ލެވަންޑޯސްކީގެ ހެޓްރިކާއިއެކު ބަޔާންއަށް ފަސޭހަ މޮޅެއް

ލެވަންޑޯސްކީގެ ހެޓްރިކާއިއެކު ބަޔާންއަށް ފަސޭހަ މޮޅެއް

Author
މުޙައްމަދު ޝަޒައިމް
21 މާރޗް 2021 09:37
0

ރޮބާޓޯ ލެވަންޑޯސްކީގެ ހެޓްރިކާއިއެކު އެންމެ ގަހުގެ ޗެމްޕިއަން ބަޔަން މިއުނިކް އިން ލީޑު ފުޅާކޮށްފިއެވެ.

ޖަރުމަނު ލީގުގައި ރޭ ސްޓުޓްގާޓްއާއި ދެކޮޅަށް ކުޅުނު މެޗު ބަޔާން މިއުނިކުން ކާމިޔާބު ކުރީ 4-0 ގެ ނަތީޖާއަކުންނެވެ. މިމޮޅާއިއެކު ބަޔާންއަށް ވަނީ ލީގުގެ އެއް ވަނައިގައި އަލުން ހަތަރު ޕޮއިންޓަށް ލީޑެއް ލިބިފައެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ބަޔާނުގެ އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑު ޖަހާފައެވެ. އެގޮތުން މެޗުގެ 18 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިނީ ލެވަންޑޯސްކީއެވެ. އަދި މެޗުގެ 22 ވަނަ މިނެޓުގައި ސާޖް ގްނަބްރީ ބަޔާނަށް ލީޑު ފުޅާކޮށްދިންއިރު، އޭގެ މިނެޓެއް ފަހުން ލެވަންޑޯސްކީ ވަނީ ބަޔާނުގެ ތިންވަނަ ލަނޑު ޖަހާފައެވެ. އަދި މި މެޗުގައި ލެވަންޑޯސްކީ ހެޓްރިކް ފުރިހަމަކޮށްފައިވަނީ މެޗުގެ 39 ވަނަ މިނެޓުގައި ޖެހި ލަނޑުންނެވެ.

މި މެޗުގައި ލެވަންޑޯސްކީ ތިން ލަނޑު ޖެހިއިރު، މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 35 ވަނަ ލަނޑެވެ. ރޭގެ މެޗުގެ ގޯލުތަކާ އެކު ލެވަންޑޯސްކީ ވަނީ ފާއިތުވި ހަ ސީޒަނުގައި ވެސް ހުރިހާ މުބާރާތެއްގައި 40 އަށް ވުރެ ގިނަ ގޯލު ޖަހައިފައެވެ. މި ސީޒަނުގައި މިހާތަނަށް ލެވަންޑޯސްކީގެ ޖުމްލަ އަދަދަކީ 42 ގޯލެވެ.

ރޭގެ ނަތީޖާއާ އެކު ބަޔާން މިހާރު އެއް ވަނައިގައި އޮތީ 26 މެޗުން 61 ޕޮއިންޓް ހޯދައިގެންނެވެ. އެއީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ދެ ވަނައިގައި އޮތް ލައިޕްޒިގަށް ލިބިފައިވަނީ 26 މެޗުން 57 ޕޮއިންޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.