އުންސުރު ހަމަނުވަނީސް ދައުވާކުރުމަކީ ދައުވާލިބޭ މީހާއަށް ކޮށްދޭ ހެޔޮކަމެއް: ޕީޖީ

އުންސުރު ހަމަނުވަނީސް ދައުވާކުރުމަކީ ދައުވާލިބޭ މީހާއަށް ކޮށްދޭ ހެޔޮކަމެއް: ޕީޖީ

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 03:43
0

ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއްކަމަށާއި، އުންސުރު ފުރިހަމަނުވެ، ކުށެއް ނެތީސް ކޯޓަށް މައްސަލައެއް ހުށަހެޅުމުން ފުރަތަމަ މަރްޙަލާގައި ކޮށްލާނީ ބޭރުކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕީޖީ މިހެން ވިދާޅުވީ، އަމިއްލަފުޅު ބްލޮގްގައި "ޢުންޞުރޭ ކިޔަންޖެހޭ ސަބަބުތައް"ކަމަށް ބަޔާންކޮށް ލިޔުއްވި ލިޔުއްވުމުގައެވެ.

ރާއްޖެއަށް ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަން ހިންގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ދެފަހަރަށް ދައުވާކުރަން ފޮނުވުމުންވެސް ދައުވާ ނުކުރެއްވީ އުންސުރު ހަމަނުވާތީކަމަށް ޕީޖީ ވަނީ ވިދާޅުވެފައެވެ. މިއާއެކު އުންސުރަކީ ކޮބައިކަމާއި، އުންސުރާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ގެންދަވަނީ ސުވާލު އުފައްދަވަމުންނެވެ.

އެކަން ތަފްސީލްކޮށްދެއްވަމުން ޕީޖީ ޝަމީމް ވިދާޅުވީ، ތަޙުޤީޤުކުރާ އެކިއެކި އިދާރާތަކުން ހުށަހަޅާ ހެއްކާއި ޤަރީނާ ވަޒަންކޮށް، ދަޢުވާއެއް އުފުލާންޖެހޭކަން ނުވަތަ ނޫންކަން ކަނޑައެޅުމަކީ، ޤާނޫނުއަސާސީން ޕްރޮސިކިއުޓަރ ޖެނެރަލަށް ލިބިފައިވާ ބާރެއްކަމަށާއި، މީހެއްގެ މައްޗަށް ކުށެއް ސާބިތުނުވާހާ ހިނދަކު، އެމީހަކީ ކުށެއް ނުކުރާ މީހެއްކަމަށް ބަލަންޖެހޭނެކަމަށްވެސް ޤާނޫނުއަސާސީގައި އޮންނަކަމަށެވެ.

 

ޕީޖީ ވިދާޅުވީ، ހެއްކާއި ޤަރީނާ ވަޒަން ކުރުމުގެ މާނައަކީ، ތަޙުޤީޤުގެ ލިޔުންތައް ދިރާސާކޮށް، އެމައްސަލައެއްގައި ކުށެއްގެ ދަޢުވާއެއް ކުރެވެން އޮތްކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމަށާއި، އެއީ ޕްރޮސިކިއުޓަރުގެ ޒިންމާއެކަމަށެވެ. ދެން އޮންނާނީ، އެމައްސަލައެއް ކޯޓުގައި ސާބިތުކުރަން ވަކާލާތު ކުރުންކަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.

ބައެއް މީހުން ބުނެއެވެ. މައްސަލަ ސާބިތުވުމާއި ނުވުމަކީ ޝަރީޢަތުގައި ހިނގާ ކަމެކެވެ. އެއީ ތެދެކެވެ. ނަމަވެސް، ޤާނޫނުއަސާސީގައި ހެކި ވަޒަންކުރުމުގެ ޒިންމާއެއް ޕްރޮސިކިއުޓަރާ މަތިކޮށްފައި އޮތުމުން، އެއީ ކޮންމެވެސް މިންގަނޑެއް ގެންގުޅެންޖެހޭ ކަމެއްކަން އެނގެއެވެ. ދަޢުވާ ކުރާ މިންގަނޑާއި ސާބިތުވާ މިންގަނޑާ މިއީ ތަފާތު ދެ މިންގަނޑެއްކަން އަޅުގަނޑުވެސް ޤަބޫލުކުރަމެވެ. ނަމަވެސް، ދަޢުވާއެއްކުރެވޭ މިންވަރަށް ދެވޭނީ، ހެކި ވަޒަންކުރާއިރު ކުށެއް އޮވެގެންނެވެ. ކުށެއް ނެތީސް ކޯޓަށް މައްސަލައެއް ހުށަހެޅީމާ، ފުރަތަމަ މަރްޙަލާގައި ކޮށްލާނީ ބޭރެވެ.

– ޕީޖީ ޙުސައިން ޝަމީމް ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ހެއްކާއި ޤަރީނާ ވަޒަންކުރުމުގައި ބަލަންޖެހޭ ކަންކަން ކިޔައިދެނީ ކުށް ބަޔާންކުރާ ޤާނޫނުތަކުގައިކަމަށެވެ. އެގޮތުން ޤާނޫނުލްޢުޤޫބާތުގެ 15 ވަނަ މާއްދާގައި މީހަކު ކުށްވެރިވެއްޖެކަމަށް ކަނޑައެޅޭނީ، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ކުށުގެ ކޮންމެ ރުކުނެއް އެމީހެއްގެ މައްޗަށް ސާބިތު ކުރެވިގެން ކަމަށް ބުނެފައިވާއިރު، ސާބިތުކޮށްދިނުމުގައި ޒިންމާ އޮންނާނީ ދަޢުވާކުރާ މީހާގެ މައްޗަށް ކަމަށްވެސް އެމާއްދާގައި ބުނާކަމަށެވެ.

ޖިނާއީ މައްސަލަތަކުގައި ދަޢުވާކުރާނީ ޕްރޮސިކިއުޓަރ ޖެނެރަލްކަމަށާއި، ނުވަތަ އޭނާގެ ފަރާތުން ކޯޓަށް ދާމީހެއްކަން ބަޔާޏްކުރައްވަމުން ޕީޖީ ވިދާޅުވީ، އެވާހަކަ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ޕްރޮސިކިއުޓަރުގެ ޒިންމާއަކީ، ތަޙުޤީޤީ އިދާރާތަކުން ފޮނުވާ ލިޔުންތަކާއި، ޤާނޫނުގައި ކުށްކަމަށް އޮތް ކަންތަކާ ދެކަންތައް އެއްކޮށް ބަލައި، ދިރާސާކޮށް، ޤާނޫނުގައި ބުނާ ރުކުންތައް، ލިބިފައިވާ ލިޔުންތަކުގެ އަލީގައި ސާބިތުކޮށްދެވޭކަން ނުވަތަ ނޫންކަން ކަނޑައެޅުންކަމަށާއި، ހެކި ވަޒަން ކުރުމަކީ އެއީކަމަށް ޕީޖީ ޝަމީމް ވިދާޅުވިއެވެ. ޕީޖީ ވަނީ އެކަން މިސާލުންވެސް ތަފްސީލްކޮށްދެއްވާފައެވެ.

މިސާލަކަށް، މާރާމާރީގެ މައްސަލައެކެވެ. ޤާނޫނުލްޢުޤޫބާތުގެ 120 ވަނަ މާއްދާގައި އެއަށް ކިޔަނީ ޖެހުމެވެ. މީހަކު، މީހެއްގައި ޖެހުން ކުށަކަށްވަނީ، “މީހެއްގެ ރުހުމަކާ ނުލައި، އެނާގެ ގައިގާ އަތްލުން ނުވަތަ އޭނާއަށް އަނިޔާއެއް ކުރުމުން” ނެވެ. މިޢިބާރާތުގައި ބުނާ ހުރިހާ ކަމެއް، ލިބިފައިހުރި ހެކިތަކުގެ ބޭނުންކޮށްގެން ސާބިތުކޮށްދޭންޖެހޭނީ ޕްރޮސިކިއުޓަރެވެ. އެކަމުގައި އޭނާ ބަރޯސާވާނީ ތަޙުޤީޤުން ހޯދާފައިވާ ހެކިތަކަށެވެ.“މީހެއްގެ ރުހުމަކާ ނުލައި، އޭނާގެ ގައިގާ އަތްލުން” މިއީ ކުށެވެ. މިކުށުގެ ޢުންޞުރުތަކަކީ ނުވަތަ އެލެމެންޓްސް ތައް ފުރިހަމަ ވުމަށްޓަކައި، ޖެހުމުގެ ޙަރަކާތެއް އޮންނަންޖެހެއެވެ. އަނިޔާ ލިބުނު މީހާގެ ރުހުން ނެތެންޖެހެއެވެ. މިދެޢުންޞުރު ހަމަނުވާނަމަ، ޤާނޫނީ ގޮތުން ޖެހުމެއް ނެތެވެ. ގައިގާ އަތްލާފައި އޮވެދާނެއެވެ. ނަމަވެސް، އެކަން ކުރީ އަތްލެވުނު މީހާގެ ރުހުމުގައި ނަމަ، ޢުންޞުރު ގެއްލުނީއެވެ. އަތްލެވުނު މީހާގެ ރުހުން ނެތުން އެއީ ޢުންޞުރެކެވެ. ހުރިހާ ޢުންޞުރަކާ ނުލައި ވަކި ޢަމަލެއް، ޤާނޫނީ ގޮތުން ކުށަކަށް ނުވާނެއެވެ. މީގެ އިތުރުން، ޖެހުމުގެ ޤަޞްދެއް އޮތްކަމާއި، ޖެހިދާނެކަމާމެދު ފަރުވާލެއް ނުބެހެއްޓުންވެސް ސާބިތުކޮށްދޭންޖެހޭނެއެވެ. މިއަށް، ޤާނޫނީ މީހުން ކިޔަނީ މެންސް ރެއާއެވެ. މިއީވެސް، ޢުންޞުރުގެ ވައްތަރެކެވެ.

–  ޕީޖީ ޝަމީމް ލިޔުއްވާފައިވެއެވެ.

ޕްރޮސިކިއުޓަރުން (އާއި ދިފާޢީ ވަކީލުން) ގެ ތިބޭނީ ދެ ބެސްޓް ފްރެންޑުންކަމަށާއި، އެއީ، ކުށް ބަޔާންކުރާ ޤާނޫނާއި ޖިނާއީ އިޖުރާއަތުގެ ބަޔާންކުރާ ޤާނޫނުކަން ޕީޖީ ތަފްސީލްކޮށްދެއްވިއެވެ. މި ދެޤާނޫނުގައި ބުނާ ގޮތް ނޫން ގޮތަކަށް ކަމެއް ކުރުމަކީ ޕްރޮސިކިއުޓަރަށް ކުރެވޭނެ ކަމެއް ނޫންކަމަށް ޤާނޫނުއަސާސީގައި އޮންނަކަމަށާއި، ކުށް ބަޔާންކުރާ ޤާނޫނުގައި އޮންނާނީ ކުށުގެ ޢުންޞުރުތަކެއްގެ މައްޗަށްކަމަށްވެސް ވިދާޅުވިއެވެ. އެއީ ކުށެއް، ކުށަކަށްވާ ގޮތްކަމަށާއި، އެއީ  ސާބިތުކޮށްދޭންޖެހޭ ކަންކަންކަމަށްވެސް ލިޔުއްވާފައިވެއެވެ.. އިޖުރާއަތުގެ ޤާނޫނުގައި އޮންނާނީ، އެކަންކަން ސާބިތުކުރުމަށްޓަކައި ހިނގާންޖެހޭ މަގުކަމަށާއި، އެދެކަންތައް ރަނގަޅަށް އެނގުމަކީ ޤާނޫނީ ވަކީލުންގައި ކޮންމެހެން ފުރިހަމަވާންޖެހޭ އަސާސީ ސިފަކަމަށްވެސް ޕީޖީ ވިދާޅުވެފައިވެއެވެ.

އެއީ ޕްރޮސިކިއުޓަރަކަސް، ދިފާޢީ ވަކީލަކަސްވެހެވެ. ޢުންޞުރު ދެނެގަނެ، އެއާ ބެހޭ ގޮތުން ދިގުކޮށް، ފުންކޮށް ވާހަކަ ދައްކަން ނޭނގޭ ވަކީލަކީ ރަނގަޅު ވަކީލެއް ނޫނެވެ.ޕްރޮސިކިއުޓަރަކަށް ޢުންޞުރާ ނުލައި ކޯޓުގައި ދައްކާނެ ވާހަކައެއް ނޯންނާނެއެވެ. އެއްވެސް ޢުންޞުރެއް ސާބިތުކޮށް ނުދެވިއްޖެނަމަ، ކުށެއް ސާބިތު ނުވީއެވެ. ޢުންޞުރާ ނުލައި ދަޢުވާ ކުރީމާ ދެނަތީޖާއެއް ނުކުމެއެވެ. ފުރަތަމަ ނަތީޖާއަކީ، ހަމަ ކަށަވަރުކަމާއެކު ކުށް ސާބިތު ނުވުމެވެ. ދެވަނަ ނަތީޖާއަކީ، ދެން އެކުށަކަށް ދަޢުވާއެއް ނުކުރެވުމެވެ. މިވާހަކަވެސް ޤާނޫނުއަސާސީގައި އޮވެއެވެ. ޖިނާއީ ކުށެއްގެ ދަޢުވާ މީހެއްގެ މައްޗަށް ސާބިތުނުވާކަމަށް ކޯޓަކުން ޙުކުމް ކޮށްފިނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ ނުވަތަ އެކުށުގެ ޢަމަލުން ފުރިހަމަވާ އެހެން ކުށެއްގެ ދަޢުވާއެއް އެމީހެއްގެ މައްޗަކަށް ނުއުފުލޭނެކަމަށް 60 ވަނަ މާއްދާގެ (ހ) ގައި އޮވެއެވެ.

– ޕީޖީ ޝަމީމް އަމިއްލަފުޅު ބްލޮގްގައި ލިޔުއްވާފައިވެއެވެ.

އެހެންކަމުން ޢުންޞުރު ހަމަނުވަނީސް ދަޢުވާއެއް ކުރުމަކީ، އެދަޢުވާ ލިބޭ މީހަކަށް ކޮށްދެވޭ ހެޔޮކަމެއްކަމަށާއި، އުންސުރު ހަމަނުވެ ކުށެއް ސާބިތެއް ނުވާނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ. އަދި އޭގެ ފަހުން، ހެކި ލިބުނަސް، ޢުންޞުރު ފެނުނަސް، ފަހުން ދަޢުވާއެއްވެސް ނުކުރެވޭނެކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

އޭނާގައި އޭގެ ފަހަކުން އަތެއް ނުލެވޭނެއެވެ. އަނެއް ގޮތަކުން ބަލާއިރު، ޢުންޞުރު ނުފެންނަނީސް ދަޢުވާ ކުރުމަކީ ބޭއިންޞާފެކެވެ. އެއީ، ބޭކާރު ކަމެއްގައި މީހެއްގެ އަބުރު ނަގާލުމެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ތެރެއަށް މީހަކު ވެއްދުމަކީ ވަރަށް ބޮޑު ނިންމުމެކެވެ. ޒިންމާދާރުކަމާއެކު ނިންނަންޖެހޭ ނިންމުމެކެވެ. ހަމަ ކަނޑައެޅިގެން އެނގިހުރެ، އެނިޒާމުގެ ތެރެއަށް ވައްދަން ނުޖެހޭ މީހަކު ވައްދައި، އޭނާއަށް އެތައް ތަކުލީފުތަކެއް ކުރިމަތި ކުރުވުމަކީ އަޚްލާޤީ ގޮތުން ހެޔޮވާނެ ކަމެއް ނޫނެވެ. ތަކުލީފުތަކުގެ ތެރޭގައި ޤާނޫނީ ވަކީލަކު ހޯދުމާއި، ނަފްސާނީ ގޮތުން ކުރިމަތިވާ ގޮންޖެހުންތައް ހިމެނެއެވެ. އެކި ކުށުގެ ޢުންޞުރުތައް، ނުވަތަ ރުކުންތައް، އެކުށެއްގެ ގޮތުން ތަފާތުވެދާނެއެވެ. ތަޙްޤީޤުކުރާ މީހާ، ތަޙްޤީޤުގެ މިސްރާބު ގެންގުޅެންޖެހޭނީ ޢުންޞުރުތަކާ ދިމާލަށެވެ. ތަޙްޤީޤު ފުރިހަމަކޮށް ކާމިޔާބު ކުރެވޭނީ އޭރުންނެވެ. ޖިނާއީ ޢަދުލުގެ ނިޒާމުގެ ފެށުން އޮތީ ޢުންޞުރު ހޯދުމުގައެވެ. އެހެންކަންކަން ތަރުތީބުވަނީ އެކަމުގެ މައްޗަށެވެ.

– ޙުސައިން ޝަމީމް ލިޔުއްވާފައިވެއެވެ.

އުންސުރުގެ މާނައާއި އެކަމުގެ މުހިންމުކަން ޕީޖީ ތަފްސީލްކޮށްދެއްވާފައިވާއިރު، އުންސުރު ހަމަނުވެ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ދައުވާ ނުކުރެވޭނެކަން ޕީޖީ ތަކުރާރުކޮށް ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.