ޖިންސީ އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަނީ

ޖިންސީ އަނިޔާ ލިބުނު ކުއްޖާ މާލެ ގެނެސް އިތުރަށް ބަލަންޖެހޭ ކަންކަން ބަލަނީ

Author
މުޙައްމަދު ޖިމީ
27 މާރޗް 2021 08:50
0

ރ. މަޑުއްވަރީގައި 14 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުޙުމަތުކުރާ މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ އިތުރު ކަންކަން ބެލުމަށްޓަކާ، އަނިޔާ ލިބުނު އެ ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.

މަޑުއްވަރީގައި ޢުމުރުން14 އަހަރުގެ ކުއްޖަކު ރޭޕް ކުރި ކަމަށް ބުނާ މައްސަލައެއްގައި މަޑުއްވަރީގެ މަސްލަހަތު ގެއްލިފައި ވާއިރު، އެ މައްސަލައިގެ ތުހުމަތު ފުލުހަކަށާއި، ޓީޗަރެއްގެ އިތުރުން އިތުރު ބަޔަކަށްވެސް އެރަށު މީހުން ކުރެއެވެ. ރޭޕް ކުރުމުގެ ހާދިސާ ހިނގި ކަމަށް ބުނަނީ މިމަހުގެ 03 ވަނަ ދުވަހު އެވެ. ފުލުހުންނަށް މައްސަލަ ރިޕޯޓް ކޮށްފައި ވަނީ މިމަހުގެ 11 ވަނަ ދުވަހު އެވެ. މިމައްސަލާގައި ރޭޕްކުރި މީހުން ހައްޔަރުކުރުމަށް ގޮވާލަމުންދިޔަ މީހުންގެ ތެރެއިން 10 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ކްރައިމްސް އަގެއިންސްޓް ޗިލްޑްރަން ޑިޕާޓްމަންޓުން މި މައްސަލަ ތަޙްޤީޤުކުރަމުންދާކަމަށެވެ. މި މައްސަލަ ހުށަހެޅުމާއެކު ކުއްޖާއަށް އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ކުއްޖާ އެރަށުގެ ޞިއްޙީ މަރުކަޒަށް ދައްކާފައިވާކަމަށާއި، ކުއްޖާ ޚާއްސަ ޑޮކްޓަރުންނަށް ދެއްކުމަކީ މުހިއްމުކަމެއްގެ ގޮތުގައި ބެލެވި، އެރަށް ހިމެނޭ އަތޮޅުގެ ރީޖަނަލް ހޮސްޕިޓަލުގެ ސްޕެޝަލިސްޓުންނަށްވެސް ދައްކާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައިގެ ތަހުޤީޤަށް ބޭނުންވާ އިތުރު އެސަސްމަންޓް ހެދުމަށްޓަކައި ކުއްޖާ މާލެ ގެނެސް ނަފްސާނީ އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ސައިކިއެޓްރިސްޓަކަށް ދައްކައި ސައިކިއެޓްރިކް އެސެސްމެންޓް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ފުލުހުން ބުންޏެވެ. މިމައްސަލައާ ގުޅޭގޮތުން އެކިއެކި ފަރާތްތަކުން ފުލުހުންނާއި ހިއްސާކުރަމުންދާ މައުލޫމާތުތަކާއި، މީސްމީޑިއާގައި ދެކެވެމުންދާ ވާހަކަތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި މައުލޫމާތުތަކުގެ ސައްހަކަން ކަށަވަރު ކުރުމާއި، މައްސަލައާ ގުޅިގެން ހޯދަންޖެހޭ ހެއްކާއި ގަރީނާ ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. އަދި ދައުލަތުގެ ފަރާތުން ކުއްޖާއަށް ލިބެންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދީ، މިމައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާއަށް ފޯރުކޮށްދޭންޖެހޭ މައުލޫމާތުތައް ދުވަހުން ދުވަހަށް ހިއްސާކުރަމުންގެންދާކަންވެސް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުޑަކުދިންނާ މެދު ހިންގޭ އެކިބާވަތުގެ އަނިޔާގެ މައްސަލަތަކަކީ ސީރިއަސް އަދި އަވަހަށް ފިޔަވަޅުއަޅަން ޖެހޭ މައްސަލަތަކެއްގެ ގޮތުގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާތީ، ފުލުހުންގެ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު މިފަދަ މައްސަލަތައް ތަޙްޤީޤު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނަކީ ޚާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވާންޖެހޭނެކަމަށް ކަނޑައަޅައި، މިފަދަ މައްސަލަތަކުގައި ހަރަކާތްތެރި ވާނީ ޚާއްސަ ތަމްރީނު ލިބިފައިވާ ފުލުހުންނަށް ވީހިނދު، މިފަދަ މައްސަލަތަކަކީ، ސުޕަވައިޒް ކުރުމުގައާއި، މޮނިޓަރ ކުރުމުގައި ފުލުހުންގެ ފަރާތުން ޚާއްސަ ސަމާލުކަމެއްދޭ މައްސަލަތަކެއްކަމަށް ފުލުހުން ބުންޏެވެ.

އަދި މި މައްސަލައާ ގުޅިގެން ތަޙްޤީޤުގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކޮށް، އަޅަން ޖެހޭ ފިޔަވަޅުތައް ލަސްކުރުމެއްނެތި އަޅަމުންދާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާކަމަށްވެސް ފުލުހުން ބުންޏެވެ.

މަޑުއްވަރީގައި ކުރިއަށް ގެންދިޔަ އިހުތިޖާޖު ހޫނުވެ ޕޮލިސް ސްޓޭޝަނަށްވެސް ވަނީ ގެއްލުން ދީފައެވެ. އަދި މަޑުއްވަރީ ހަމަނުޖެހުމުގައި ދައުލަތުގެ މުދަލަށް ގެއްލުންދީ ފުލުހުންނަށް ހަމަލާދީފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.