ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު ދެ ވަނަ ލެގުގައި ބޮރޫޝިއާ މޮންޗެންގްލަޑްބަކް ކަޓުވާލުމަށްފަހު މުބާރާތުގެ ކުއާޓާ ފައިނަލަށް މެންޗެސްޓާ ސިޓީ ދަތުރުކޮށްފިއެވެ.
ކޯވިޑް-19 އާ ގުޅިގެން ސިޓީ އާއި މޮންޗެންގްލަޑްބަކުގެ ދެ ލެގުވެސް ކުޅެފައިވަނީ ހަންގޭރީގެ ބުޑަޕެސްޓުގައި ހުންނަ ޕުސްކަސް އެރީނާގައެވެ.
މުންޗެންގްލަޑްބެކް ކޮޅަށް ސިޓީން ލަނޑުތައް ޖެހީ ފުރަތަމަ ހާފުގެ 18 މިނިޓް ތެރޭގަ އެވެ. މެޗުގެ 12 ވަނަ މިނިޓްގައި ސިޓީ އަށް ލީޑުނަގައިދިނީ ކެވިން ޑިބްރޭނާ އެވެ. ރިޔާދު މާރޭޒް ދިން ބޯޅަ ޑިބްރޭނާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ހަ މިނިޓް ފަހުން ފިލް ފޯޑެން ތަނަވަސްކޮށްދިން ފުރުސަތެއްގައި އިލްކާއި ގުންޑޮގާން ވަނީ ސިޓީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.
މި މެޗުން ސިޓީ މޮޅުވިއިރު، މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެންމެ ފަހުން ކުޅުނު ހަތް މެޗުވެސް އެ ޓީމުން ނިންމާލާފައިވަނީ ބައިކޮޅަށް ލަނޑެއް ނުވައްދައެވެ. އަދި މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު އަށް މެޗުގައި ސިޓީ ކޮޅަށް މިހާތަނަށް ވަދެފައިވަނީ އެންމެ ލަނޑެކެވެ.
ކުއާޓާގެ ޖާގަތައް މިހާތަނަށް ކަށަވަރުކޮށްފައިވާ ޓީމުތަކަކީ ބޮރޫޝިއާ ޑޯޓްމަންޑް، ޕީއެސްޖީ، ލިވަޕޫލް، ޕޯޓޯ، ރެއާލް އަދި ސިޓީއެވެ.
ކޮމެންޓު ފޮނުވާ