ކޯވިޑް19އިން ދިފާޢުވުމަށް ޖަހާ ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށައިފިއެވެ.
ރާއްޖޭގައި ކޯވިޑް19 ދިފާޢު ވެކްސިން ދޭން ފަށާފައިވަނީ ފެބްރުއަރީމަހުގެ 1 ވަނަ ދުވަހުއެވެ. ރާއްޖޭގައި ފުރަތަމަ ދޭން ފެށީ އިންޑިއާއިން ހަދިޔާކުރި، އޮކްސްފޯޑާ އެސްޓްރާޒެނެކާ ގުޅިގެން އުފައްޑާފައިވާ ކޮވިޝީލްޑް ވެކްސިންއެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ދޭން ފަށާފައިވަނީ މިއަދު 10:00ގައެވެ. ވެކްސިންދިނުމަށް ހަމަޖެހިފައިވަނީ މިހާރުވެސް ވެކްސިން ޖަހަމުންދާ މަރުކަޒުތަކަށް ކަމުގައި އެޗްޕީއޭއިން ބުނެއެވެ. ދެވަނަ ޑޯޒް ދިނުން ކުރިއަށް ދާނީ ސޯޝަލް ސެންޓަރ، ނެޝެނަލް އާޓް ގެލެރީ، ހުޅުމާލެ ފްލޫ ކްލިނިކް އަދި ވިލިމާލެ ޒުވާނުންގެ މަރުކަޒުގައެވެ. ވެކްސިން ޖަހަން އަންނައިރު ވެކްސިން ކާޑް އަދި އައި.ޑީ ކާޑް/ޕާސްޕޯޓް/ލައިސަންސް ކާޑް ގެނައުމަށް އެޗްޕީއޭއިން ވަނީ އެދިވަޑައިގެންފައެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހަން ފަށަނީ، ފުރަތަމަ ޑޯޒް ޖެހިތާ 8 ހަފްތާއާއި 12 ހަފްތާއާ ދެމެދުގެ މުއްދަތުގައެވެ. ބަލިން ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންނެވެ.
މިހާތަނަށް ރާއްޖޭގެ އާބާދީގެ ބޮޑު އިންސައްތައެއްގެ މީހުން ވަނީ ވެކްސިން ޖަހާފައެވެ. މީގެތެރޭގައި ބޮޑު އިންސައްތައެއް ޖަހާފައިވަނީ ކޮވިޝީލްޑް ވެކްސިންއެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިހާތަނަށް 241،000އަށް ވުރެ ގިނަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަކޮށްފައެވެ.
ކޮމެންޓު ފޮނުވާ