ޗެލްސީއާއެކު ހަދާފައި އޮތް އެއްބަސްވުން އިތުރު އެއް އަހަރަށް އާކުރަން ބްރެޒިލްގެ ޑިފެންޑަރު ތިއާގޯ ސިލްވާ ބޭނުންވަކަމަށް ރިޕޯޓްތައް ބުނެފިއެވެ.
ސިލްވާ ޗެލްސީއަށް ބަދަލުވެފައިވަނީ ހިލޭ އެއްބަސްވުމެއްގެ ދަށުންނެވެ. ޕީއެސްޖީގައި އަށް އަހަރު ހޭދަކުރުމަށްފަހު ސިލްވާ ޗެލްސީއަށް ބަދަލުވީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ.
އަންނަ ސީޒަނުގައިވެސް ޗެލްސީގައި މަޑުކުރަން ސިލްވާ ނިންމީ، އެ ޓީމުގެ އައު ކޯޗު ތޯމަސް ޓުޗެލުގެ އިރުޝާދުގެ ދަށުން، ޗެލްސީން ދައްކަމުން އަންނަ ތަފާތު މޮޅު ކުޅުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން ޗެލްސީގެ ކޯޗުކަމާ ޓުޗެލް ހަވާލުވި ފަހުން، އެ ޓީމުން ކުޅުނު 14 މެޗުންވެސް ޗެލްސީ ބަލިވެފައެއް ނުވެއެވެ. އަދި މީގެ ކުރިން ޓުޗެލުގެ ކޯޗުކަމުގައި ސިލްވާ ޕީއެސްޖީގެ ކެޕްޓަނުގެ މަގާމު އަދާކޮށްފައިވާއިރު، ޓުޗެލްއާއެކު އިތުރު ކާމިޔާބީތަކެއް ހޯދަން ސިލްވާ ބޭނުންވާ ކަމަށްވެސް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.
ސިލްވާ ވަނީ ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގައި 8 އަހަރު ހޭދަކޮށްފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ސިލްވާ ވަނީ އެޓީމަށް 315 މެޗު ކުޅެދީފައެވެ. މީގެ އިތުރުން ސިލްވާ ވަނީ ޕީއެސްޖީއާއެކު ފްރެންޗު ލީގު 7 ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ބްރެޒިލްގެ ގައުމީ ޓިމާއެކު މިދިޔަ އަހަރުގެ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.
ކޮމެންޓު ފޮނުވާ