ޝްރައްދާ ކަޕޫރު ދެން ބެލުންތެރިންނަށް ފެނިގެންދާނީ އޭނާގެ އާ ފިލްމު "ޗާލްބާޒް އިން ލަންޑަން"އިންނެވެ. މި ފިލްމުން އޭނާ ފެނިގެން ދާނީ މުޅިން އާ ރޯލަކުންނެވެ.
އެގޮތުން މި ފިލްމުގައި ޝްރައްދ ޑަބްލް ރޯލުން ފެނިގެންދާނެއެވެ. މި ފިލްމުގެ ކޯ ޕްރޮޑިއުސަރުންނަކީ ބޫޝަން ކުމާރް ކްރިޝަން ކުމާރް އަހްމަދު ޚާން އަދި ޝައިރާ ޚާންއެވެ.
މި ފިލްމަކީ ޕަންކަޖް ޕަރަޝާ ޑައިރެކްޓު ކުރާ ފިލްމެކެވެ. އަދި މިއީ 1989 އެއްގައި ނެރުނު ފިލްމް "ޗާލްބާޒް"ގެ މައްޗަށް ބިނާ ކޮށްގެން ކުޅޭ ފިލްމެކެވެ. އެ ފިލްމުގެ ޑައިރެކްޓަރަކީ ވެސް ޕަންކަޖް އެވެ. މި ފިލުމުން ބެލުންތެރިންނަށް ފެނިގެން ގޮސްފައިވަނީ މަޝްހޫރު ފިލްމީ ތަރި ޝްރީދެވީ އަދި ރަޖްނީ ކާންތެވެ.
1989 އެއްގައި ކުޅެފައިވާ މި ފިލްމުން ޝްރީދޭވީ ވެސް ފެނިގެންދިއައީ ޑަބަލްރޯލުންނެވެ. މި ފިލްމާއި ގުޅޭގޮތުން ވާހަކަ ދައްކަމުން ޝްރައްދާ ބުނެފައިވަނީ އޭނާއަށް މި ފިލްމް ކުޅެން ލިބުމަކީ އޭނާ އަށް ލިބުނު ފަޚުރެއް ކަމަށެވެ. އަދި މިއީ އޭނާގެ ފުރަތަމަ ޑަބްލް ރޯލަށް ވުމާއިއެކުގައި އުދަނގޫ ތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށާއި އެހެންނަމަވެސް އޭނާ ހުރީ ތައްޔާރަށް ކަމަށެވެ.
މީ ބާގީ 3 އަށްފަހު އަހްމަދު ޚާންއާއި އެކުގައި ޝްރައްދާ މަސައްކަތް ކުރާ ދެވަނަ ފިލްމެވެ. މި ފިލްމާއި ބެހޭގޮތުން ވާހަކަ ދައްކަމުން ފިލްމު މޭކާރ އަހްމަދު ޚާން ބުނެފައިވަނީ މި ޕްރޮޖެކްޓަކީ ހުފެނެއް ހަގީގަތަށްވުން ފަދަކަމެއް ކަމަށާއި ޝްރައްދާ ކަހަލަ ތަރިއެއް ލިބުމުން އުފާވާ ކަމަށެވެ. އޭނާ ބުނެފައިވާ ގޮތުން މިފިލްމަށް ޝްރައްދާ ނެގީ އޭނާ ދެކޭ ގޮތުގައި މިރޯލު އެންމެ ރަނގަޅަށް އަދާ ކުރެވޭނީ އޭނާއަށް ކަމަށް ވާތީއެވެ.
މި ފިލްމުގެ އިތުރުން "އިއްޗާދާރީ ނާގިން"އިން ވެސް ޝްރައްދާ ފެނިގެން ދާނެއެވެ.