މާމެންދޫގައި ހިންގި މާރާމާރިއާއި ގުޅިގެން ތިން މީހެއްގެ މައްޗަށާއި، 18 އަހަރު ނުފުރޭ ކުއްޖެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ކޯޓަށް ހުށައަޅައިފިއެވެ.
ގއ.މާމެންދޫގައި ދެ ގްރޫޕެއްގެ މެދުގައި ހިނގި މާރާމާރީ ހިނގީ މިދިޔަ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރެއެވެ. އެ މާރާމާރީގައި ލިބުނު ޒަޚަމްތަކަށް ފަރުވާދެމުން އަންނަނިކޮށް އެރަށު ލީލީ އޮފް ދިވެލީ ޢުމުރުން 17 އަހަރުގެ އަޙްމަދު އުދައްޔު ވަނީ ނިޔާވެފައެވެ. އުދައްޔުގެ ބުރަކަށީގެ އެކި ތަންތަނަށް ވަޅިން ހަމަލާދީފައިވާކަމަށާއި 4 ނުވަތަ 5 އިންޗި ފުނަށް ވަޅި ހަރައި ޒަޚަމްކޮށްލާފައިވާ ނިޝާންތައްވެސް ހުރިކަމަށް ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ. އުދައްޔު ހޮސްޕިޓަލަށް ގެންދިޔައިރުވެސް މަރުވެފައިވާކަމަށާއި ވަޅި ހަރާފައިވަނީ ވަރަށް ފުނަށް ކަމުން ހަށިގަނޑުގެ މައި ގުނަވަންތަކަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޑޮކްޓަރުން ހަވާލާދީ ގއ.އަތޮޅު ހޮސްޕިޓަލުން ބުނެފައިވެއެވެ.
މި މައްސަލާގައި ޕީޖީ އޮފީހުން ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށައަޅާފައިވަނީ3 މީހަކާއި18 އަހަރު ނުފުރޭ ކުޑަކުއްޖެއްގެ މައްޗަށެެވެ.
ޕީޖީ އޮފީހުން ބުނީ، މިދޔަ ފެބުރުއަރީ މަހުގެ 8 ވަނަ ދުވަހުގެ ރޭ 21:30 އެހައިކަށްހައިއިރު، ގއ. މާމެންދޫގައި، ޢުމުރުން 17 އަހަރުގެ ދެކުދިންނާމެދު ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ސަބަބުން އެ ދެކުދިންނަށް ޖިސްމާނީ ގޮތުން ބޮޑެތި އަނިޔާތަށްލިބި، އެ އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އޭގެތެރެއިން ކުއްޖަކު ނިޔާވެފައިވާ މައްސަލާގައި ދަޢުވާތައް ކުރުމަށް މިމަހުގެ 22 ވަނަ ދުވަހު ޖުވެނައިލް ކޯޓަށާއި، ކްރިމިނަލް ކޯޓަށް ހުށައަޅާފައިވާކަމަށެވެ.
އެގޮތުން ދައުވާ ކުރުމަށް ފޮނުވާފައިވާ ތިން މީހުންނަކީ ގއ. މާމެންދޫ، ރިހިފަރުދާގެ، އަޙުމަދު ޝަމީމްއާއި، ގއ. މާމެންދޫ، ބިލަތްމާގެ، ޝަރަފު ރަޝިދުއާއި، ގއ. މާމެންދޫ، ގުލްފާމުގެ، މުޙައްމަދު މާޒިންގެ މައްޗަށެވެ.
އެމީހުންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެކުށުގެ ދަޢުވާއާއި، ހަމަ އެޤާނޫނުގެ ދަށުން، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާއެވެ. އެދެމީހުންގެ މައްޗަށް ދައުވާ އުފުލާ ހުށއަޅާފައިވަނީ ކްރިމިނަލް ކޯޓަށެވެ.
މި މައްސަލާގައި 18 އަހަރުން ދަށުގެ ކުއްޖެއްގެ މައްޗަށް އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނުގެ ދަށުން، ތޫނު އެއްޗެއް ބޭނުންކޮށްގެން ޤަޞްދުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއާއި، މީހަކަށް ނުރައްކާތެރި ހާނިއްކައެއްވާގޮތަށް ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދަޢުވާކަމށެވެ. އެކުއްޖާގެ މައްޗަށް ދައުވާ އުފުލާފައިވާ މައްސަލަ ފޮނުވާފައިވަނީ ޖުވެނައިލް ކޯޓަށެވެ.
އުދައްޔު ވަޅުލާފައިވަނީ އޭނާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށްފަހުއެވެ.
ކޮމެންޓު ފޮނުވާ