ރާއްޖޭގައި ކޯވިޑް-19 ވެކްސިންގެ ދެވަނަ ޑޯޒް އަންނަ ހޮނިހިރު ދުވަހުންފެށގެން ދިނުމަށް ނިންމައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ އޭޕްރީލް 3 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ކޯވިޑްގެ ދެވަނަ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށާއި، ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ޖަހާފައިވާތާ 8 ހަފްތާ ވެފައިވާ މީހުންނަށްކަަމަށެވެ. ރާއްޖޭގައި ދެވަނަ ޑޯޒްގެ ވެކްސިން ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ 8 ހަފްތާއާއި 12 ހަފްތާއާއި ދެމެދުކަމަށް ކުރިން އެޗްޕީއޭއިން ބުނެފައިވެއެވެ.
ކޯވީޑް-19 އިން ދިފާއުވުމަށް އެންމެ މުހިންމުކަމަކީ ވެކްސިން ޖެހުންކަމަށްވާއިރު، ފުރިހަމައަށް ދިފާޢުވުމަށް އެހީއަކަށްވަނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުންކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ. ރާއްޖޭގައި ކޯވީޑް ވެކްސިން ދިނުން ފަށާފައިވަނީ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހުއެވެ. ރާއްޖޭގައި ތިން ވެކްސިނެއް ޖެހުމުގެ ހުއްދަ ވަނީ ދީފައެވެ. އެއީ އިންޑިއާގެ ސީރަމް އިންސްޓިޓުޓުން އުފައްދާ ކޮވިޝީލްޑް ވެކްސިނާއި، ޗައިނާގެ ސިނޮފާމް ވެކްސިންގެ އިތުރުން އެމެރިކާގެ ފައިޒާ ވެކްސިނެވެ.
މާލޭގެ 8 ސެންޓަރުންނާ އަތޮޅުތަކުގެ 169 ސެންޓަރެއްގައި ވެކްސިން ދިނުމުގެ ޚިދުމަތްދަނީ ދެމުންނެވެ. ރާއްޖޭގައި މިހާތަނަށް ވަނީ 235،000އަށް ވުރެ ގިނަ މީހުން ވެކްސިން ޖަހާފައެވެ. އެއީ ރާއްޖޭގެ އާބާދީގެ %47 މީހުންނެވެ. އަދި މިހާރު ޖަހައިދެމުން އަންނަނީ ސިނޮފާމް ވެކްސިނެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ދިނުން އަންނަ ހޯމަ ދުވަހު ފަށާއިރު، ދެވަނަ ޑޯޒް ދޭނީ ފުރަތަމަ ޑޯޒް ނެގި ބާވަތުންނެވެ.
ކޮމެންޓު ފޮނުވާ