އަންނަ ހުކުރު ދުވަހު އިދިކޮޅު އިހްތިޖާޖް ރޭޕްކުރުމާ ދެކޮޅަށް!

އަންނަ ހުކުރު ދުވަހު އިދިކޮޅު އިހްތިޖާޖް ރޭޕްކުރުމާ ދެކޮޅަށް!

Author
ޢަލީ އާދަމް
29 މާރޗް 2021 03:43
0

އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ސިލްސިލާކޮށް ހުކުރު ދުވަހު ބާއްވާ އިހްތިޖާޖު މި ހަފްތާގައި ހާއްސަ ކުރަނީ ރޭޕްކުރުމާ ދެކޮޅަށް ކަމަށް އެ ކޯލިޝަންގެ ހަރަކާތު ކޮމިޓީން ބުނެފި އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ އަންހެނުންގެ ހަރަކާތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކޯލިޝަންގެ ސްޕޯކްސް ޕަރސަން ހީނާ ވަލީދު ވިދާޅުވީ ރޭޕްކުރުމާ ދެކޮޅަށް އަންނަ ހުކުރު ދުވަހު އިހްތިޖާޖް ފަށާނީ މެންދުރު 14:30 ގައި ޕީޕީއެމްގެ އޮފީސް ދޮރުމަތިން ކަމަށެވެ. އަދި މި ހަރަކާތުގައި ވީހާގިނަ ފަރާތްތަކުން ބައިވެރި ވުމަށާއި މިއީ ވަކި ޕާޓީއެއްގެ މައްސަލައެއް ނޫން ކަމަށާއި ގައުމީ މައްސަލައެއް ކަމަށްވެސް ހީނާ ވަނީ ވިދާޅުވެފައެވެ.

ހީނާ ވިދާޅުވީ ރޭޕްކުރުމާ ދެކޮޅަށް އަޑު އުފުލަން ޖެހުނީ އަދުގެ ސަރުކާރަކީ ޖިންސީ ފުރައްސާރަ އާއި ރޭޕްކުުރުމާ ދެކޮޅަށް ޒީރޯޓޮލަރެންސް ދިނުމުގެ ނަމުގައި އައި ސަރުކާރަކަށް ވީނަމަވެސް އޭގެބަދަލުގައި އެފަދަ އަމަލުތަކަށް ސަރުކާރުގެ ތެރެއިން ހިތްވަރުދޭތަން ފެންނަމުންދާތީ ކަމަށް ހީނާ ވިދާޅުވިއެވެ.

އެގޮތުން ޖިންސީ ގޯނާގެ ތުހުމަތު ތަކެއް ކުރެވިގެން މަގާމުން ވަކިކުރި ކުރީގެ ޓޫރިޒަމް މިނިސްތަރ ޢަލީ ވަޙީދު ސަރުކާރުގެ ތެރެއިން ޕްލޭން ކުރެވިގެން ރާއްޖެއިން ފުރުވާލާފައި ވާކަމާއި، ސަރުކާރުން އެންމެ ފުރަތަމަ މިނިވަންކުރި ކުއްވެރިއަކަށް، ޖިންސީގޯނާގެ މައްސަލައެއްގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ހޯރަ އިއްބެ ވެގެން ދިއުމީ ސަރުކާރުން މިފަދަ އަމަލުތަކަށް ހިތްވަރުދޭ މިންވަރު ހާމަވާ ކަމެއް ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުންގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން މިހާރު ރ. މަޑުއްވަރީގައި ހިންގާފައިވާ ރޭޕްގެ މައްސަލާގައިވެސް އެއަމަލު ހިންގި މީހުން ހައްޔަރު ނުކޮށް އެކަމާ ދެކޮޅަށް އަޑު އުފުލި މީހުން ހައްޔަރުކުރުމީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށްވެސް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.