނަށެވެ. މީގެ ތެރޭގައި 5134 މީހުންނަކީ މިމަހުގެ 10ވަނަ ދުވަހާހަމަޔަށް 18 އަހަރު ފުރޭ މީހުންކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާނީ ޖުމްލަ 3934 ކެނޑިޑޭޓުންނެވެ. މީގެ ތެރޭގައި ހިމެނެނީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ 2264 ކެނޑިޑޭޓުންނާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވާދަކުރާ 1670 ކެނޑިޑޭޓުންނެވެ.
ކޮމެންޓު ފޮނުވާ