ޢަލީ ވަޙީދުގެ މައްސަލާގައި މަޖިލީހަށް ކުރެވޭނެކަމަކީ ފާރަވެރިވުންކަމަށް ކަނޑައަޅައި ފާސްކޮށްފި

ޢަލީ ވަޙީދުގެ މައްސަލާގައި މަޖިލީހަށް ކުރެވޭނެކަމަކީ ފާރަވެރިވުންކަމަށް ކަނޑައަޅައި ފާސްކޮށްފި

Author
މުޙައްމަދު ޖިމީ
30 މާރޗް 2021 01:43
0

ޖިންސީ ގޯނާގެދ ދަޢުވާ އުފުލާފައިވަނިކޮށް ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލައާމެދު މުއައްސަސާތަކުން އަމަލުކުރަމުންދާ ގޮަތަށް މަޖިލީހުން ފާރަވެރިވުމަށް ފާސްކޮށްފިއެވެ.

މަޖިލީހުން މިގޮތަށް ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 33 މެންބަރުންގެ ވޯޓުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކަކަށް ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު ޖިންސީ ގޯނާކުރިކަމަށް ބުނެ ދައވާ އުފުލާފައިވަނިކޮށް އޭނާގެ ޕާސްޓްޕޯޓް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމުމުން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރާވަޑައިގެން ދިއުމުން، ޢަލީ ވަޙީދުގެ މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައި ވަނީ މިދިޔަ ފެބުރުއަރީ މަހުގެ 11 ވަނަ ދުވަހު މަޖިލީހުގެ ހުރިހާ އަންހެން މެންބަރުންނެވެ.

މި މައްސަލަ ޖުޑީޝަރީ ކޮމިޓީން ދިރާސާކޮށް ނިންމެވި ރިޕޯޓްގައި ވަނީ ޢަލީ ވަޙީދުގެ މައްސަލާގައި ދެން މަޖިލީހަށް ކުރެވެން އޮތް ހަމައެކަނި ކަމަކީ މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތަށް ފާރަވެރިވެ މުއައްސަސާތައް ޖަވާބުދާރީކުރުވުންކަމަށެވެ.

މަޖިލީހުން މިއަދު ފާސްކުރި ކޮމިޓީ ރިޕޯޓްގައި ކަމާގުޅުންހުރި މުއައްސަސާތަކަށް ހުށައެޅުމަށް ބައެއް ހުށައެޅުންތައްވެސް ހިމަނާފައިވެއެވެ. އޭގެ ތެރޭގައި:

– ޝަރީޢަތުގެ އަޑުއެހުންތަކުގެ ތާވަލު ކޯޓުތަކުން ދުރާލާ ކަނޑައަޅުއްވައި، ދަޢުވާލިބޭ ފަރާތް އެ ދުވަސްތަކަށް ކޯޓަށް ހާޒިރުވުމަށް ސަމާލުވުމަށް ފުރުޞަތު ބޮޑުކުރުވުން؛ އަދި ދިވެހިރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ނުވަތަ ރާއްޖެއިން ބޭރަށް ދަޢުވާލިބޭ ފަރާތް ދަތުރުކުރަންޖެހޭ ޙާލަތެއްގައި ޝަރީޢަތުގެ އަޑުއެހުމެއް ނޯންނަ އިރަކަށް އެފަދަ ދަތުރު އިންތިޒާމުކުރުމަށް ފުރުޞަތު ބޮޑުކޮށްދީ، ޝަރީޢަތުގެ އަޑުއެހުންތަކަށް ހުރަސްނޭޅޭނެ ގޮތަށް ކޯޓުގެ ނިޒާމު ފުރިހަމަކުރުން؛

– ޕާސްޕޯޓު ހިފެހެއްޓުންފަދަ، ކުށުގެ ތުހުމަތުކުރެވޭ ނުވަތަ ދަޢުވާލިބޭ ފަރާތުގެ ޙައްޤުތައް ހިފަހައްޓާ މައްސަލަތަކުގެ ތަޙްޤީޤު އަވަސްކުރުމާއި ތަޙްޤީޤު އިދާރާތަކުން އަވަސްކޮށްދެއްވުމަށް ބާރުއެޅުއްވުމަށާއި، ނުވަތަ ކޯޓުން މައްސަލަތައް ނިންމުން އަވަސްކޮށްގެން، ކުށް ސާބިތުނުވާ ފަރާތްތަކުގެ ޕާސްޕޯޓު އަވަހަށް ވީއްލައި އެ ފަރާތްތަކުގެ ދަތުރުފަތުރުކުރުމުގެ ޙައްޤަށް އެއްވެސް މިންވަރަކަށް ހުރަސް ނޭޅުން؛

– ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއް އުފުލިފައިވާ ފަރާތެއްނަމަ، ނުވަތަ އެފަދަ ކުށެއްގެ ތަޙްޤީޤެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ޙާލަތުގައި، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަދޭންޖެހިއްޖެ ޙާލަތެއްގައި ޕާސްޕޯޓުގެ ބަދަލުގައި ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް )ޓެމްޕަ ރަރީ ޓްރެވަލް ޑޮކިއުމަންޓެއް) ގައި މެނުވީ ދަތުރުކުރުމަށް ހުއްދަ ނުދެވޭނޭގޮތަށް އުސޫލު ބަދަލުކުރުން؛

– ޖިނާއީ ބޮޑު ކުށެއްގެ ދަޢުވާއެއް އުފުލިފައިވާ ފަރާތެއްނަމަ، ނުވަތަ އެފަދަ ކުށެއްގެ ތަޙްޤީޤެއް ހިނގަމުންދާ މީހެއްނަމަ، އެމީހެއްގެ ޕާސްޕޯޓު ހިފަހައްޓާ ޙާލަތުގައި، ރާއްޖެއިން ބޭރަށް ފުރުމަށް ހުއްދަދެވޭހިނދު، ހުއްދަދޭންޖެހޭ ސަބަބުގެ އިތުރަށް، މައްސަލައިގެ ބާވަތަށާއި އަދި މައްސަލައިގެ ވަށައިގެންވާ އެންމެހައި ކަންކަމަށް އެންމެ ފުޅާމިނެއްގައި ރިޢާޔަތްކުރުން؛

ޢަލީ ވަޙީދުގެ މައްޗަށް ކުރާ ޖިންސީ ފުރައްސާރައިގެ މައްސަލާގައި އޭނާގެ ޕާސްޓްޕޯޓް ހިފަހައްޓާފައި އޮތުމަށްފަހު، އަމުރު މުރާޖައާ ކުރަން ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި އަލީ ވަހީދުގެ ފަރާތުން ވަންނީ އޭނާގެ ސިއްހީ ހާލަތު ބަޔާން ކޮށްދިނުމަށް ޑޮކްޓަރަކު ހާޒިރުކޮށްފައެވެ. ޑޮކްޓަރު ވަނީ ޢަލީ ވަޙީދުގެ މައިބަދައިގެ ޑިސްކުތަކެއް ގުޑާފައިވާކަަމަށް ވިދާޅުވެފައެވެ.

ކުށެއްގެ ތުހުމަތުވާ މީހަކު ބަންދުން ދޫކުރުމުގައި މީހަކު ޖާމިނުވެއްޖެ ނަމަ އޭނާ ބަންދުން ދޫކޮށްލުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވެ އެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 64 ވަނަ މާއްދާގައި ބުނެފައި ވަނީ، ބަންދުގައިހުރި މީހަކު ކަފާލާތުގެ އުސޫލުން ބަންދުން ދޫކުރުމަށްޓަކައި، ބަންދުގައި ހުރި މީހާއަށް ޖާމިނުވާ މީހާ، އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ އޭނާ އެކުރަނީ ކުށެއް ކަމަށެވެ.

ބަންދުން ދޫކޮށްލެވުނު މީހާ ފިލައިފިނަމަ ނުވަތަ ޖާމިނުވާ މީހާ އޭނާގެ އިގުރާރާ ހިލާފުވެއްޖެނަމަ، އެ ހިލާފުވި ހިލާފުވުމުގެ ކުޑަ ބޮޑު މިނަށް ބަލައި، ޖާމިނުވި މީހާއަށް އަދަބެއް ދިނުމުގެ އިހްތިޔާރު ކޯޓަށް ލިބިގެންވެ އެވެ.

އެގޮތުން ޖާމިނުވި މީހާ އެއް އަހަރު ދުވަހަށް ޖަލަށް ލެވިދާނެ އެވެ. ނުވަތަ ދެ އަހަރު ދުވަހަށްވުރެ ދިގުނޫން މުއްދަތަކަށް ގޭގައި ބަންދުކުރެވިދާނެ އެވެ. އަދި 15،000 ރުފިޔާއަށް ވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާކުރުމުގެ އިތުރުން ބަންދުގައި ހުރި މީހަކު ކަފާލާތުގެ އުސޫލުން ދޫކުރުމުގައި، ވަކި މުއްދަތެއް ވަންދެން ޖާމިނު ނުވެވޭނެކަމަށް ކަނޑައެޅުން ހިމެނެ އެވެ.

ޢަލީ ވަޙީދު އިނގިރޭސިވިލާތުގެ ލަންޑަނަށް ވަޑައިގެންފައިވާއިރު، ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައިވެސް އަމިއްލަ ފުޅަށް އަރުވާލެވިގެން އިންގިރޭސިވިލާތުގައި ޢަލީ ވަޙީދު ހުންނެވިއެވެ. ޢަލީ ވަހީދު ރާއްޖެ ދޫކުރައްވާ ވަޑައިގެންފައިވާއިރު، އޭނާގެ މައްޗަށް ވަނީ 7 ދަޢުވާއެއް އުފުލާފައެވެ.

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިންގާފައި ވާކަމުގެ ޝަކުވާ އެމިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުމާއި ގުޅިގެން ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދު އިސްތިއުފާދެއްވުމަށް އަންގަވައި އިސްތިއުފާ ނުދެއްވުމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އޭނާ ވަޒީރުކަމުން ވަކިކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.