ވޯލްޑް ކަޕް ކުޅުނު އީރާން ޑިފެންޑަރެއް ވެލެންސިއާ އަށް

ވޯލްޑް ކަޕް ކުޅުނު އީރާން ޑިފެންޑަރެއް ވެލެންސިއާ އަށް

Author
މުޙައްމަދު ޝަޒައިމް
18 މާރޗް 2021 11:13
0

ބްރެޒިލްގައި 2014 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި އީރާން ގައުމީ ޓީމަށް ކުޅުނު ޑިފެންޑަރު މެހެރްދާދް ޕުލާދީ ރާއްޖޭގެ ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

ޕޫލާދީ 2006 އިން 2014އާ ހަމައަށް ކުޅެފައިވަނީ އީރާންގެ ކްލަބްތަކަށެވެ. އޭގެ ފަހުން ދެން އޭނާ ފެނިފައިވަނީ ގަތަރުގެ އަލް-ޝަހާނިއާ އާއި އަލް-ހަައިރިއްޔަތު އަދި ތައިލެންޑްގެ ބެންކޮކް ޔުނައިޓެޑް އިންނެވެ. އެންމެ ފަހުން އޭނާ ކުޅެފައިވަނީ ގަތަރުގެ މުއައިތާރް ސްޕޯޓްސް ކްލަބަށެވެ. އުމުރުން 34 އަހަރުގެ ޕޫލާދީ ވެލެންސިއާއާ ގުޅުނީ މީގެ ދުވަސްތަކެއް ކުރިންނެވެ. ޓީމާ ގުޅުމަށް ފަހު ކަރަންޓީނު މުއްދަތު ފުރިހަމަކޮށް މިއަދު ޕްރެކްޓިހަށް ނުކުންނާނެއެވެ.

އީރާންގެ 20 އަހަރާއި 23 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅުނު ޕޫލާދީ އެންމެ ފުރަތަމަ ސީނިއާ ޓީމަށް ކުޅުނީ 2011 ވަނަ އަހަރު ކާލޯސް ކުއެރޯޒްގެ ކޯޗުކަމުގަ އެވެ. ކުއެރޯޒް އަކީ ރެއާލް މެޑްރިޑާއި މެންޗެސްޓާ ޔުނައިޓެޑްގައި ކޯޗިންގެ މަސައްކަތްތަކެއް ކޮށްފައިވާ ތަޖުރިބާކާރު ކޯޗެކެވެ. ގައުމީ ޓީމާ އެކު ޕޫލާދީގެ އެންމެ ބޮޑު އުސްއައްޔަކީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕް އެވެ. އެ މުބާރާތުގައި އީރާން އިން އާޖެންޓީނާ އާއި ބޮސްނިއާ އަދި ނައިޖީރިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުތަކުގައި ޕޫލާދީ ކުޅެފައިވެއެވެ.

ޕޫލާދީ ވަނީ 2015 ވަނަ އަހަރުގެ އޭޝިއަން ކަޕްގައި އީރާން ޓީމަށް ކުޅެފަ އެވެ. އެ މުބާރާތުގެ ކުއާޓާ ފައިނަލުގައި އިރާގާ ދެކޮޅަށް ކުޅުނު މެޗުގައި ޕޫލާދީ އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ. އެ މުބާރާތަށް ފަހު ޕޫލާދީ އީރާން ގައުމީ ޓީމަށް އަދި މެޗެއް ނުކުޅެ އެވެ. މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ޓްރާންސްފާ މާކެޓް ބަންދުވިއިރު ވެލެންސިއާ އިން ވަނީ ޓީމުގައި އިތުރު ބިދޭސީ ކުޅުންތެރިއަކު ވެސް ހިމަނައިފަ އެވެ. އެއީ ސްޕެއިނުގެ ގިނަ ކްލަބްތަކާއި ފިންލެންޑް ފުރަތަމަ ޑިވިޝަން ކްލަބް އެފްސީ ހޮންކާ އަށް ކުޅެފައިވާ އެޓޭކިން މިޑްފީލްޑަރު ބޯހަސް މާޓިން އެވެ. އޭނާ ވަނީ ޓްރާންސްފާ މާކެޓްގެ ކުރިން ވެލެންސިއާއާ ގުޅި އެ ޓީމާ އެކު ފަރިތަކުރުންތަކުގައި ބައިވެރިވާން ފަށައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.