ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-0 އިން މޮޅުވެ, ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ފަސް ވަނަ އަށް ޖެހިލައިފިއެވެ.
މެޗު ފެށިގެން 15 ސިކުންތު ތެރޭގައި ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ހެދި ގޯހެއްގެ ފައިދާނަގައި ޓީސީގެ ޓްރިންޑާޑް ފޯވާޑް ސެމިއުލް ކޯޑެލް ދިން ބޯޅައަކުން އެ ޓީމުގެ ކެޕްޓަން މުހައްމަދު އައްޒާމް ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އޭގެ ދެ މިނިޓް ފަހުން އޭރިއާބޭރުން އައްޒާމް ފޮނުވާލި ޝޮޓެއް ޔުނައިޓެޑް ވިކްޓްރީގެ ކީޕަރު ނާޖިހު އަލީ ވަނީ މަތަކޮށްފައެވެ.
ޔުނައިޓެޑް ވިކްޓްރީ އަށް ލީޑުނަގައިދޭން ނިޒާމްބެ އާއި ޒުވާން ކުޅުންތެރިޔާ އަހުމަދު ބައްސާމް މުހައްމަދު (ބައްކު) އަށް ލިބުނު ރަނުގެ ފުރުސަތުތައް ބޭނުމެއް ނުކުރެވުނެވެ. ޔުނައިޓެޑް ވިކްޓްރީގެ ކިރްގިސްތާން މިޑްފީލްޑަރު އަނަޓޯލީ ވްލަޝީޗޭފް ހިލޭ ޖެހުމަކުން ނަަގައިދިން ބޯޅަ އެ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ) ބޮލުން ހުސްކޮށްލާފައި ނިޒާމްބެ އަށް ދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު, އަމާޒުވީ ހުރަސްދަނޑިއަށެވެ.
މެޗުގެ 31 ވަނަ މިނުޓުގައި ލިބުުނު ފެނެލްޓީއަކުން ޓީސީ ވަނީ ލީޑްނަގާފައެވެ. އޭރިއާބޭރުން ޓީސީގެ އަބްދުލްވާހިދު (ވާޑު) ޖެހި ޝޮޓް ކީޕަރު ނާޖިހު އަތުގައި ޖެހިފައި ރީބައުންސްވި ވަގުތު ޓީސީގެ ސެމިއުލް އަށް އެ ބޯޅަ ލިބުމުގެ ކުރިން އޭނާ އަށް ޔުނައިޓެޑް ވިކްޓްރީގެ އަހުމަދު ވިސާމް (ޖެރާޑް) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އައްޒާމް ވަނީ ކާމިޔާބުކޮށްފަ އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަތަރު ވަނަ މިނިޓްގައި ޓީސީން ވަނީ އައްޒާމްގެ ގޯލުން ލީޑުފުޅާކޮށްފަ އެވެ. ޔުނައިޓެޑް ވިކްޓްރީގެ ފަހަތުން ވިސާމް އަތުން ގެއްލުނު ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ އައްޒާމް ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ޔުނައިޓެޑް ވިކްޓްރީ އަށް އިތުރު މައްސަލަތައް ކުރިމަތިވީ މެޗުގެ 76 ވަނަ މިނިޓްގައި ދެ ވަނަ ރީނދޫ ކާޑާ އެކު ވިސާމަށް ރަތް ކާޑެއް ދެއްކުމުންނެވެ.
މެޗަށް ނުކުތްއިރު ލީގުގެ ހަތް ވަނައިގައި އޮތް ޓީސީ ފަސް ވަނަ އަށް ޖެހިލީ 11 މެޗުން 12 ޕޮއިންޓް ހަމަކޮށްގެންނެވެ. ހަ ވަަނައިގައި އޮތް ކްލަބް އީގަލްސް އަށް ވެސް 10 މެޗުން 12 ޕޮއިންޓް ލިބިފައިވާއިރު, ޓީސީ އަށް ކުރި ލިބެނީ ލަނޑުގެ ތަފާތުންނެވެ.
ކޮމެންޓު ފޮނުވާ