ވެކްސިން ޖެހި މީހުންގެ ޢަދަދު 240،000އިން މައްޗަށް

ވެކްސިން ޖެހި މީހުންގެ ޢަދަދު 240،000އިން މައްޗަށް

Author
މުޙައްމަދު ޖިމީ
01 އޭޕްރިލް 2021 11:14
0

ރާއްޖެއިން ކޯވިޑް-19 ވެކްސިން ޖެހި މީހުންގެ އަދަދު 240،000އަށްވުރެ މައްޗަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ޢާއްމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި މާލެ ސަރަހައްދުން ވެކްސިން ޖެހީ 3،057 މީހުންނެވެ. އަދި އަތޮޅު ތެރެއިން ވެކްސިން ޖެހީ 2،004މީހުންނެވެ.

މިއާއިއެކު މުޅި ރާއްޖެއިން ވެކްސިންޖެހި މީހުންގެ ޖުމްލަވަނީ 240،773އަށް އަރާފައެވެ. މާލެ ސަރަހައްދުން ވެކްސިން ޖެހި މީހުންގެ ޖުމުލަ ޢަދަދު ވަނީ 132،044އަށް ރާފައެވެ. އަދި އަތޮޅުތަކުން ވެކްސިންޖެހި މީހުންގެ ޖުމުލަ ޢަދަދުވަނީ 108،729އަށް އަރާފައެވެ. ވެކްސިން ޖެހުމުގެ ޚިދުމަތް މިހާރު ދެމުން އަންނަނީ މާލެ ސަރަހައްދުގެ 8 ސެންޓަރަކާއި އަތޮޅުތަކުން 169 ސެންޓަރެއްގައެވެ. އަދި މާލޭ ސަރަޙައްދުގައި ވެކްސިން ދިނުމަށްޓަކައި 2 މޯބައިލް ޓީމްވެސް ހަރަކާތްތެރިވަމުން އާދެއެވެ.

ރާއްޖޭގައި އަންނަނީ ވެކްސިން ޖަހާ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ވަކްސިން ޖަހަމުންނެވެ. އެއީ ޢުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ސިނޮފާމް ވެކްސިނެވެ. މީގެ ކުރިން ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކުރި ކޮވިޝީލްޑް ވެކްސިން ހުސްވުމުން މިހާރު ޖަހަމުން އަންނަ ސިނޮފާމް ވެކްސިނަކީ ޗައިނާއިން ހަދިޔާކުރި ވެކްސިނެވެ. އެޗްޕީީއޭއިން މިއަދު ވަނީ ފައިޒާ ވެކްސިން ޖަހާނެ ފަރާތްތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުން އަންނަ މީހުންނަށް ފައިޒާ ވެކްސިން ދިނުމުގައި އިސްކަން ދޭނެކަަމަށް އެޗްޕީއޭއިން ވަނީ ހާމަކޮށްފައެވެ.

ރައްޖޭގައި މިހާތަނަށް ވަނީ ތިން ވެކްސިނަކަށް ހުއްދަ ދީފައެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމްގެ އިތުރުން ފައިޒާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.