ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އަޅާފައިވާ ހިޔާ ފްލެޓްތައް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުޢަތެއްލައި، އެފަރާތްތަކަށް ލިބޭ ފުލެޓުގެ ގުރުއަތު ނެގުން މިހަފްތާގެ ބްރާސްފަތި ދުވަހު ބޭއްވުމަށް ހަމަޖހިއްޖެއެވެ.
އެޗްޑީސީން ބުނެފައިވަނީ (ހިޔާ ފުލެޓްގެ ގުރުޢަތު ނެގުން) 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައިވާކަމަށާއި، މިގޮތުން އެންމެ ފުރަތަމަ ގުރުޢަތު ނަގާނީ H10 (ޙާއްޞައެހީއަށް ބޭނުންވާ މީހުން) ގެ ކެޓަގަރީ ކަމަށެވެ.
ގުރުއަތު ނަގާނެ ގޮތް:
1. ގުރުޢަތު ނަގާނީ 8 އޭޕްރީލް 2021 (ބުރާސްފަތި) ދުވަހުގެ ހެދުނު 9:00 އިން ފެށިގެން H10 ކެޓަގަރީ ލިސްޓުގައިވާ އެންމެންގެ ގުރުޢަތު ނަގައިނިމެންދެން ކުރިޔަށް ގެންދިއުން.
2. ގުރުޢަތު ނަގާނީ، މި ކެޓަގަރީ އިން ފުލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ ލިސްޓުގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ ކާޑުގެ ނަމްބަރު ތަރުތީބުން.
3. ގުރުޢަތު ނަގާނީ، ފުލެޓް ނަމްބަރު ކަރުދާސް ކޮޅުތަކެއްގައި ފޮއްޓަކަށް އެޅުމަށްފަހު މަތީގައި ދެންނެވިފައިވާ ފަދައިން ލިސްޓްގައި ހިމެނޭ ފަރާތް ތަކުގެ އައި.ޑީ.ކާޑު ނަމްބަރު ތަރުތީބުން.
4. ގުރުޢަތު ނަގާނީ، ދަޢުލަތުގެ މީޑިއާ ޕީ.އެސް.އެމް އިން ލައިވް ކޮށް ދައްކަމުންނެވެ. އަދި މީޑިއާގެ އެހެން ވަސީލަތް ތަކުންވެސް ލައިވް މަންޒަރު ދެއްކުމަށް މަސައްކަތް ކުރެވޭނެ.
5. މިދުވަސްވަރަކީ ކޯވިޑްގެ ދުވަސްވަރު ކަމަށްވާތީ HPA ގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުޢަތު ނަގާ ހޯލަށް ދަޢުވަތު ދެވިގެންވަޑައިގަންނަވާ އޮބްޒާވަތުންނަށް ވަނުމުގެ ފުރުޞަތު ދެވޭނެ.
6. ގުރުޢަތު ނަގާއިރު، ނެގުނު ފުލެޓާއި، ފުލޯ އާއި ޓަވަރު އިނގޭގޮތަށް ޓީވީ ސްކްރީނުން ފެންނާނެ. މީގެ އިތުރުން ފުލެޓް ލިބުނު ފަރާތުން ދެއްވާފައިވާ ފޯނުނަމްބަރަށް SMS އެއް ލިބިލައްވާނެ، މި SMS ގައި ނެގުނު ފުލެޓް، ޓަވަރު، ފުލޯ ހިމެނިފައިވާނެ އަދި މި ގައި ވާ ލިންކަށް ކްލިކް ކޮއްލުމުން ގުރުއަތުން ނެގުނު ފުލެޓްގެ އިތުރު މަޢުލޫމާތު ފެނިލައްވާނެ.
އެޗްޑީސީން ބުނެފައިވަނީ މި ގުރުޢަތަށްފަހު ލިބުނު ފުލެޓްގެ އެގްރީމެންޓްގައި ސޮއި ކުރުމާއި، ފުލެޓްގެ ތަޅުދަނޑި ޙަވާލުކުރާނެ ތާރީހެއް ފަހުން އިޢުލާނު ކުރެވޭނެކަމަށެވެ.
ހިޔާ މަޝްރޫޢުގެ ފްލެޓް ލިބުނު މީހުންގެ މެދުގައި ލިބެނި ކޮން ފްލެޓެއްތޯ ބެލުމަށް ނަގާ ގުރުއަތުލުން ނަގަން ފަށާއިރު، ފަންނީ ކެޓެގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުންނާއި، ޓީޗަރުންނާއި ސިވިލް ސަރވިސް ކެޓެގަރީން ފްލެޓް ލިބުނު ފަރާތްތަކުގެ ތެރެއިން، ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން އެންގުމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން އިއްޔެވަނީ އެދިފައެވެ.
ޕްލޭނިންގ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފަންނީ ކެޓަގަރީގައި ހިމެނޭ (H4 ޑޮކްޓަރުންނާއި ނަރުހުން، H5 ޓީޗަރުންނަށް ޚާއްޞަ، އަދި ސިވިލް ސަރވިސް ފްލެޓުގެ ފަންނީ ކެޓަގަރީ)އިން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫޢުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށްހުރި ހައުސިންގ މަޝްރޫޢުތަކުގެ ތެރެއިން މަޝްރޫޢަކުން ފްލެޓް ހޯދުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާކަމަށެވެ.
މިފުރުޞަތަކީ، ހިޔާ ފްލެޓަށް ކުރިމަތިލާފައިވާ ފަންނީ ފަރާތްތަކަށް ލިބޭ އާމްދަނީއާއި އެއްހަމަ އެއްގައި ލިބިގެންދާނެ ބޯހިޔާވަހިކަމެއްކަމަށް ޕްލޭނިންގ މިނިސްޓްރީޏް ވިދާޅުވެއެވެ. އަދި މި ހުޅުވާލެވޭ ފުރުޞަތުގެ ދަށުން ހުރި ހައުސިންގ މަޝްރޫޢުތަކުގެ ފްލެޓުތައް ވެގެންދާނީ، އެފްލެޓްތަކުގެ އަގު، ތަނުގެ ފެންވަރާއި އެއްވަރަށް ހިފެހެއްޓިފައިވާ، އަދި ޖާގައިގެ ގޮތުން ތަނަވަސް 03 ކޮޓަރީގެ ފްލެޓްތަކަށްކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.
އެހެންކަމުން H4 އަދި H5 ކެޓަގަރީގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫޢުގެ ފްލެޓް ދޫކޮށްލައްވަން އެދިލައްވާ ފަރާތްތަކުން، މިމަހުގެ 6 އިން ފެށިގެން 19 އާ ދެމެދުގެ މުއްދަތުގެތެރޭގައި ޕްލޭނިންގ މިނިސްޓްރީއަށް އެންގެވުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ. ފްލެޓް ދޫކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަން ސިޓީ މެދުވެރިކޮަށާއި، އީމެއިލް މެދުވެރިކޮށްވެސް އެންގޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ