އިންގްލިޝް ޕްރިމިއަރ ލީގުގައި ނިއުކާސްލް ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ.
މިމެޗްގައި ގިނަ އިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ވިލާއެވެ. މިމެޗްގެ ފުރަތަމަ ހާފް ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗްގެ 86 ވަނަ މިނެޓްގައެވެ. ވިލާއިން ކާމިޔާބުކުރި މިލަނޑަކީ އެޓީމްގެ އޮލީ ވޮޓްކިންސް ނިއުކާސްލްގެ ގޯލަށް ބޮލުން ފޮނުވާލި ހަމަލާއެއް ނިއުކާސްލްގެ ކިއެރަން ކްލާކްގެ ގައިގައި ޖެހިފާ ބައިކޮޅަށް ވަން ލަނޑެކެވެ.
މި މެޗުން ނިއުކާސްލް ބަލިނުވެ އެއްވަރުކޮށްދިން ގޯލް މެޗުގެ އެންމެ ފަހު ވަގުތު ކާމިޔާބުކޮށް ދިނީ އެޓީމުގެ ކެޕްޓަން ޖަމާލް ލަސުލްޒް އެވެ.
މިމެޗް އެއްވަރު ވުމުން ރެލިގޭޝަންގެ ބިރު ހީވެފައިވާ ނިއުކާސްލް މިވަނީ ރެލިގޭޝަނާއި އެއްޕޮއިންޓް ދުރަށް ޖެހިލާފައެވެ. އެއީ ކުޅުނު 28 މެޗުން ލިބިފައިވާ 28 ޕޮއިންޓާއެކުއެވެ. ނަމަވެސް މިހަފްތާގައި އެހެން މެޗްތަކުގެ ނަތީޖާ ނިކުންނަ ގޮތަކުން ނިއުކާސްލް ރެލިގޭޝަނަށް ވެއްޓުމަކީވެސް އެކަށީގެންވާކަމެކެވެ. ވިލާ މިވަގުތު އޮތީ ކުޅުނު 27 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.
ކޮމެންޓު ފޮނުވާ