އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށް ލެސްޓާ ސިޓީން ޖާގަ ހޯދައިފިއެވެ.
ޔުނައިޓެޑް ކެޓީ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީވެސް އެ ޓީމުންނެވެ. އެގޮތުން މެޗުގެ 24 ވަނަ މިނެޓުގައި ޔުނައިޓެޑުގެ ފްރެޑް ހެދި ގޯހެއްގެ ފައިދާ ނަގައި، ލެސްޓާއަށް ލީޑު ނަގައިދިން ލަނޑު ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 38 ވަނަ މިނެޓުގައި މޭސަން ގްރީންވުޑް ވަނީ ޔުނައިޓެޑަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި މެޗުގައި ލެސްޓާއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ދެވަނަ ހާފު ފަށައިގެން ހަތްވަނަ މިނެޓުގައި ޔޫރީ ޓިއެލެމަންސް ކާމިޔާބުކުރި ލަނޑުންނެވެ. އަދި މެޗުގެ 78 ވަނަ މިނެޓުގައި އިހެނާޗޯ ވަނީ އިތުރު ލަނޑެއް ޖަހައި، ލެސްޓާއަށް ސެމީގެ ޖާގައެއް ކަށަވަރުކޮށްދީފައެވެ.
އަންނަ މަހު 17 ވަނަ ދުވަހު އިނގިރޭސި ރަސްމީ ސްޓޭޑިއަމް ވެމްބްލީގައި ކުޅޭ އެފްއޭ ކަޕްގެ ފުރަތަމަ ސެމީ ފައިނަލުގައި ލެސްޓާ ނުކުންނާނީ ސައުތެމްޓަންއާ ދެކޮޅަށެވެ.
ކޮމެންޓު ފޮނުވާ