އިންތިޚާބުތަކާއި ދިމާކޮށް އަބަދު ރައްޔިތުން ގުނބޯ ހެއްދިދާނެކަމަށް ގަބޫލު ކުރުމަކީ ވަރަށް ބޮޑު ގޯހެއްކަމަށް ވިދާޅުވެ ސަރުކާރު ހިންގާ ކޯލިޝަންގެ ޖުމްހޫރީ ޕާޓީގެ ނާއިބް ރައީސް އަހުމަދު ސައުދުގެ ހޫނު ރައްދެއް ކޯލިޝަންގެ މައި ޕާޓީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވައިފިއެވެ.
ރާއްޖޭގެ ވެރިކަމާއި، ރައްޔިތުންގެ މަޖިލިސް އެމްޑީޕީއަށް ދީގެން މާބޮޑު ނަތީޖާއެއް ނުފެނުނުނަމަވެސް، ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ދީފިނަމަ ތަފާތު ފެންނާނެކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެ ދެއްކެވި ވާހަތަކަށް ރައްދު ދެއްވަމުން ސައުދު ވިދާޅުވީ ވެރިކަމުގެ ބާރުތައް އަތުގައިއޮވ، ސަރުކާރަށް ކަންކަން ނުކުރެވި އޭގެ ދަށުން އަންނަ ފަށަލަތަކަށް ކަންކަން ކުރެވިދާނެކަމަށް ރައްޔިތުންނަށް ދައްކަން އުޅުމަކީ ވަރަށް ބޮޑު ގޯހެއްކަމަށެވެ.
ކައުންސިލް އިންތިޚާބު ކާމިޔާބު ކުރެވިއްޖެނަމަ ކަންކަން ކުރެވޭނެކަމަށް ފަސޭހަވާނެކަމަށް ނަޝީދު ވިދާޅުވިއިރު، މީގެ އެތައްފަހަރެއްގެ މަތީން ކައުންސިލްތަކުގެ މެޖޯރިޓީ އެމްޑީޕީއަށް ރައްޔިތުން ދިންކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއަދުވެސް މަސައްކަތް ކުރައްވަނީ ރައްޔިތުން ގުނބޯ ހައްދައިގެން ވޯޓު ހޯދުމަށް ކަމަށް ސައުދު ވިދާޅުވިއެވެ. ނަމަވެސް މިހާރު ދިވެހި ރައްޔިތުންނަށް އެގޮތަށް ދައްކަވާ ވާހަތަކީ ކޮބައިކަން ވަރަށް ސާފުވެފައިވާކަމަށް ސައުދު ވިދާޅުވިއެވެ.
ތިޔަ ވިދާޅުވި ގޮތަށް ކައުންސިލްތަކުގެ ބޮޑު މެޖޯރިޓީވެސް އެތައް ފަހަރަކު ދެވިއްޖެ. ރައްޔިތުން އަބަދު ގުނބޯ ހެއްދިދާނެކަމަށް ޤަބޫލު ކުރަނީތޯ؟ މަތިން ނުކުރެވުނު ކަމެއް ތިރިޔަށް ކުރެވިދާނެކަމަށް ޤަބޫލު ކުރާނަމަ އެއްވެސް ރައްޔިތަކު މި ޤައުމުގައި މިހާރަކު ނޫޅޭނެ.
– ސައުދު ވިދާޅުވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން އިއްޔެ ގަލޮޅުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން މިހާރު ކުރަމުން އަންނަނީ ކެމްޕެއިންގެ އެންމެ ފަހުގެ މަސައްކަތްތައްކަމަށެވެ. ރައީސް ނަޝިދު ވަނީ އަންނަ ހޮނިހިރު ދުވަހު އޮންނަ އިންތިޚާބުގައި ވީހާވެސް ގިނަބަޔަކު ވޯޓު ލުމަށް ނިކުތުމަށް އެދިވަޑައިގެންފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، އެމްޑީޕީން އަންނަނީ ލާމަރުކަޒީ ނިޒާމެއް ޤާއިމްކުރުމަށްކަމާއި، އެކަމުގެ ސަބަބުން ކައުންސިލްތައް ބާރުވެރިވެގެންދާނެކަމަށެވެ. ނަޝީދު ވިދާޅުވީ، ސަރުކާރެއް މެދުވެރިކޮށް ކަމެއް ކުރުމަށްވުރެ ކައުންސިލެއް މެދުވެރިކޮށް އެކަމެއް ކުރުން މާ ފަސޭހަވާނެކަމަށާއި، ސަރުކާރުގެ ބެލުމުގެ ދަށުގައި ހުރި މުދަލަށްވުރެ މާލެ ސިޓީގެ މުދާ ގިނަވާނެކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވަނީ އެމްޑީޕީން މަސައްކަތްކުރަނީ އެފަދަ ކަންކަން ސިޓީ ކައުންސިލްގެ ދަށް ފުރޮޅާލުމަށްކަމަށެވެ.
ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުގެ މަޤާމަށް ޑރ.މުއިއްޒުއަށް މާލެ ސިޓީއަށް ނިސްބަތްވާ އިސްބޭފުޅުންނާއި، ޤައުމުގައި ނަންފެވޭ ގިނަ ބޭފުޅުން ދަނީ މުއިއްޒުއަށް ތާއީދު ކުރަމުންނެވެ. އެގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި، އެކިއެކި ޝަހުސިއްޔަތުންވެސް ޑރ.މުޢިއްްޒުއަށް ތާއީދުކުރައްވާކަން ވަނީ ހާމަކުރައްވާފައެވެ. މިފަހަރުގެ އިންތިޚާބުމުގައި ސަރުކާރަށް އޮތް އެންމެބޮޑު ޗެލެންޖަކީވެސް ޑރ.މުއިއްޒުއެވެ. މުޅި ސަރުކާރުން ދަނީ ޑރ.މުއިއްޒުއަށް ކެނޑިނޭޅި އެންޓި ކެމްޕެއިންކޮށް، އިންތިޚާބު ކާމިޔާބު ވިޔަ ނުދިނުކަށް ކުރެވެން އޮތް ކަމެއް ކުރަމުންނެވެ. ޑރ.މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކިތަންމެ އުދަގުލެއް ކުރިމަތި ކުރުވި ނަމަވެސް ރައްޔިތުންގެ ބޮޑު ތާއީދަކާއިއެކު މި އިންތިޚާބު ކާމިޔާބު ކުރާނެކަމަށެވެ.
ކޮމެންޓު ފޮނުވާ