އިލެކްޝަންސް ކޮމިޝަން އޮތީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވެގެންތޯ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސުވާލު އުފައްދައިފި އެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކެމްޕއެިން މެނޭޖަރ މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވީ، އަންނަ މަހުގެ 10 ވަނަ ދުވަހު ބާއްވާ އިންތިހާބަކީ ރާއްޖޭގައި އަދި މީގެކުރިން އިންތިހާބެއް ބާއްވާފައި ނުވާފަދަ ހާލަތެއްގައި ބާއްވާ އިންތިހާބެއް ކަމަށާއި އިންތިހާބުގައި ގިނައަދަދެއްގެ ކެނޑިޑޭޓުން ވާދަކުރަމުންގެންދާތީ އެހެން އިންތިހާބުތަކަށްވުރެ ވޯޓުކަރުދާސްވެސް މާބޮޑަށް ތަފާތު ވާނެކަމަށެވެ.
އެހެންކަމުން ރައްޔިތުން ވޯޓުލާންދިއުމުގެ ކުރިން ރަނގަޅަށް މަޢުލޫމާތު ސާފުވެ، ވޯޓުލުން ކުރިއަށްދާނެ ގޮތާއި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާން ޖެހޭނެ ގޮތްތައް ރަނގަޅަށް އެނގި ސާފުވެފައި ހުރުމުގެ މުހިންމުކަން އިލެކްޝަންސް ކޮމިޝަނާއިއެކު މިއަދު އިދިކޮޅު ކޯލިޝަން ބޭއްވި ބައްދަލުވުމުގައި ސަމާލުކަމަށް ގެނެސްފައި ވާ ކަމަށް މުއާޒް ވިދާޅުވިއެވެ.
މިފަދަ ޕެންޑަމިކެއްގެ ތެރޭގައި އިންތިހާބު ބާއްވާއިރު އޮފިޝަލުންނާއި އޮބްޒާވަރުންނާއި ކެނޑިޑޭޓުންނާއި މަންދޫބުން ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެ ގޮތްތަކާބެހޭ އުސޫލެއްވެސް އަދި މިހާތަނަށް ހެދިފައި ނުވާތީ އެކަމުގެ ޝަކުވާވެސް ކޮމިޝަނަށް މިއަދު އުފުލާފައި ވާނެކަމަށް މުއާޒް ވިދާޅުވިއެވެ. އަދި ކޮމިޝަނުން ވަރަށް އަވަހަށް އެކަންކަން އާންމުކޮށް، އާންމުރައްޔިތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ވެސް ވަރަށް އަވަހަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވިކަމަށެވެ.
އެހެން ނަމަވެސް އިންތިހާބު ބާއްވާ ތާރީހު މިހާ ކުޑަތަން ވަމުން އަންނައިރު އެފަދަކަންކަން ފުރިހަމަ ނުވެ ހުރުމުން އިލެކްޝަންސް ކޮމިޝަން އޮތީ މި އިންތިހާބަށް ތައްޔާރުވެފައި ތޯ ސުވާލު އުފެދޭ ކަމަށެވެ.
މީގެ އިތުރުން އިންތިހާބުގައި ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭ މައްސަލައާއި، އިދިކޮޅުގެ ހުރި ކަންބޮޑުވުންތަކަށް ކޮމިޝަންގެ ތެރެއިން އެއްވެސް ހައްލެއް ލިބޭނެކަމަށް ގަބޫލުނުކުރެވޭ ކަމަށްވެސް "މިއީ މަގޭ ރާއްޖެ" ކެމްޕެއިން ޓީމުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ