އައްޑޫ ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގެ ކޮޕީއެއް، މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ އަށް އަރުއްވައިފިއެވެ.
އައްޑޫ ސިޓީގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭންގެ ކޮޕީއެއް ދިފާޢީ ވަޒީރަށް އަރުއްވާފައި ވަނީ ހުޅުމީދޫ ފަޔަރ ސްޓޭޝަން ހުޅުވުމަށްޓަކައި މިއަދު ހެނދުނު ހުޅުދޫމީދޫގައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައި އައްޑޫ ސިޓީގެ މޭޔަރ، ޢަބްދުﷲ ޞާދިޤް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް، އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވަނީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލި ފުރަތަމަ ކައުންސިލަކީ އައްޑޫ ސިޓީ ކައުންސިލްކަން ފާހަގަކުރައްވައި، ކައުންސިލަށް ޝުކުރު ދަންނަވައިފައެވެ. މިއަދުގެ ރަސްމިއްޔާތުގައި އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނާ ގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން މޭޔަރު ސޯދިގު ވިދާޅުވީ، މި ޕްލޭންގެ ސަބަބުން ކާރިސާއެއް ކުރިމަތިވާ ކޮންމެ ހިނދެއްގައިވެސް، އެ ކާރިސާއަކުން އަރައިގަތުމުގައި ސިޓީގައި ޤާއިމުވެފައިވާ އިދާރާތަކާއި، ވަކި ވަކި ފަރުދުންވެސް ކުރަންޖެހޭ ކަންތައްތައް އެނގޭނެ ކަމަށެވެ.
މީގެ އިތުރުން، އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމުގައި، ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ޚަރަދުކޮށްފައި ވަނީ ދިވެހި ރެޑް ކްރެސެންޓުންކަން ފާހަގަކުރައްވައި މޭޔަރ ވަނީ ދިވެހި ރެޑް ކްރެސެންޓާއި، ދިވެހި ރެޑް ކްރެސެންޓްގެ އައްޑޫ ގޮފީގެ މެންބަރުންނަށް ޝުކުރު ދަންނަވައިފައެވެ.
އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ ކާރިސާއާބެހޭ ކަންކަން ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ކައުންސިލްތަކަށް ލާޒިމުކޮށްފައިވާ މަސްއޫލިއްޔަތުގެ ދަށުން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. މި ޕްލޭންގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާއަކަށް އިޖާބަ ދިނުމާއި، ކާރިސާތަކަށް ތައްޔާރުވުމާ ގުޅޭ ހުރިހާ ކަމެއް ބަޔާންވެގެންވެއެވެ. އައްޑޫ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭނަކީ މުޅި ދިވެހިރާއްޖޭގެ ތާރީޚުގައިވެސް އުފެދުނު މިފަދަ ފުރަތަމަ ޕްލޭނެވެ.
ކޮމެންޓު ފޮނުވާ