އެންޓި-ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން މަޤާމުން ދުރުކުރުމާމެދު ގޮތެއް ނިންމުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕްގައި މިއަދު ބޭއްވި ބައްދަލުވުމަށް މިކަމަށް އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަޑައި ނުގެންނެވިއެވެ.
އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވުނީ ވެންޓިލޭޓަރު މައްސަލާގައި އޭސީސީން އަމަލުކޮށްފައިވާގޮތުން އެކޮމިޝަންގެ މެމްބަރުން ވަކި ކުރުމަށާއި، އޭސީސީއާއި ގުޅޭގޮތުން ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު ގޮތެއް ނިންމުމަށެވެ. މީގެ އިތުން މިއަދު ވަނީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ހުށަހަޅުއްވާފައިވާ ސިވިލްސާވިސް ކޮމިޝަންގެ ޤާނޫނާއި ގުޅޭގޮތުންވެސް ޕީޖީގައި މަޝްވަރާ ކުރައްވާފައެވެ.
މިއަދުގެ އެމްޑީޕީ ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ރައީސް ނަޝީދު ބައިވެރިވެ ވަޑައި ނުގެންނެވި ސަބަބެއް ސާފުނުވާއިރު، ބައެއް ފަރާތްތަކުން ބުނަމުންދަނީ ރައީސް ނަޝީދު ބައްދަލުވުމުގައި ބައިވެރިނުވީ ރައީސް ނަޝީދު ބޭނުންވި އަދަދަށް ވޯޓު ހަމަނުވާކަން ޔަގީން ވުމުންނެވެ.
އޭސީސީގެ ފަސް މެންބަރުން މަޤާމުން ދުރުކުރުމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕަށް ހުށައެޅީ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދު (ވައްޑެ)އެވެ. އަދި އޭސީސީގެ ހުރި މައްސަލަތައް ބެލުމަށް ޕީޖީ ގްރޫޕަށް ހުށައެޅީ އަލިފުށި ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން (ބިގޭ) އެވެ.
އޭސީސީގެ މެމްބަރުން ވަކި ކުރުމަށާއި، އޭސީސީއާއި ގުޅޭގޮތުން ހުރި މައްސަލަތައް ރައްޔިތުންގެ މަޖިލީހުން ބެލުމަށްފަހު ގޮތެއް ނިންމުމަށް ނެގުނު ވޯޓާއި އެއްކޮޅަށް ވޯޓު ދެއްވީ އެންމެ 13 މެމްބަރުންނެވެ. މިމަބައްދަލުވުމުގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ 30 މެމްބަރަކު ބައިވެރި ވެފައިވެއެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލާގައި ރައީސް ނަޝީދު ވަނީ ސަރުކާރަށްވެސް ފާޑުވިދާޅުވެފައެވެ. އެމްޑީޕީގެ މިސަރުކާރަށް ރައީސް ނަޝިދު ވަނީ ވައްކަން ކުރާ ސަރުކާރެއްކަމަށް ތުހުމަތުކުރައްވާފައެވެ. އަދި ވައްކަން ކުރާ ސަރުކާރަކާއެކު އެމްޑީޕީން ނޯންނާނެކަމަށްވެސް ރައީސް ނަޝީދު އިއްޔެ ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުގެ އެ ފާޑުކިއުމަށް ސަރުކާރުންވެސް ރައްދު ދިނެވެ. އެގޮތުން ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލަ ތަހުގީގްކުރުމަށް ކަމާގުޅުންހުރި މުއައްސަސާތަކަށް އިސްވެ ހުށައެޅީ ސަރުކާރުންކަމަށް ބުނެފައެވެ. އަދި ދައުލަތުގެ އެއްވެސް މުއައްސަސާއަކަށް ސަރުކާރުން ނުފޫޒު ނުފޯރުވާކަމަށާއި، އެ މުއައްސަސާތަކުން މައްސަލަތައް ތަހުގީގްކުރަމުން ގެންދަނީ މިނިވަންކަމާ މުސްތަގިއްލުކަމާއެކު ކަމަށްވެސް ސަރުުކާރުން، ރައީސް ނަޝީދަށް ދެއްވި ރައްދުގައި ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ