މިސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ނިޒާމު ހަރުދަނާ ކުރަމުން: އަމީރު

މިސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ނިޒާމު ހަރުދަނާ ކުރަމުން: އަމީރު

Author
މުޙައްމަދު ޝަޒައިމް
07 އޭޕްރިލް 2021 12:01
0

މިސަރުކާރުން ދަނީ ކޮރަޕްޝަނަށް ހުޅުވިފައިވާ ދޮރުތައް ބަންދުކޮށް، ނިޒާމު ހަރުދަނާ ކުރަމުން ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފުރަތަމަ ފަހަރަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ޕްރޮކިއުމަންޓް ގައިޑްލައިންއާއި އަދި ކުންފުނިތަކަށް އަމާޒުކޮށްގެން ތައްޔާރުކުރި ޖޮބް ކްލެސިފިކޭޝަން ފްރޭމް ވޯކް ނެރެމަށް މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވެ އެންމެ އިސްކަންދީގެން ކުރިއަށް ގެންދާ މަސައްކަތްތަކަކީ ކުންފުނިތަކުގެ ނިޒާމުތައް ހަރުދަނާ ކުރުން ކަމަށެވެ. ދެފުށް ފެންނަ ޕްރޮކިއުމަންޓް ނިޒާމެއް ޤާއިމު ކުރުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާއިރު ކޮރޮޕްޝަނަށް މަގުފަހިނުވާނެ ގޮތަށް އުސޫލުތައް ޤާއިމު ކުރުމަކީވެސް ވަރަށް ބޮޑު އިސްކަމެއްދެވޭ ކަމެއްކަމަށެވެ. މިކަންތައްތައް ފުރިހަމަ ގޮތުގައި ތަންފީޒު ވެގެން ދިޔުމުން ކުންފުނިތަކުގެ މުޅި ނިޒާމަށް އިންގިލާބީ ބޮޑު ބަދަލެއް އަންނާނެ ކަމަށް މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ ރާއްޖޭގައި ކަރަޕްޝަންގެ ވަބާ އަށަގަނެފައިވާ މިންވަރަށް ބަލާއިރު މަދު ދުވަސްކޮޅެއްގެ ތެރޭގައި މިކަން ފިލުވާލުމަކީ ނާދިރުކަމެއްކަމަށެވެ. އެކަމަކު މިއަދު މި ނެރެވުނު ޕޮލިސީތައްފަދަ ޕޮލިސީތަކާއެކު ވަގު ހިފޭނެ މެކޭނިޒަމްތައް ޤާއިމު ވެގެންދާނެ ކަމަށެވެ. އެއާއެކު ރޯމާ ދުވާލު ވައްކަން ކުރި ފަރާތްތައްވެސް އެކަންތައްތައް ކުރަން ދެން ޖެހިލުންވާނެ ކަމަށެވެ.

މި ސަރުކާރަކީ އަބަދުވެސް ކަރަޕްޝަނަށް ނޫނެކޭ ބުނާނެ ސަރުކާރެއް. ސަރުކާރުވެރިކަމަށް އައީ އެ ވައުދާއެކު. ބައެއް ބޭފުޅުން ވިދާޅުވެދާނެ މިހާރުވެސް ކޮރަޕްޝަން ހިނގައޭ. ކޮބައިހޭ ތަފާތަކީ؟ މި ފިޔަވަޅު މަތީގައި ހުރެގެން ވަރަށް ސާބިތުކަމާއެކު އަޅުގަނޑު މި ދަންނަވަނީ ކަރަޕްޝަނަށް ހުޅުވިފަ ހުރި ދޮރުތައް ބަންދު ކުރަން މި ކުރެވޭ މަސައްކަތޭ ތަފާތަކީ. އުސޫލުތައް ހަރުދަނާކޮށް ނިޒާމުތައް ޤާއިމު ކުރުމޭ ތަފާތަކީ. ކޮންމެ ފަންތިއެއްގެ ގިންތިއެއްގެ މީހަކަށް ކޮރަޕްޝަންގެ އިނގިލި ދިއްކުރެވުނަސް އެކަން ބެލުމޭ ތަފާތަކީ.

– މިނިސްޓަރ އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލްއިން ކޮންމެ އަހަރަކު އާއްމުކުރާ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސްގައި 2020 ވަނަ އަހަރު 55 ދަރަޖައިގެ ކުރިއެރުމެއް ހޯދުމަކީ ކޮރަޕްޝަނާއި ދެކޮލަށް ކުރާ މަސައްކަތުގެ ތަފާތުކަމަށެވެ. އަދި މި ތަފާތުތަކާއެކު ސަރުކާރުގެ އެކި ފަންތީގެ ބޭފުޅުންނާއި ކުންފުނިތަކުގެ އެންމެ އިސް ފަރާތްތަކަށް އިނގިލި ދިއްކުރެވޭ މައްސަލަތައް މިހާރުވެސް ބަލަމުންދާކަމަށެވެ.

ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން ސްޓޭޓް އިންޓާރނަލް އޮޑިޓް ކޮމެޓީ އުފައްދާ މަސައްކަތް ވާނީ ފުޅާ ކޮށްފައިވާކަން ފާހަގަކޮށް މިނިސްޓަރ އަމީރު ވިދާޅުވީ ބީލަމުގެ މައްސަލަ ބަލާ ކޮމެޓީ އާއި މާލިއްޔަތު މައްސަލަ ބަލާ ކޮމެޓީ އުފައްދާ ބޮޑެތި ބާރުތަކެއް ވާނީ ދީފައި ކަމަށެވެ. އެއާއެކު މިއަދު އެކޮމެޓީތަކަށް އެތައް މައްސަލައެއް ހުށަހެޅި ބެލެމުންދާކަމަށާއި، އޭސީސީ އާއި އޮޑިޓަރ ޖެނެރަލް މިނިވަންކަމާއެކު މަސައްކަތް ކުރުމުގެ ފުރުސަތު މިހާރު އެވަނީ ތަނަވަސްކޮށްދެވިފައި ކަމަށެވެ.

ކަރަޕްޝަން ހުއްޓުވުމަށްޓަކާ އެޅޭނެ އެންމެ ބޮޑު އެއް ފިޔަވަޅަކީ މައްސަލަ ހުށަހެޅޭނެ ފަސޭހަ ނިޒާމުތަކެއް ޤާއިމުވެފައި ހުރުން. އޭސީސީއަށް މައްސަލަ ހުށަހެޅުމުގެ އިތުރުން ވިސިލަ ބްލޯ ކުރާނެ ނިޒާމެއް ރައީސް އޮފީހުންވެސް ވަނީ ޤާއިމުކޮށްފައި. އެގޮތަށް ހުށަހެޅޭ މައްސަލަތައް އޭސީސީ އަށާއި ކުންފުނިތަކުގެ ބެލެނިވެރި ފަރާތް، ޕީސީބީއަށް ފޮނުވައިގެންވެސް ދަނީ ބެލެމުން. އޭސީސީގެ ރައީސް މި ރަސްމިއްޔާތުގައި އިންނެވުމާއެކު އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ ސަރުކާރުގެ އިސްވެރިއަކާ  ގުޅޭ ގޮތުންވެސް އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އަވަހަށް އެކަން ބައްލަވާ ދެއްވައްޗޭ.

– އަމީރު ވީދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ކުންފުނިތަކުގެ ވެރިން ސަރުކާރުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާ ރައްޔިތުންނަށް އެންމެ ރަނގަޅަށް ފުރިހަމައަށް ދައްކުވާދެވޭނީ ކުންފުނިތަކުން ފުރިހަމަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.