ފީފާ ވޯލްޑް ކަޕާއި 2023ވަނަ އަހަރުގެ އޭޝިއަން ކަޕް ޖޮއިންޓް ކޮލިފައިންގެ ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ބާކީ ހުރި މެޗުތައް ޗައިނާގައި އަންނަ ޖޫން މަހު ކުޅޭ ގޮތަށް އޭއެފްސީން ނިންމައިފިއެވެ.
ރާއްޖެ ގްރޫޕްގައި ޗައިނާ އާއި ރާއްޖޭގެ އިތުރުން ދެން ހިމެނެނީ ސީރިއާ، ގުއާމް އަދި ފިލިޕީންސް އެވެ.
އޭއެފްސީން އިއްޔެ ވަނީ ސެންޓްރަލައިޒްކޮށް ކޮލިފައިންގެ ބާކީ ހުރިހާ މެޗެއް ކުޅޭނެ ގައުމުތައް ނިންމައިފައެވެ. އެ ގޮތުން ރާއްޖެ ގްރޫޕްގެ ބާކީ އަށް މެޗު ކުޅޭނީ ޗައިނާގައެވެ. ދެން ހުރި ގްރޫޕްތަކުގެ މެޗުތަކުގެ ހޯސްޓުންނަށް ހަމަޖައްސާފައިވަނީ ކުވޭތާއި ބަހްރޭން، ސައުދީ އަރަބިއްޔާ، ގަތަރު، ޖަޕާން، ޔޫއޭއީ އަދި ކޮރެއާ ރިޕަބްލިކްއެވެ.
މިދިޔަ އަހަރު މާޗް މަހު 26 ވަނަ ދުވަހާއި 31 ވަނަ ދުވަހު ކުޅެން އޮތް މެޗުތައް ފުރަތަމަ އޭއެފްސީއިން ވަނީ ތިން ފަހަރެއްގެ މަތީން ފަސްކޮށްފައެވެ. ރާއްޖެ ހިމެނޭ ގުރޫޕް އޭގެ އެއްވަނައިގައި މިވަގުތު އޮތީ 5 މެޗުން 15 ޕޮއިންޓް ހޯދައިގެން ސީރިއާއެވެ. ޗައިނާއަށް 4 މެޗުން ލިބިފައިވަނީ 7 ޕޮއިންޓެވެ. ގުރޫޕްގެ 3 ވަނައިގައި އޮތީ 5 މެޗުން 7 ޕޮއިންޓާއެކު ފިލިޕީންސް އަދި ގުރޫޕްގެ އެންމެ ފުލުގައި އޮތީ ގުއާމެވެ.
މިދިޔަ އަހަރު ކުރީކޮޅު ގައުމީ ޓީމާ ހަވާލުވި ކޯޗު ނެދަލެންޑްސްގެ މާޓިން ކޫޕްމަންގެ އިރުޝާދުގެ ދަށުން މިހާތަނަށް ރަސްމީކޮށް އަދި މެޗަކަށް ނުކުމެފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން ޕްރެކްޓިސްތައް ކުރިއަށްގެންގޮސްފައިވާއިރު، ކޮވިޑާ ހެދި މެޗުތައް ފަސްކުރުމުން ޕްރެކްޓިސް ހުއްޓާލަން ޖެހުނީ އެވެ. ދާދި ފަހުން އެފްއޭއެމުން ވަނީ ކޫޕްމަންއާ އެކު ހަދާފައިވާ އެއްބަސްވުން އިތުރު ތިން އަހަރަށް އާ ކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ