ވައްކަމުން ނެއްޓެން މަސައްކަތްކުރިޔަސް މިއީ ވަގު ސަރުކާރެއް: ސަޢީދު

ވައްކަމުން ނެއްޓެން މަސައްކަތްކުރިޔަސް މިއީ ވަގު ސަރުކާރެއް: ސަޢީދު

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 02:37
0

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު ރާއްޖެއިން ބޭރަށް ފުރުވާލީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ އެންގެވުމަށްކަމަށާއި،ީ މިއީ ވަގު ސަރުކާރެއްކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކަށް ޢަލީ ވަޙީދު ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރާ މައްސާލަގައި އޭނާގެ ޕާސްޕޯޓް ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ވަޑައިގެންފައެވެ. މި މައްސަލަ މަޖިލީހުގެ ހުރިހާ އަންހެން މެންބަރުން ޖުޑީޝަރީ ކޮމިޓީޢަށް ހުށައެޅި މައްސަލަ ދިރާސާކޮށް އެކޮމިޓީން އެކުލަވާލި ރިޕޯޓްގައި ވަނީ، މި މައްސަލާގައި މަޖިލީހަށް ކުރެވޭނެ ހަމައެކަނި ކަމަކީ އަލީ ވަހީދުގެ މައްސަލަ މުއައްސަސާތަކުން ކުރިއަށްގެންދާގޮތަށް ފާރަވެރިވުންކަމަށެވެ.

މި ރިޕޯޓް މަޖިލީހަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އަދި ޖުޑީޝަރީ ކޮމިޓީގެ މުޤައްރިރު އިމްތިޔާޒް ފަހުމީ ހުށައެޅުއްވުމުން، ރިޕޯޓަށް ވާހަކަފުޅު ދައްކަވަމުން ސަޢީދު ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ސަޢީދު ވިދާޅުވީ، އިމްތިޔާޒް މަޖިލީހަށް ހުށައެޅުއްވި އެ ރިޕޯޓަކީ ދެކޮޅު ނުޖެހޭ ރިޕޯޓެއްކަމަށެވެ. ސަޢީދު ވިދާޅުވީ، ޢަލީ ވަހީދު ރާއްޖެއިން ބޭރަށް ފޮނުވާލީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އެންގެވުމަށްކަމަށެވެ.

އަލީ ވަހީދު ފުރުވާލީ ރައީސް ޞާލިޙް. އަލީ ވަހީދަށް ޓިކެޓް ނަގައިދިނީ ރައީސް ޞާލިޙްގެ އެންގުަމަށް ސަރުކާރުން. ޢަލީ ވަހީދުގެ ހުރިހާ ކަމެއް ބަލަހައްޓައިދިނީ ފަސްޓް ކްލާހުގައި ރައީސް ޞާލިޙް. ރައީސް ޞާލިޙަށް އެނގޭ ޢަލީ ވަހީދު ވަޑައިގަންނަވަނީ ޓަރކިޝް އެއަރލައިނުންކަން. ކޮން ކްލާހެއްގަކަން. ކޮން ޤައުމަކަށްކަން ވަޑައިގަންނަވަނީ އެނގިވަޑައިގަންނަވާ. މިއީ ސީދާ ރައީސް ޞާލިޙް އަޑީގަ ހުންނަވައިގެން ކުރެއްވި ކަމެއް.

– މުހައްމަދު ސަޢީދު

ސަޢީދު ވިދާޅުވީ ރޭޕްގެ މައްސަލަތަކާއި، ވައްކަމުގެ މައްސަލަތުގައި އުންސުރު ހަމަނުވާކަމަށެވެ. ނަމަވެސް އަލީ ވަހީދު ފުރުވާލި މައްސަލާގައި އުންސުރު ހަމަވެ، ތިކިޖެހި ތާނަވެސް ހަމަވެއްޖެކަމަށް ސަޢީދު ވިދާޅުވިއެވެ.

މިއީ ދައުލަތުން ވައްކަންކުރަނީ. މިއީ ވަގު ސަރުކާރެއް އިއްޒަތެތެރި ރައީސް. ވަގުސަރުކާރެއް މިއީ. އެހެންވީމަ ވައްކަމުން ނެއްޓެން ޠާހިރުވާން އެ މަސައްކަތްކުރަނީ.

– މުޙައްމަދު ސަޢީދު

ޓޫރިޒަމް މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކަކށް ޖިންސީގޯނާކޮށްފައިވާކަމަށް ތުހުމަތުކުރެވިފައިވަނިކޮށް ޢަލީ ވަހީދު ފުރުވާލުމަކީ ކަނބަލުންގެ މޫނުމަތީގައި ޖެހުންކަމަށް ސަޢީދު ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ސަރުކާރާއި، ޖުޑީޝަރީއާއި ރައްޔިތުންގެ މަޖިލިސް އެކައްޗަކަށް އަޅައިގެން މުޅި ޤައުމު ހަލާކުކޮށް ސުންނާފަތިކުރަމުންދާކަމަށެވެ.

އަލީ ވަހީދު މި ފުރުވާލީ މީހަކު ޖާމިނުކޮށްފަ. ޖިންސީ ގޯނާގެ މައްސަލާގަމީހަކު ޖާމިނު ނުކުރެވޭނެ. ރައްޔިތުންނަށް އިޚްލާސްތެރިނަމަ އަލީ ވަހީދު ޖެހޭނީ މިހާރުން މިހާރަށް ގެންނަން.

– މުޙައްމަދު ސަޢީދު

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.