ޤައުމީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިލަދުންމަތީ އުތުރުބުރީ އުތީމުގައި ޚާއްސަ ހަރާކާތްތަކެއް މިއަދު ކުރިޔަށް ގެންގޮސްފިއެވެ. މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ 77 ވަނަ ޤައުމީ ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތައް މިއަދު އުތީމުގައި ފަށާފައިވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ހެނދުނު ބޭއްވި ދިދަ ނެގުމުގެ ޚާއްސަ ރަސްމިއްޔާތުންނެވެ. މި ރަސްމިއްޔާތުގައި އުތީމުގެ އިތުރުން އެއަތޮޅުގެ އެކިރަށްރަށުން ސަރުކާރުގެ މުއައްސަސާތަކުގެ ވެރިންނާއި ސްކޫލް ކުދިން ބައިވެރިވިއެވެ.
ދިދަ ނެގުމުގެ ރަސްމިއްޔާތަަށްފަހު ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ ދުވަހުގެ ރަސްމީ ޖަލްސާވެސް މިއަދު ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގައި ބާއްވާފައެވެ. މި ޖަލްސާ ބާއްވާފައި ވަނީ އެޗް.ޕީ.އޭގެ ޚާއްސަ ހުއްދައާއެކު އެޗް.ޕީ.އޭއިން ކަނޑައަޅާފައިވާ އުސޫލާއި އެއްގޮތަށެވެ.
މި ރަސްމިއްޔާތުގަިއ ހއ.އަތޮޅުގެ އަތޮޅުކައުންސިލަރުންނާއި އުތީމުގެ އެކި މުއައްސަސާތަކުގެ ވެރިންނާއި، ސްކޫލުކުދިންނާއި، ދިވެހި ޤައުމީ ދިފާޢި ބާރުން ވަނީ ބައިވެރިވެފައެވެ. މިރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲ ވަނީ ވީޑިއޯ މެދުވެރިކޮށް ޖަލްސާގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވާފައެވެ.
މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ދިވެހި ޤައުމިއްޔަތަށް މިއަދު ދިމާވެފައިވާ ބޮޑެތި ބައެއް ގޮންޖެހުން ތަކަކީ މަސްތުވާތަކެއްޗާއި، ޖިންސީ ފުރައްސާރައާއި، އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އިތުރުވަމުން ދިއުން ކަމުގައި ވިދާޅުވެފައެވެ. އަދި ދިވެހި ޤައުމިއްޔަތަށް މިއަދު މިޒަމާނުގައި ދިމާވެފައިވާ ބޮޑެތި ގޮންޖެހުން ތަކަކީ ދިވެހިންގެ މެދުގައި ވަކިން ޚާއްސަކޮށް ޒުވާނުންގެ މެދުގައި ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. ހަމައެހެންމެ މައުސޫމް ކުޑަކުދިންނާއި އަންހެނުންނަށް ގޭތެރޭގެ ވެށީގަ އާއި މުޖުތަމައުގައި ދިމާވަމުން އަންނަ އަނިޔާއާއި ގޯނާ އާއި ފުރައްސާރައިގެ އިތުރުން އިސްލާމްދީނަށް ތައުހީނުކޮށް އިސްލާމް ދީނުގެ ސައްހަ އަޤީދާ ދޫކޮށް ހަރުކަށި އަނިޔާވެރި މަގަށް ލެނބޭ ޒުވާނުން އިތުރުވަމުން ދިއުންކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ޤައުމީ ދުވަސް ފާހަގަކުރުމަށް އުތީމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުގެ ތެރޭގައި ވަނީ ދުވަހާއި ގުޅިގެން އަންހެނުންގެ ވޮލީ މެޗަކާއި ފިރިހެނުންގެ ފުޓްބޯޅަ މެޗެއްގެ ބާއްވާފައެވެ. އަދި މަސްރޭހެއްވެސް ކުރިއަށް ގެންގޮސްފައިވެއެވެ.
ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖޭ މިނިވަންވި ދުވަސް ފާހަގަކުރުމުގެ ގޮތުންނެވެ. ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްވީ 981ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 1ވަނަ ވިލޭރޭގައެވެ. އެމަތިވެރި ނަޞްރު ދިވެހީންނަށް ހޯއްދަވައިދެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުންނެވެ. ޤައުމީ ދުވަސް ނިސްބަތްވަނީ މިޙާދިސާއަށެވެ.
ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރެވޭއިރު އަބަދުވެސް އުތީމުގެ މަތިން ހަދާންތައް އާކޮށްދެއެވެ. އެރަށަކީ ޕޯޗުގީޒުންނާއި ދެކޮޅަށް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަރުގަދަ ޖިހާދެއްކުރެއްވި މަޝްހޫރު އުތީމު ތިންބެއިން އުފަންވި ފަސްގަނޑެވެ. އެރަށުގައި އެބޭފުޅުން ދިރިއުޅުއްވި ގަނޑުވަރާއި އެހެން ހަދާންތައް މިއަދުވެސް ހަމަ އެގޮތުގައި އުތީމުގައި ފެންނަ އެބަހުއްޓެވެ.
ކޮމެންޓު ފޮނުވާ