ފުލުހުންގެ އައު ޤާނޫނަށް ޢަމަލުކުރަށް ފެށުން: ހަތިޔާރު ގެންގުޅުމުގެ ބާރާއެކު ފުލުހުންގެ ޚިދުމަތަށް ބަދަލުތަކެއް

ފުލުހުންގެ އައު ޤާނޫނަށް ޢަމަލުކުރަށް ފެށުން: ހަތިޔާރު ގެންގުޅުމުގެ ބާރާއެކު ފުލުހުންގެ ޚިދުމަތަށް ބަދަލުތަކެއް

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 09:51
0

ފުލުހުންގެ ބައެއް މަޤާމުތައް އަލުން އައްޔަން ކުރާ ގޮތަށާއި، ފުލުހުންނަށް ހަތިޔާރު ގެންގުޅުމުގެ ބާރުދީ އަލަށް ފާސްކުރި ފުލުހުންގެ ޚިދުމަތުގެ ޤާނޫނަށް މިއަދު ޢަމަލުކުރަން ފަށައިފިއެވެ.

މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ6 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެމަހުގެ27 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރެއްވި ޤާނޫނެކެވެ. އެ ޤާނޫނަސް އަމަލުކުރުމަށް ބަޔާންކޮށްފައިވަނީ ބިލު ތަސްދީްްކުރައްވާތާ3 މަސް ދުވަހުގެ ތެރޭގައެވެ. އެހެންކަމުން މިއަދުވެސް ފެށިގެން އެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު ހުރިހާ ފުލުހުން އަލަުން ހުވާކުރައްވާނެއެވެ.

ފުލުހުންގެ ބިލުގެ މަސައްކަތް މަޖިލީހުގައި ކުރިއަށްގެންދިޔައިރު އެންމެބޮޑު ނުތަނަވަސްކަމެއް އުފެދުނީ ފުލުހުންނަށް ލީތަލް ހަތިޔާރު ދިނުމަށެވެ. ނަމަވެސް އެކަންވެސް މި ޤާނޫނުން މިހާރު ކަށަވަރުކޮށްދެއެވެ. ފުލުހުންގެ ޤާނޫނުގެ 95 ވަނަ މާއްދާގައި ބުނެފައިވަނީ ފުލުހުންނާއި މަތިކޮށްފައިވާ ކުށްކުރުން ހުއްޓުވުމުގެ މަސްއޫލިއްޔަތު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި، ވަގުތާއި ހާލަތަށް ބަލައި ފުލުހުން ގެންގުޅެންޖެހޭކަމަށް މިޤަނޫނުގެ ދަށުން ވަޒީރުގެ ހުއްދައާއެކު ކޮމިޝަނާރ ކަނޑައަޅާ ހަތިޔާރާއި، އާލާތްތައް މިޤާނޫނާއި މިޤާނޫނުގެ ދަށުން ހަދާ ގަވާއިދުތަކުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތީން ދިވެހި ރާއްޖެއަށް އެތެރެ ކުރުމާއި، ހޯދުމާއި، ގަތުމާއި، ލިބިގަތުމާއި، ގެންގުޅުމާއި، ބޭނުން ކުރުމުގެ ބާރުލު ފުލުހުންނަށް ލިބިގެންވާކަމަށެވެ. މިޤާނޫނުގައި ފުލުހުނަށް ލީތަލް ހަތިޔާރާއި، ނޮން ލީތަލް ހަތިޔާރު ބޭނުން ކުރެވޭނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެއެވެ.

ފުލުހުންގެ އައު ޤާނޫނާއެކު ޤާނޫނު އަސާސީން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭ ތިން ހައްގެއް ފުލުހުންނަށް ހަނިވެގެން ދެއެވެ.

ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ފުލުހުންނަށް ހަނިކޮށްފައިވާ ހައްޤަކީ:
1- ގާނޫނުއަސާސީގެ 27 ވަނަ މާއްދާއިން ލިބިދޭ ހިޔާލު ފާޅުކުރުމުގެ ހައްގާއި،
2- ގާނޫނުއަސާސީގެ 31 ވަނަ މާއްދާއިން ލިބިދޭ އިހްތިޖާޖް ކުުރުމުގެ ގޮތުން މަސައްކަތް ހުއްޓާލައި، ހަޅުތާލުކުރުމުގެ ހައްޤާއި،
3- ގާނޫނުއަސާސީގެ 32 މާއްދާއިން ލިބިދޭ އެއްވެއުޅުމުގެ މިނިވަންކަމުގެ ހައްގު

ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތީން އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ޤަލަމުން އަދި މިނޫންވެސް ގޮތްގޮތަށް ފާޅުކުރުމުގެ މިނިވަންކަން ކޮންމެ މީހަކަށްމެ ލިބިގެންވާނެކަމަށެވެ. އަދި 31 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އިޙްތިޖާޖުކުރުމަށްޓަކައި ހަޅުތާލުކުރުމުގެގޮތުން މަސައްކަތް ހުއްޓައިލައިގެން ތިބުމުގެ ޙައްޤު ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާ މީހުންނާއި އެނޫންވެސް މަސައްކަތްތެރީންނަށް ލިބިގެންވާކަމަށެވެ.

ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީން ބުނެފައިވަނީ ފުލުހުންގެ ޚިދުމަތުގެ އައު ޤާނޫނަކީ ދިވެހި ފުލުހުންގެ ޚިދުމަތްތައް މިއިން ޒަމާނަކު ތަރައްޤީ ނުކުރެވޭ މިންވަރަށް ތަރައްޤީކޮށް، ފުލުހުންގެ ޚިދުމަތަށް ބޮޑެތި ބަދަލު ތަކެއް ގެނުވާނެ އުންމީދީ ޤާނޫނެއް ކަމުގައެވެ. ނަމަވެސް އެ ޤާނޫނުގައި ވަކިވަކި މާއްދާތަކުގެ ތެރެއިން ފުލުހުން ވަޒީފާއިން ވަކި ކުރުމާއި، ފުލުހުންގެ ވަޒީފާގައި އެތައް އަހަރަކު ޚިދުމަތް ކުރައްވާފައިވާ ޚިދުމަތްތެރިން ވަޒީފާއިން ރިޓަޔާ ކުރެއްވޭނެ ގޮތްތައް ވަނީ ކަނޑައަޅުއްވާފައެވެ.

ޤާނޫނުގައި މިމާއްދާތައް ހިމަނާފައިވާ ސަބަބު އެންމެ ބޮޑަށް ސާފުވެގެން ދިޔައީ ފުލުހުންގެ ވަޒީފާގައި 20 އަހަރު ޚިދުމަތް ކުރެއްވުމަށްފަހު ވަޒީފާއިން ރިޓަޔާ ކުރެއްވި ޑރ.އަބްދުﷲ ފައިރޫޝްގެ ރިޓަޔާމަންޓާއިއެކުގައެވެ. ފައިރޫޝް ރިޓަޔާ ކުރެއްވުމާއި ގުޅިގެން މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ފައިރޫޝްއަށް ރިޓަޔާ ނުކުރެވޭނެކަމަށް ބުނެ މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާއި ބެހޭ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ. ނަމަވެސް މައްސަލަ މަޖިލީހަށް ހުށަހެޅުއްވި އިރު ފައިރޫޝްވަނީ އޮސްޓްރޭލިއާއަށް ވަޑައިގެންފައެވެ.

ފުލުހުންގެ އާ ޤާނޫނުން ރިޓަޔާ ކުރެއްވޭ ގޮތް: 

ފުލުހުންގެ އާގާނޫނު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވިއިރު، މިގާނޫނަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ތެރެއިން އެންމެ ބޮޑެތި ބަދަލުތަކެއް އައިސްފައިވާ އެއްބަޔަކީ ޚިދުމަތުގައި ދެމި ތިއްބެވި ފުލުހުން މާގާމުން ރިޓަޔަރ ކުރައްވާ އުސޫލުތަކެވެ.

މިގޮތުން، ޚިދުމަތުގައި ހުންނަވާ ފުލުހެއްގެ ސިއްޙީހާލަތުގެ ސަބަބުން، ރިޓަޔަރ ކުރަންޖެހޭ ކަމަށް، ހަދާ އެސެސްމަންޓުން ދެއްކި ކަމުގައިވި ނަމަވެސް، އެފުލަހަކު މަގާމުން ރިޓަޔަކުރުމުގެ އިޚްތިޔާރު ލިބިގެންދަނީ، ކޮމިޝަނަރ އޮފް ޕޮލިސް އެކަމަށް ހުއްދަ ދެއްވައިފި ނަމައެވެ.

އަލަށް ފާސްކުރި ޕޮލިސް ގާނޫނުގެ މިމާއްދާގައި ބުނާގޮތް ތިރީގައި ބަޔާން ކޮށްފައި މިވަނީއެވެ.

– (ހ) ފުލުހެއްގެ ވަޒީފާގައި ހުރެވޭނެ އެންމެ ދޮށީ ޢުމުރަކީ، 60 (ފަސްދޮޅަސް) އަހަރެވެ.

– (ށ) މި މާއްދާގެ (ހ) އެހެން އޮތްނަމަވެސް، ފުލުހުންގެ ޚިދުމަތުގައި ހުރި މީހަކީ ޚިދުމަތުގައި 20 (ވިހި) އަހަރު ހޭދަކޮށްފައިވާ މީހެއް ކަމަށްވެފައި، ޞިއްޙީ ސަބަބަކަށްޓަކައި އޭނާގެ މަޤާމުގެ ވާޖިބު އަދާކުރެވެންނެތް މީހެއް ކަމުގައި މި ޤާނޫނުގެ ދަށުން ހަދާ އެސެސްމަންޓަކުން ފެނިއްޖެނަމަ، ވަޒީފާއިން ޝަރަފުވެރިކަމާއެކު ރިޓަޔަރކުރަން އޭނާއަށް އިޚްތިޔާރު ކޮމިޝަނަރ އޮފް ޕޮލިސްއަށް ލިބިގެންވެއެވެ.

– (ނ) މި މާއްދާގެ (ށ) ގައި ބަޔާންކުރާ އެސެސްމަންޓް ހެދުމުގައި ޢަމަލުކުރާނެ އުސޫލުތައް، މި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި އޭނާގެ އެންގުމުގެ ބާރާއި ބަޔާންކުރަންވާނެއެވެ.

ޝަރަފުވެރިކަމާއެކު ވަޒީފާއިން ވަކިވެވޭނެ ހާލަތް:

ފުލުހުންގެ އާގާނޫނުގެ ހަގީގީ މަގުސަދަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ތަރައްގީކޮށް ކުރިއެވުންކަމުގައި، މަޖިލިސް ބައެއް މެމްބަރުން ވިދާޅުވަމުން ގެންދެވިނަމަވެސް، މި ގާނޫނުގެ ހަގީގީ މަގްސަދާ ގުޅޭގޮތުން ގިނަ ބަޔަކުން ސުވާލު އުފައްދަން ފަށާފައިވަނީ، އޭސީޕީ ފައިރޫޝް ދާދިފަހުން ރިޓަޔަރ ކުރެއްވުމާ ގުޅިގެން، އެމްޑީޕީގެ އިސްސަފުގައި ތިއްބެވި ގިނަބަޔަކު، އޭނާއަށް ފާޑުކިޔަން ފެށި ހިސާބުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައ ފައިރޫޝްގެ ރިޓަރަމަންޓަކީ، މީގެ 6 މަސްދުވަހުގެ ކުރިން، ފުލުހުންގެ ޚިދުމަތުން ރިޓަޔަރް ކުރައްވަން ނިންމަވާ، މިއަހަރުގެ ޖެނުއަރީމަހު 2 ވަނަ ދުވަހު ރިޓަޔަރ ކުރައްވަން ސީޓިވެސް ހުށަހަޅުއްވާ ދުރާލާ ތައްޔާރުވެެން ވަޒީފާއިން ވަކިވެވަޑައިގަތް ގަތުމެކެވެ. އަދި އާއިލާވެސް ވަނީ ކުރިން އޮސްޓްރޭލިއާއަށް ހިޖުރަ ކޮށްފައެވެ.

އެހެންނަމަވެސް ގަބޫލު ކުރެވޭ ގޮތުގައި، ފައިރޫޝްގެ ރިޓަރަމަން ވެގެންދިޔައީ އެމްޑީޕީގެ ރައީސް ނަޝީދުއަށާއި އަދި މިނޫނަސް އިސްސަފުގައި ތިއްބެވި ގިނަ ބޭފުޅުންނަށް ލިބިގެން ދިޔަ ސިހުމަކަށެވެ.

އަދި ފަހުން، ފައިރޫޝް މަގާމުން ވަކިވެ، އޮސްޓްރޭލިއާއަށް ފުރާވެސް ވަޑައިގެންފައި ވަނިކޮށް، ރައީސް ނަޝީދު މިމައްސަލަ މަޖިލީހުގެ 241 ކޮމިޓީއަށް އުށަހެޅުއްވުމުން، ފުލުހުންގެ ރިޓަޔަރމަންޓަށް އަމާޒުކޮށް އާގާނޫން ގެނެސްފައިވާ ބޮޑެތި ބައެއް އިސްލާހުތަކާ ދޭތެރޭ ގިނަބަޔަކަށް ވަރަށް ބޮޑަށް ތަފާތު ނަޒަރަކުން ބަލަން މަޖުބޫރު ވެގެން ދިޔައެވެ.

މިގޮތުން، ފުލުހުން މަގާމުން ރިޓަޔަރ ކުރެވޭނެ ގޮތްކަމަށް އާގާނޫނުގައި ބަޔާން ކޮށްފައިވާ މާއްދާއަށް ދުރުމިއަޅާ ރަގަޅަށް ނަޒަރު ހިންގާލާއިރު، ފާހަގަ ވާން އޮތް އެތައްކަމެއް އެބައޮތެވެ.

ކުށެއް ކޮށްފައިވާކަން ދުވަހަކު ސާބިތުވެފައި ނެތަސް، ކުށުގެ ހަމައެކަނި ތުހުމަތެއް އޮތަސް، އަދި އެފަދަ ތުހުމަތެއް ކުރެވޭނެ ފަދަ ހާލަތެއްހާ މިންވަރު ކިރިޔާ ވުޖޫދު ވެފައި އޮތް މީހަކު ކަމުގައިވި ނަމަވެސް، އެމުވައްސާއިން ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރުމުގެ ފުރުސަތު ގެއްލިގެން ދެއެވެ.

ފުލުހުން ޚިދުމަތުން ރިޓަޔަރ ކުރެވޭނެކަމަށް ގާނޫނުގެ މިމާއްދާގައި ބުނަނީ ތިރީގައި މިވާގޮތަށެވެ.

– މިޤާނޫނުގެ 114 ވަނަ މާއްދާގައިވާ ގޮތުގެމަތިން ފުލުހުންގެ ވަޒީފާއިން ވަކިކުރާ މީހުންނާއި، ފުލުހެއްގެ މަޤާމުގައިހުރެ ކުރިކަމެއްގެ ސަބަބުން އޭނާއާމެދު އެޅިދާނެ ތައުދީބީ ފިޔަވަޅަކުން ސަލާމަތްވުމަށްޓަކައި ފުލުހުންގެ ޚިދުމަތުން ވަކިވާ މީހުން ފިޔަވައި، ފުލުހުންގެ ވަޒީފާއިން އަމިއްލަ އިޚްތިޔާރުގައި، އެއްވެސް ތައުދީބީ މައްސަލައެއް އުފުލިފައިނެތް ޙާލަތުގައި، އަދި އެފަދަ މައްސަލައެއް އުފުލުމުގެ ޙާލަތުވެސް އުފެދިފައިނެތި، ވަކިވާ ކޮންމެ މީހަކީ، ޝަރަފުވެރިކަމާއެކު ފުލުހުންގެ ވަޒީފާއިން ވަކިވާ މީހެކެވެ.

ހޯމް މިނިސްޓަރ އިމްރާން އަބުދުﷲ އައި ސީޕީ ހަމީދު

ފުލުހުންގެ ޚިދުމަތުގެ ޤާނޫނާއި ގުޅޭގޮތުން ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެފައިވަނީ، އައު ޤާނޫނަށް އަމަލު ކުރަން ފެށުމާއިއެކު ރާއްޖޭގެ ހަމަޖެހުމާއި، ސަލާމަތްތެރިކަން ކަށަވަރު ވެގެންދާނެކަމަށެވެ. އަދި ދިވެހި ރާއްޖޭގެ ދާޚިލީ ހަމަޖެހުން ޤާއިމްކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް އަމާންކަން ޤާއިމްކުރުމަށް ފުލުހުންގެ ޚިދުމަތަށް ގެންނަވާ ބަދަލު އަންނާނެކަމަށާއި،  ޤާނޫނާއިއެކު ދިވެހި ފުލުހުންގެ ޚިދުމަތަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެކަމަށް މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

ފުލުހުންގެ އައު ޤާނޫނާއެކު ފުލުހުންގެ ރޭންކުތަކަށްވެސް ބަދަލު އަންނާނެއެވެ. އެގޮތުން ފުލުހުންގެ ރޭންކުތަކުގެ ޢަދަދު15 އިން11 އަށް މަދުވާނެއެވެ. ކޮންމެއަކަސް ފުލުހުންގެ އައު ޤާނޫނަށް މިއަދު ޢަމަލުކުރެވެން ފެށުމާއެކު ފުލުހުންގެ ޚިދުމަތަށް ބަދަލުތަކެއް އަންނާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.