ކަންސިލް އިންތިޚާބުގައި އިދިކޮޅު ޕީޕީއެމްއިން ގެންދަނީ ހިސާބުޖަހައި ހިސާބު ހަދަމުންކަމަށާއި މި އިންތިޚާބު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމަށް އިދިކޮޅު ޕީއެންސީގެ ނާއިބް ރައީސް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކައުންސިލް އިންތިޚާބަކީ މިނިވަންކަމާއި ސިޔާދަތާއި ގުޅިފައިވާ އިންތިޚާބެއްކަމަށެވެ. އަދި މިއިންތިޚާބަކީ ރައީސް ޔާމީން ޖަލުން މިނިވަން ކުރުމަށް ލިބޭ އެންމެބޮޑު ފުރުސަތަށް ވެގެންދާނެކަމަށެވެ. މިއިންތިޚާބާއި އިދިކޮޅުން ކުރިމަތިލަނީ ނުހަނު ޔަގީންކަމާއިއެކުގައި ކަމަށާއި، އެޔަގީންކަން އިތުރުވެގެންދަނީ ދިވެހި ސަރުކާރުން ރައްޔިތުންނާއިމެދު އަމަލު ކުރަމުންދާ ގޮތުންކަމަށް އޭނާ ވިދާޅުވިއެވެ.
އެއްވެސް އިހުލާސްތެރިކަމެއްނެތި ސަރުކާރުން ހިތުހުރިގޮތަކަށް ރައްޔިތުންނާއިމެދު އަމަލު ކުރަމުންދާއިރު، ރައްޔިތުން ތިބީ މިފަދަ ފުރުސަތެއްގެ އިންތިޒާރުގައި ކަމަށާއި، މިސަރުކާރަކީ ރައްޔިތުންގެ ތާއީދުނެތް އިތުބާރު ގެއްލިފައިވާ ސަރުކާރެއްކަން މި އިންތިޚާބުން ހާމަވެގެންދާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.
އަޅުގަނޑުމެން މިހާރު ހަދާ ހިސާބުތަކުން، އަބްދުއްރަހީމް އެބަހައްދަވާ ހިސާބު، އެހިސާބުތަކުން ﷲގެ ވާގިފުޅާއިއެކީގައި މިފަހަރު ބޮޑު ތަނުން އަޅުގަނޑުމެން ކާމިޔާބު ކުރާނަން. ކައުންސިލް އިންތިޚާބުގައި އެމްޑީޕީން ކިތަންމެ ވަރެއް ކުރިޔަސް އެމީހުން ޖަހަނީ ބައިކޮޅަށް ގޯލު. މަޖިލީހުގައި ކޮންމެ ފަދަ ވާހަކައެއްވެސް ދައްކާފައިވެސް އަނެއްދުވަހު އެދެނީ މަޢާފަށް.
– އާދަމް ޝަރީފް ވިދާޅުވިއެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްއަކީ ހުރިހާ ބޭފުޅުންނަށްވެސް އަބަދުވެސް މަރުހަބާ ކިޔާނެ ޕާޓީއެއްކަމަށެވެ. ނަމަވެސް ޕީޕީއެމްއަށް މިއަދު ޚިދުމަތް ކުރުމަށް އަންނަ ކޮންމެ މީހެއްގެވެސް އެންމެ އިސްވާޖިބަކީ ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތް ކުރުން ކަމަށާއި، އެކަން ނުކުރެވޭނެ މީހަކީ ޕީޕީއެމްއިން ގަބޫލު ކުރާނެ މީހެއް ނޫންކަމަށެވެ. އަދި ކޮންމެ ފަހަރަކު ވަކި މަޤްސަދެއްގައި ޕީޕީއެމްއަށް ވަނުމަށްފަހު އެކި ބަހަނާ ދައްކާފައި ދާ މީހުންނަކަށް ޕީޕީއެމްއިން ފުރުސަތު ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.