އިންތިޚާބު ފަސްކުރުމުގެ ސަބަބުން 5،134 މީހަކަށް ވޯޓުލެވޭ: އީސީ

އިންތިޚާބު ފަސްކުރުމުގެ ސަބަބުން 5،134 މީހަކަށް ވޯޓުލެވޭ: އީސީ

Author
މުޙައްމަދު ޖިމީ
28 މާރޗް 2021 01:23
0

މިދިޔަ އަހަރު ބާއްވަން ކުރިން ތަޢާވަލުކުރި ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ އިންތިޚާބު ފަސްކުރުމުގެ ސަބަބުން އިތުރު ފަސް ހާހަށްވުރެ ގިނަ މީހުންނަށް ވޯޓުލެވޭކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

މިދިޔަ އަހަރުގެ އޭޕްރީލަ މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ފުަރަތަމަ ތައާވަލުކުރި އިންތިޚާބު މިއަހަރުގެ އޭޕްރީލް މަހުގެ10 އަކަށް ފަސްކުރީ، ކޯވިޑް-19އާއި ގުޅިގެން އިއުލާންކޮށްފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތާއި ގުޅިގެންނެވެ. އެއީ ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައި އިންތިޚާބު ނުބޭއްވޭނެކަމަށް ޤާނޫނުގައި ބަޔާންކުރާތީއެވެ

މިއާއެކު ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތުގައިވެސް އިންތިޚާބު ބޭއްވޭގޮތަށް ލޯކަލް ކައުންސިލްތަކުގެ ޚާއްޞަ ޤާނޫނު 2020 ގެ ނަމުގައި ވަނީ ވަގުތީ ޤާނޫނެއް އެކުލަވާލާ އަމަލުކުރަން ފަށާފައެވެ. އެ ޤާނޫނު އިންތިޚާބު ބާއްވާ ނިމުމުން އުވިގެންދާނެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، އަންނަ މަހު ބާއްވާ އިންތިޚާބުގައި ވޯޓް ލެވ މީހުންގެ ލިސްޓް އިޞްލާހުކުރުމުން ފައިނަލް ލިސްޓްގެ ގޮތުގައި 273،128 މީހުންނަށް ވޯޓު ލުމުގެ ހައްގު ލިބިގެންވާކަމަށެވެ. އޭގެތެރެއިން 5،134 މީހުންނަކީ އިންތިޚާބު ފަސްކުރުމުން 18 އަހަރު ފުރިގެން ވޯޓް ލެވޭ މީހުންކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިސްލާހު ކުރެވުނު ފައިނަލް ލިސްޓް މިހާރު އާންމުކޮށްފައިވާނެކަމަށެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓިގެ އިންތިޚާބުގައި ޖުމްލަ 3،934 ކެނޑިޑޭޓުން ވާދަކުރާނެއެވެ. އަދި އެ އިންތިޚާބުގައި 7700 އޮފިޝަލުން ވޯޓްލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާނެއެވެ. މިފަހަރުގެ އިންތިޚާބަކީ ކުރީގެ އިންތިޚާބުތަކާއި ތަފާތު އިންތިޚާބަކަށް ވާނެއެވެ. އެއީ އިންތިޚާބު ބާއްވަންޖެހެނީ އެޗްޕީއޭއިން އެކުލަވާލާފައިވާ ގައިޑްލައިނާ އެއްގޮތަށެވެ. އެގޮތުން ކޯވިޑުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އިންތިޚާބު ބާއްވަން އީސީއަށް ލާޒިމުވެއެވެ. އެކަމުގެ ސަބަބުން އިންތިޚާބަށް ބޮޑު ޚަރަދެއް ހިނގާކަން އިލެކްޝަންސް ކޮމިޝަނުން ފާހަގަކުރެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.