ފީފާ ވޯލްޑް ކަޕްގެ ޔޫރަޕްގެ ކޮލިފައިން މެޗުތައް ރޭ ފެށިއިރު، ފުރަތަމަ ކުޅުނު މެޗުތަކުން ބެލްޖިއަމް ކާމިޔާބުކޮށްފިއެވެ.
ބެލްޖިއަމް ވަނީ ފަހަތުން އަރައި ވޭލްސް 3-1 އިން ބަލިކޮށްފައެވެ. ބެލްޖިއަމް ސިއްސުވާލުމަށް ފަހު ރޭގެ މެޗުގެ 10 ވަަނަ މިނިޓްގައި ވޭލްސް އިން ލީޑުނެގި ގޯލު ޖެހީ ގަރެތު ބޭލް އާއި ކޮނާ ރޮބަޓްސް ތަނަވަސްކޮށްދިން ބޯޅައަކުން ހެރީ ވިލްސަންއެވެ. ފުރަތަމަ ހާފުގެ ހަ މިނިޓް ތެރޭ ދެ ގޯލު ޖަހައި ބެލްޖިއަމުން ނަތީޖާ އަނބުރާލިއެވެ.
އެ ޓީމަށް އެއްވަރުކޮށްދިން ގޯލު ޖެހީ މެޗުގެ 22 ވަނަ މިނިޓްގައި ކެވިން ޑިބްރޭނާ އެވެ. އޭގެ ހަ މިނިޓް ފަހުން އެޑެން ހަޒާޑްގެ ކޮއްކޮ ތޯގަން ހަޒާޑް ވަނީ ބެލްޖިއަމަށް ލީޑުނަގައިދީފަ އެވެ. ދެ ވަނަ ހާފްގައި ބެލްޖިއަމްގެ ފަހު ގޯލު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ރޮމެލޫ ލުކާކޫއެވެ.
މި ގްރޫޕްގެ އަނެއް މެޗުން ރޭ ޗެކް ރިޕަބްލިކް ވަނީ ރަށުންބޭރުގައި 6-2 އިން އެސްޓޯނިއާ ބަލިކޮށްފައެވެ.
ކޮމެންޓު ފޮނުވާ