ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާފައި ވާ ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓަކާއި ޗިކިންގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވަން ތައްޔާރުވެއްޖެ އެވެ.
އޮސްޓްރޭލިއާގެ މަޝްހޫރު ގްލޯރިއާ ޖީންސް ކޮފީސް އާއި ޔޫއޭއީގެ މަޝްހޫރު ފާސްޓްފުޑް ފްރެންޗައިޒް، ޗިކިންގެ އައުޓްލެޓްތައް ހުޅުމާލެއަށް ގެނެސްދެނީ އެ ދެބްރޭންޑްގެ ސަބް ފްރެންޗައިޒް "ދަ ސަބް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން" ނެވެ.
އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އިސްމާޢީލް ވިދާޅުވީ ހުޅުމާލޭ ބީޗް ފްރަންޓްގެ "ލޮޓް ނަމްބަރު 10010″ ގައި ގްލޯރިއާ ޖީންސް ކޮފީ އައުޓްލެޓް މި ހަފްތާ ބަންދުގައި ހުޅުވާ ޚިދުމަތްދޭން ފަށާނެ ކަމަށެވެ. މީގެ އިތުރުން ހުޅުމާލޭ އަމީން އެވެނިއުގެ އޯކް ޓަވަރުގެ އެންމެ ތިރީގައި މިހާރު ތައްޔާރުކުރަމުންދާ ޗިކިންގެ އާ ރެސްޓޯރަންޓުންވެސް ރޯދަމަހުގެ ތެރޭގައި ޚިދުމަތް ދޭންފެށޭނެ ކަމަށް ހުސައިން ވިދާޅުވިއެވެ. މީގެ އިތުރުން ތިން މަހެއްހާ ދުވަސް ފަހުން އަމީން އެވެނިއުގައި ގްލޯރިއާ ޖީންސް ކޮފީސްގެ އައުޓްލެޓެއް ހުޅުވުމަށްވެސް ދަ ސަބް ކޮމްޕެނީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
"މިތަން ތަން ވެސް އަނެއްކާ މި ތަންތަނުން އަޅުގަނޑުމެން ފޯރުކޮށްދޭ ކާތަކެތިވެސް ރާއްޖޭގެ މާހައުލާ ގުޅޭގޮތުން ދިނުމަށް އަޅުގަނޑުމެން އިސްކަން ދެން"
– ހުސައިން އިސްމާޢީލް

2018 ވަނަ އަހަރުން ފެށިގެން މާލެއާއި ވެލާނާ އިންޓަރ ނޭޝަނަލް އެއަރޕޯޓްގައި ޚިދުމަތް ދެމުން އަންނަ ގްލޯރިއާ ޖީންސް ކޮފީސްގެ ވިޔަފާރި ރާއްޖޭގެ އެހެން ސަރަހައްދުތަކަށްވެސް ފުޅާކުރުމުގެ މަސައްކަތުގެ ތެރެއިން ހުޅުމާލޭގައި އަލަށް މި ހުޅުވޭ އައުޓްލެޓް ތަކުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް އެއަރޕޯޓް ތަކަށް މި ވިޔަފާރި ފުޅާކުރުމަށްވެސް މަސައްކަތްކުރަމުން ގެންދާކަމަށް ހުސައިން ފާހަގަކުރެއްވި އެވެ. އެގޮތުން އައްޑޫއާއި ފުވައްމުލަކުން މިހާރުވެސް ފެހި ސިގްނަލް ލިބިފައި ވާކަމަށްވެސް ހުސައިން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އާ އައުޓްލެޓް ތަކާއެކު މިއީ އުފެދޭ އަނެއްކާ އިތުރު އެތަކެއް ވަޒީފާތަކެއް. މި ވަޒީފާތަކަށް އަޅުގަނޑުމެން އިސްކަން މިދެނީ ހަމަ ދިވެހިންނަށް. އެހެންނަމަވެސް ދިވެހިން މި ވަޒީފާތަކަށް ޝައުގުވެރިކަން ކުޑަކަން ފާހަގަވޭ. ދިވެހިން ލިބުން ހަމަ ދަތި"
– ހުސައިން އިސްމާޢީލް

އޮސްޓްރޭލިއާގެ މަޝްހޫރު ގްލޯރިއާ ޖީންސް ކޮފީ އަކީ ދުނިޔޭގެ 39 ގައުމެއްގައި ފްރެންޗައިސް 1000 އަށް ވުރެ ގިނަ ކޮފީ ހައުސް ހިންގަމުން އަންނަ މަޝްހޫރު ބްރޭންޑެކެވެ. އޭގެ ތެރޭގައި ހަމައެކަނި އޮސްޓްރޭލިއާގައި 400 އަށްވުރެ ގިނަ އައުޓްލެޓެއް ހުރެއެވެ.

މީގެ އިތުރުން ޔޫއޭއީގެ މަޝްހޫރު އަރަބް-އިންޑިއަން ފާސްޓްފުޑް ފްރެންޗައިޒް ޗިކިންގެ 150 އަށް ވުރެ ގިނަ އައުޓްލެޓް 17 އަށް ވުރެ ގިނަ ގައުމުގައި މިހާރުވެސް ހިންގައެވެ. ޗިކިންގެ އެންމެ ޚާއްސަ ބާވަތްތަކުގެ ތެރޭގައި ގްރިލްޑް ޗިކަން، ޕެރި-ޕެރި ޗިކަން، ބާގާ، ރެޕްސް، ޕިއްޒާ، ޑެޒާޓް ފަދަ ބާވަތްތައް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ