ލިވަޕޫލްއާއި އެއްވަރުކޮށް 2 ޕޮއިންޓުގެ ލީޑެއްގައި ތާވަލްގެ ކުރި އެވަޓަން އަށް

ލިވަޕޫލްއާއި އެއްވަރުކޮށް 2 ޕޮއިންޓުގެ ލީޑެއްގައި ތާވަލްގެ ކުރި އެވަޓަން އަށް

ގުޅުންހުރި

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ. މެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

އެވަޓަނުގެ ދަނޑުގައި ކުޅުނު މި މެޗުގެ ކުރީކޮޅު ލިވަޕޫލުން ވަނީ މޮޅު ކުޅުމެއް ދައްކައި މެޗުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. މެޗު ތިންވަނަ މިނެޓުގައި އެންޑީ ރޮބަޓްސަން ދިން ޕާހަކުން މި ލަނޑު ލިވަޕޫލަށް ކަމިޔާބުކޮށްދިނީ ފޯވާޑް ސަޑިއޯ މާނޭއެވެ. މެޗްގެ އަށްވަނަ މިނެޓްގައި ލިވަޕޫލްގެ ޑިފެންޑަރ ވެންޑައިކް ވަނީ އަނިޔާވެގެން ބަދަލުކޮށްފައެވެ.

މެޗުގެ 19 ވަނަ މިނެޓްގައި އެވަޓަނުން ވަނީ ލަނޑު ޖަހާ ނަތީޖާ އެއްވަރުކޮށްފައެވެ. ހަމޭސް ރޮޑްރިގޭޒް ނަގައިދިން ކޯނަރަކުން މި ލަނޑު އެވަޓަނަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު މައިކަލް ކީނެވެ. ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ.

މެޗުގައި ލިވަޕޫލުން ދެވަނަ ފަހަރަށް ލީޑު ނެގީ 72 ވަނަ މިނެޓުގައި ފޯވާޑް މުޙައްމަދު ސަލާހު ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ސަލާހު އެ ޓީމަށް ޖަހައިދިން 100 ވަނަ ލަނޑެވެ.

މެޗު ނިމެން ނުވަ މިނެޓަށް ވެފައިވަނިކޮށް ލޫކަސް ޑީނިއާ ނަގައިދިން ހުރަހަކުން ޒުވާން ފޯވާޑް ޑޮމިނިކް ކަލްވެޓް-ލެވިން ވަނީ އެވަޓަނަށް އަލުން ނަތީޖާ އެއްވަރުކޮށްދީފައެވެ. މި ލަނޑާއެކު މި ސީޒަނުގައި މިހާތަނަށް އެވަޓަނުން ކުޅުނު ފަސް މެޗުގައިވެސް ކަލްވެޓް-ލެވިން ލަނޑު ޖަހާފައިވާއިރު، މިއީ ލީގުގައި އޭނާ ކާމިޔާބުކުރި ހަތްވަނަ ލަނޑެވެ.

މެޗުގައި ނިމެންދަނިކޮށް އެވަޓަންގެ ރިޗާލިސަނަށް ރެފުރީ ވަނީ ރަތް ކާޑެއް ދައްކާފައެވެ. އޭނާއަށް ރަތް ކާޑެއް ދެއްކީ ލިވަޕޫލުގެ ތިއާގޯ އަލްކަންޓާރާއަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެންނެވެ.

އެއާއެކު މެޗުގެ އިތުރު ވަގުތުގައި މާނޭ ދިން ޕާހަކުން ލިވަޕޫލުގެ ކެޕްޓަން ހެންޑަސަން ވަނީ ލަނޑެއް ޖަހާފައެވެ. އެކަމަކު މާނޭ އޮފްސައިޑުގައި ހުރުމުން ވީޑިއޯ އެސިސްޓަންޓް ރެފުރީ (ވީއޭއާރް) އިން ވަނީ އެ ލަނޑު ބާތިލުކޮށްފައެވެ.

މި ނަތީޖާއާއެކު އެވަޓަން ތާވަލުގެ އެއްވަނައިގައި އޮތީ ފަސް މެޗުން 13 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލަށް ފަސް މެޗުން ވަނީ 10 ޕޮއިންޓު ލިބިފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *