ސިރަމްއިން ގަތް 100،000 ވެކްސިން ޑޯޒް މިއަދު ރާއްޖެ ގެނެސްފި

ސިރަމްއިން ގަތް 100،000 ވެކްސިން ޑޯޒް މިއަދު ރާއްޖެ ގެނެސްފި

Author
މުޙައްމަދު ޖިމީ
29 މާރޗް 2021 03:22
0

ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާއިން ގަނެފައިވާ ވެކްސިންގެ ފުރަތަމަ ޝިޕްމެންޓް މިއަދު ރާއްޖެ ގެނެސްފިއެވެ.

އެގޮތުން މިއަދު ރާއްޖެ ގެނެސްފައިވަނީ 100،000 ވެކްސިން ޑޯޒްއެވެ. މިއީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ހެލްތުއާއި ސިރަމް އިންސިޓިޓިއުޓް އޮފް އިންޑިއާ ޕްރައިވެޓް ލިމިޓެޑް އަދި ސިރަމް އިންސްޓިޓިއުޓް ލައިފް ސައިންސް ޕްރައިވެޓް ލިމިޓެޑްއާއި އެކު 23 މާޗް 2021 ވެވުނު އެއްބަސް ވުމުގެ ދަށުން ރާއްޖެ ގެނެވުނު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ބެޗްއެވެ. މި އެއްބަސްވުމުގެ ދަށުން (ChAdOx1 nCoV-19) ކޮރޯނާ ވައިރަސް ވެކްސިން (ރިކޮމްބިނެންޓް) ކޮވިޝީލްޑް ވެކްސިންގެ 200،000 ދިވެހިރާއްޖެއިން ގަނެފައިވެއެވެ.

200،000 ވެކްސިން ޑޯޒް އިންޑިއާއިން ގަނެފައިވާއިރު، އެޤައުމުން މިއަހަރުގެ ޖަނުއަރީ އަދި ފެބްރުއަރީ މަހު 200000 ކޮވިޝީލްޑް ވެކްސިން ޑޯޒު ހަދިޔާކޮށްފައެވެ. އަދި ކޮވެކްސް (COVAX) ފެސިލިޓީއިންވެސްވަނީ ދިވެހިރާއްޖެއަށް 12،000 ކޮވިޝީލްޑް ވެކްސިން ޑޯޒު ލިބިފައިވެއެވެ.

ކޮވިޝީޅްޑް ވެކްސިން ރާއްޖެއަށް ގެނެސްފައިވާއިރު، މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ޗައިނާއިން ހަދިޔާކުރި ސިނޮފާމް ވެކްސިނެވެ. ޗައިނާއިންވެސް ވަނީ 200،000 ވެކްސިން ޑޯޒް ހަދިޔާކޮށްފައެވެ.

ރާއްޖޭގައި މިހާރު ހުރިހާ ޢުމުރުފުރާއެއްގެ މީހުންނަށްވެސް އަންނަނީ ވެކްސިން ޖަހައިދެމުންނެވެ. މިހާތަނަށް ވެކްސިންގެ ފުރަތަމަ ޑޯޒް 232،000އަށް ވުރެ ގިނަ މީހުން ޖަހާފައިވެއެވެ.

ރާއްޖޭގައި މިހާތަަނށް ތިން ވެކްސިނަކަށް ހުއްދަ ދީފައިވެއެވެ. އެއީ ކޮވިޝީލްޑް ވެކްސިނާއި، ސިނޮފާމް ވެކްސިންގެ އިތުރުން ފައިޒާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.