އެމްޔޫ ސްޓޯރުގެ ތިޖޫރީ ފަޅާލި މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ޙުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް ނިންމަވައިފިއެވެ.
މީހަކު ރަހީނު ކުރުމަށް ފަހު އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިން ތިޖޫރީ ފަޅާލައި ދެ މިލިޔަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ ޑޮލަރު ވަގަށް ނަގާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭ 2:30 ހާއިރުއެވެ. ފިލާ ބިލްޑިންގުގެ ސެކިއުރިޓީ އަށް ހުރި މީހާ މިދިޔަ އޭޕްރީލްމަހު ފަހުކޮޅު ރަޙީނު ކުރުމަށްފަހު އެ އިމާރާތާ ޖެހިގެން ހުރި އެމްޔޫ ސްޓޯރުގެ އޮފީހުގެ ތިޖޫރީން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި ކަމުގެ ތުހުމަތުގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރިއެވެ.
ފުލުހުން އޭރު ބުނެފައިވަނީ އެ ފަސް މީހުންނަކީ ވެސް ރިސޯޓުތަކުންނާއި އެކި ރަށްރަށަށް އަރައި މޫނު ނިވާކޮށްގެން ތިޖޫރި ފެޅުމުގައި ބައިވެރިވެފައިވާ މީހުންކަމަށާއި، އެ މީހުން ބޭނުން ކުރި ފޯނު ނަމްބަރުތަކަކީ މީގެ ކުރިން ކޮށްފައިވާ ބޮޑެތި ވައްކަންތަކުގައި ވެސް ބޭނުން ކުރި ނަމްބަރުކަމަށެވެ. އަދި އެދަބަސްތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބެލި އިރު ދެ މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި އެއް ލައްކަ 17 ހާސް ޔޫއެސް ޑޮލަރު އެ ދަބަސްތަކުގައި ހުރިކަން ފާހަގަކުރެވުުކަަމށް ފުލުހުން ބުނެފައިވެއެވެ. މި ވައްކަން ފަޅާއެރީ އެ ރޭ ދަންވަރު މާލެ ތެރެ ބެލެހެއްޓުމުގައި ހަރަކާތްތެރިވި ފުލުހުންނަށް، ދުއްވާފައި ދިޔަ ޓެކްސީއަކަށް ޝައްކު ކުރެވިގެން އެ ޓެކްސީ ހުއްޓުވައި ބަލާ ފާސްކުރިއިރު ވައްކަން ކުރުމަށް ބޭނުން ކުރެވިދާނެ ތަކެތި އޭގައި ހުއްޓާ ފެނިގެންނެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް، އަނެއް ހަތަރު މީހުން ދިރިއުޅުނު ހ.ބުރަކިގޭގައި ދިރިއުޅުނު ކޮޓަރި ބަލައި ފާސްކުރިއިރު އެކޮޓަރީގެ ވައިގޮޅި ތެރެއަށް ބޮޑެތި ދަބަސް ތަކެއް އުކާލާފައި ވަނިކޮށް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެ މައްސަލާގައި ދައުވާ އުފުލާފައިވަނީ މޫސާ ޔޫސުފް، ހިމާޔަތް ތުނޑި / ލ. ގަން، އަހްމަދު ފާރިސް، މ.އޭޝިޔާ / މާލެ، އަހްމަދު ޝިފާން، މއ. ކަޅުފެހިގެ / މާލެ، އިސްމާއީލް ސަޔާހް، ހ. ބުރެކިގެއާގެ / މާލެ އަދި ޔޫސުފް ޝާހީން، ހ.ރޯޝަންވިލާ / މާލެގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް އުފުލީ މުދަލަށް ގެއްލުންދިނުމުގެ ދައުވާ އާއި އެނގިހުރެ ހުއްދަނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމުގެ ދައުވާ އާއި ވައްކަންކުރުމުގެ ކުށުގެ ދައުވާއެވެ. މި މައްސަލާގައި މިމަހުގެ28 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ކުރި ޙުކުމުގައި ވަނީ އެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށެވެ. އެމީހުންގެ މައްޗަށް ކުށް ސާބިތުވެފައި ނުވާއިރު، އެމީހުން ވަނީ އެ ދައުވާތަކަށް އިންކާރުވެސް ކޮށްފައެވެ.
އެމީހުންގެ މައްޗަށް ކުށް ސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ކުރިި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރުމަށް ނިންމާފައިވާކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ކޮމެންޓު ފޮނުވާ