އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯޑީ ބަންގލާދޭޝަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ގުޅިގެން، ބަންގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހިގަމުންދާ މުޒާހިރާތަކުގައި، ފުލުހުންނާއި މުޒާހިރާ ކުރާ ފަރާތްތަކާ ދެމެދު ބޮޑެތި ހަމަނުޖެހުންތަކެއް ހިގާ، ގިނަ ބަޔަކަށް އަނިޔާ ވެއްޖެއެވެ. މިއީ މި މުޒާހިރާތައް މެދުނުކެޑި ކުރިޔަށް ދާތާ 3 ވަނަ ދުވަހެވެ.
މިގޮތުން އާދިއްތަ ދުވަހުގެ މުޒާހިރާތަކުގައި، މުޒާހިރާ ކުރި ފަރާތްތަކުން ވަނީ، ހިންދޫންގެ ފައްޅިއެއްގައި ހުޅުޖަހާ، އަދި އިރުމަތީ ބަންގްލަދޭޝްގައި ދަތުރު ކުރާ ރޭލެއްގައިވެސް ހުޅު ޖަހާފައެވެ.
168 މިލިއަން މީހުންގެ މުސްލިމް މެޖޯރިޓީ އާބާދީއެއް އޮންނަ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައި ހިގަމުންދާ މި މުޒާހިރާތަކުގައި، މުޒާހިރާ ކުރާ ފަރާތްތަކަށް އަމާޒުކޮށް، ފުލުހުން ބަޑިޖެހުމުގެ ސަބަބުން، ހުކުރު ދުވަހު 5 މީހަކު މަރުވެފައިވާއިރު، ހޮނިހިރު ދުވަހު ވަނީ އިތުރު 6 މީހަކު މަރުވެފައެވެ.
މައިގަޑު ގޮތެއްގައި، ހަފީޒަތު- އީ- އިސްލާމް ގުރޫޕުން އިންތިޒާމް ކޮށްގެން ކުރިޔަށް ގެންދާ މި މުޒާހިރާތަކަކީ، އިންޑިއާގެ މުސްލިމުންނާއި ދެކޮޅަށް މޯޑިގެ ސަރުކާރުން ހިންގަމުންދާ ލާއިންސާނީ އަނިޔާތަކާއި ދެކޮޅު ހެދުމުގެ ގޮތުން، މޯޑީގެ ދަތުރުފުޅާ ދިމާކޮށް ކުރިޔަށް ގެންދާ މުޒާހިރާތަކެކެވެ.
މޯޑީ ބަންގްލާދޭޝަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެގައުމުގެ ބާނީ އަދި، މިހާރު ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު، ޝެއިޚް މުޖީބުއްރަހުމާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތްތާ 100 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، ކުރިޔަށް ގެންދާ އިހުތިފާލްތަކުގައި ބައިވެރިވެ ވަޑައިގަތުމަށް އެގައުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.
އިންޑިއާގެ ބޮޑުވަޒީރު ބަންގްލްދޭޝަން ކުރަވަމުން ގެންދަވާ ދަތުރުފުޅު ވަނީ، ހޮނިހިރު ދުވަހު ނިންމަވާ ލައްވާފައެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އިންޑިއާ އާއި ބަންގްލަދޭޝްއާއި ދެމެދު ވަނީ ރަސްމީ ވާހަކަތައް ބައްވާފައެވެ. މި ވާހަކަތަކުގައި މޯޑީ ވަނީ، އިންޑިއާއިން ބަންގްލާދޭޝަން ކޯވިޑް19 ވެކްސިން 1.2 މިލިއަން ޑޯޒްގެ ވެކްސިން ހަދިޔާ ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި ދެގައުމުންވެސް ވަނީ، ދެގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހި ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެ ގުޅިފައިވާ ބަޔާނެއްވެސް ނެރެފައެވެ. އެހެންނަމަވެސް، ބަންގްލާދޭޝަގައި މޯޑީގެ ދަތުރުފުޅާ ދިމާކޮށް ހިގަމުންދާ މުޒާހިރާތަކާއި ގުޅޭގޮތުން ބަންގްލާދޭޝްގެ ސަރުކާރުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.