ޖެނުއަރީމަހު ވެއްޓުނު އިންޑޮނޭޝިއާގެ ސްރީވިޖާޔާ އެއަރލައިންގެ ބޯޓުގެ ވޮއިސް ރެކޯޑަރ ހޯދައިފި

ޖެނުއަރީމަހު ވެއްޓުނު އިންޑޮނޭޝިއާގެ ސްރީވިޖާޔާ އެއަރލައިންގެ ބޯޓުގެ ވޮއިސް ރެކޯޑަރ ހޯދައިފި

Author
ހުސެއިން
01 އޭޕްރިލް 2021 10:30
0

މިއަހަރުގެ ޖެނުއަރީމަހު ވެއްޓުނު އިންޑޮނޭޝިއާގެ ސްރީވިޖާޔާ އެއަރލައިންގެ މަތިންދާ ބޯޓުގެ ގެއްލިފައިވާ ވޮއިސް ރެކޯޑަރ ތަހުގީގު ޓީމުތަކުން ހޯދައިފިއެވެ. މިބޯޑު އިންޑޮނޭޝިއާގެ ޖަވާ ކަނޑަށް ވެއްޓި ބޯޓުން ދަތުރުކުރި 62 މީހުން ވަނީ މަރުވެފައެވެ.

އޮފިޝަލުން ބުނެފައިވާ ގޮތުގައި، މި ބޯޓުގެ ވޮއިސް ރެކޯޑަރ ފެނިފައިވަނި، ބޯޓު ވެއްޓުނު ދިމާލު ކަނޑުއަޑިން، ޗަކައިގެ 1 މީޓަރު ފުނުންނެވެ. އަދި މި ވޮއިސް ރެކޯޑަރުގައި ހުރި ވާހަކަތައް ދެނެގަތުމަށް އެއް ހަފްތާގެ މުއަދަތެއް ނަގާނެކަމަށްވެސް މި ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރަމުންދާ ފަރާތްތަކުން ބުނެފައި ވެއެވެ.

އިންޑޮނޭޝިއާގެ ކަމާގުޅޭ އިދާރާތަކުން ގަބޫލު ކުރާ ގޮތުގައި، މިބޯޓުގެ "ކަޅު ފޮށިން" ބޯޓު ވެއްޓުމަށް މެދުވެރިވި ސަބަބުތައް ދެނެގަތުމަށް ބޭނުންވާ މުހިއްމު މައުލޫމާތުތައް ލިބިގެން ދާނެއެވެ.

ސްރީވިޖާޔާ އެއަރލައިންގެ ބޯޓެއް ކަމުގައިވާ SJ182 ބޯޓު ވެއްޓިފައިވަނީ، އިންޑޮނޭޝިއާގެ ޖަކާޓާގެ އެއަޕޯޓުން ނައްޓާލިތާ މަދު މިނިކޮޅެއްގެ ތެރޭގައެވެ.

މި ބޯޓު ވެއްޓުނުތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި، ބޯޓުގެ ބައިތައް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ޓީމުތަކަށް ވަނީ، ފްލައިޓް ޑާޓާތައް ރައްކާ ކޮށްފައި ހުންނަ ރެކޯޑަރ ހޯދާފައެވެ. އެހެންނަމަވެސް، ފްލައިޓްގެ ޑާޓާ ރެކޯޑަރުން ހޯދުނު މައުލޫމާތުތަކުން، މި ބޯޓު ވެއްޓެން މެދުވެރިވި ހަގީގީ ސަބަބުވަނީ ދެނަގަނެވޭ ގޮތް ނުވެފައެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ ތަހުގީގު ކުރަމުންދިޔަ ޓީމުން އެންމެ ފުރަތަމަ ނެރެފައިވާ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ބޯޓު ވެއްޓުމުގެ ކުރިން، ބޯޓުގެ އިންޖީނަށް މައްސަލަތަކެއް ކުރިމަތި ވެފައި ވެއެވެ. އަދި ބޯޓު ކަޑަށް ވެއްޓިފައިވަނީ، އެބުރެމުން އެބުރެމުން ގޮހެވެ.

މިފްލައިޓް ޖަކާޓާގެ ސޮއިކާނޯ-ހައްޓާ އެއަރޕޯޓުން ފުރައިގެން ދަތުރު ކުރަމުން ދިޔައީ އިންޑޮނޭޝިއާގެ ވެސްޓް ކަލިމަންޓަންގެ ސަރަހައްދީ ކެޕިޓަލް ކަމުގައިވާ ޕޮންޓިއަނަކައަށް، 62 ޕަސެންޖަރުންނާ އެކުއެވެ. 62 ޕަސެންޖަރުންގެ ތެރޭގައި، 7 ކުޑަކުދިންނާއި 12 ކުރޫއިން ހިމެނެއެވެ.

އުމުރުން 26 އަހަރު ވެފައިވާ ބޮއިން 737ގެ މި ބޯޓު ވަނީ 2020 ވަނަ އަހަރުގެ ޑިސެމްބަރުމަހު، އެއަރ ވާތިނެސް ޓެސްޓުތަކުން ފާސްވެފައެވެ. އަދި ކޯވިޑް ކާރިސާގެ ތެރޭގައި ކުޑަ ދުވަސްކޮޅަށް ދަތުރު ނުކޮށް ބާއްވާފައި އޮތެވެ.

270 މިލިއަން މީހުންގެ ބޮޑު އާބާދީއެއް އޮންނަ އިންޑޮނޭޝިއާއަކީ ތަފާތު ގިނަ ރައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ގައުމަށް ވާތީވެ، 3000 މޭލަށް ފެތުރިފައިވާ މިރައްތަކަށް ދަތުރުކުރުމުގައި އެގައުމުގެ ރައްޔިތުން ބޭނުންކުރާ އެންމެ މައިގަޑު ވަސީލަތަކީ ވައިގެ ދަތުރުފަތުރެވެ.

2003 ވަނަ އަހަރު އުފައްދާފައިވާ ބަޖެޓް އެއަރލައިނެއް ކަމުގައިވާ، ސްރީވިޖާޔާ އެއަރލައިނަކީ، އިންޑޮނޭޝިއާގެ 3 ވަނައަށް އެންމެ ބޮޑު އެއަރލައިނެވެ. މި އެއަރލައިނުން، ކޮންމެ މަހަކުވެސް، އިންޑޮނޭޝިއާގެ 53 ސަރަހައްދަކަށާއި އަދި ސަރަހައްދީ 3 ގައުމަށް 950،000 ޕަސެންޖަރުން އުފުލާކަމަށް، މި އެއަރލައިންގެ ވެބްސައިޓްގައި ހުރި މައުލޫމާތުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.