ޖަރުމަނު ލީގުގައި ލީޕްޒިގް އެޓީމުން ކުޅުނު މެޗު ކާމިޔާބުކޮށް ތާވަލުގެ އެއްވަނައިގަ އެއްޕޮއިންޓުގެ ލީޑެއް ދަމަހައްޓައިފިއެވެ.
ރަށުންބޭރުގައި ލީޕްޒިގް މޮޅުވީ އޮގްސްބާގްއާ ވާދަކޮށް 2-0 ލަނޑުން މެޗު ކާމިޔާބު ކޮށްގެންނެވެ. މެޗުގެ ފުރަތަމަ ލަނޑު ފުރަތަމަ ހާފްގެ 45 މިނިޓުގައި ކާމިޔާބުކުރީ ލީޕްޒިގް އަންގެލިނޯއެވެ. ލީޕްޒިގުން ލީޑް ފުޅާކުރީ ދެވަނަހާފްގެ 66 ވަނަ މިނިޓުގައި ޔޫސުފް ޕައުލެންސަން ކާމިޔާބުކުރި ލަނޑުންނެވެ.
ލީގުގައި ރޭ އެންމެފަހުގެ ޗެމްޕިއަން ބަޔާންމިއުނިކް ލޮވެންޑެސްކީގެ ދެގޯލާއެކު އަލަށް ޕްރޮމޯޓްވި އަރްމީނިޔާ ބިއިލަފީލްޑް މައްޗަށް ކުރި ހޯދާފައެވެ. ބަޔާންގެ ދަނޑުގައި ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ 4-1 ލަނޑުންނެވެ. މެޗުގައި ތޯމްސް މުލާ އާއި ރޮބާޓް ލެވޮންޑެސްކީ ވަނީ ދެ ލަނޑު ކާމިޔާބުކޮއްދީފައެވެ.
މިއީ ބަޔާންއަށް ލެވޮންޑެސްކީ ކުޅުނު 100 މެޗުން އޭނާ އެ ކުލަބަށް ކާމިޔާބުކޮއްދިން 102 ވަނަ ލަނޑެވެ. މި ލަނޑާއެކު އުމުރުން 32 އަހަރު ފޯވާޑް މިހާރުވަނީ ލީގުގައި ވާދަކުރާ ހުރިހާ ޓީމެއް ކޮޅަށް ލަނޑުޖަހާފައެވެ. ބެއިލަފެލްގެ ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ރިސޫ ޑޯންއެވެ. މިމެޗުގެ 76 ވަނަ ބަޔާންގެ ކޮރެންތިން ޓޮލީސިޔޯއަށް ވަނީ ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.
ރޭގައި ވާދަވެރި ބްރޫޝިޔާ ޑޯޓްމަންޑް ވެސް ވަނީ ހޮފެންހަމްއާ ވާދަކޮށް 1-0 ލަނޑު މެޗު ކާމިޔާބުކޮށް ބަޔާން މިއުނިކާ ޕޮއިންޓެއްގެ ގޮތުން ހަމަހަމަކޮއްފައެވެ. މެޗުގައި ހަމައެކަނި ޑޯޓްމަންޑުން ޖެހިލަނޑު ފެނިގެން ދިޔައީ 76 ވަނަ މިނިޓުގައި އާލިން ހާލަންޑް ދިން ބޯޅައަކުން މާކޯ ރެއުސް ގޯލްތެރައަށް ފޮނުވާގެންނެވެ. މިއީ ވޭތުވެދިޔަ އަށްއަހަރު ތެރޭގައި ޑޯޓްމަންޑްއިން ރަށުން ބޭރުގައި ހޮފެންހަމްވާދަކޮށް ކުރި ހޯދުނު ފުރަތަމަ ފަހަރުއެވެ.
ރޭގައި ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ބަޔާ ލެވަކޫސަން އާއި ސުޓްރުޓްގާޓުން މޮޅެއް ހޯދި އިރު ވާޑާ ބްރޭމަން އާއި ވޮލްފާގުން އެޓީމުން ކުޅުނު މެޗުތަކުން ވަނީ އެއްވަރުވެފައެވެ.
މި ނަތީޖާ އެކު ލީޕްޒީގް އޮތީ 10 ޕޮއިންޓްއާކު ތާވަލުގެ އެއްވަނައިގައެވެ. ލީޕްޒިގަށް ވުރެ އެއްޕޮއިންޓް މަދުން ހޯދައިގެން ބަޔާން މިއުނިކް ފައިދާ ލަނޑުގެ ތަފާތުން ތާވަލުގެ ދެވަނައިގަ އޮތްއިރު ހަމަ މިއަދަދަށް ޕޮއިންޓް ހޯދައިގެން ޑޯޓްމަންޑް އޮތީ ތިންވަނައިގައެވެ. ރޭގައި ހޯދި މޮޅާއެކު ސްޓްރުޓްގާޓުން ވަނީ ލީގުގެ ހަތަރުވަނައަށް ކުރިއައްޖެހިލާފައެވެ.