އާސެނަލް ގަދަ ސޯޅައިގެ އުންމީދު ބޮޑުކޮށްފި

އާސެނަލް ގަދަ ސޯޅައިގެ އުންމީދު ބޮޑުކޮށްފި

Author
މުޙައްމަދު ޝަޒައިމް
12 މާރޗް 2021 01:43
0

ޔުއޭފާ ޔޫރޮޕާ ލީގުގެ ފަހު 16 އަށް ދަތުރު ކުރުމަށް ގްރީސްގެ އޮލިމްޕިއާކޯސް އާއި އާސެނަލް ބައްދަލުކުރިމެޗް އާސެނަލް ކާމިޔާބުކޮށް މިމުބާރާތުގެ ކުއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑުކޮށްފިއެވެ.

އޮލިމްޕިއާކޯސްގެ ދަނޑުގައި ކުޅުނު މިމެޗް އާސެނަލް ކާމިޔާބުކުރީ 3 ލަނޑު އެއް ލަނޑުންނެވެ. އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ އާސެނަލްއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މާޓިން އެޑެގާޑްއެވެ. މިމެޗްގެ 58 ވަނަ މިނެޓްގައި އާސެނަލްގެ ޑިފެންސްގައި ހެދި ގޯހެއްގެ ފައިދާ ނަގައި އޮލިމްޕިއާކޯސްއިން ވަނީ ލަނޑެއް ޖަހައި މިމެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ޔޫސުފް އެލް އަރަބީއެވެ.

މިމެޗްގައި އާސެނަލްއަށް ދެވަނަ ފަހަރަށް ލީޑު ނަގައިދިނީ މެޗްގެ 79 ވަނަ މިނެޓްގައި ގެބްރިއެލް ޖަހައިދިން ލަނޑުންނެވެ. އަދި މިމެޗްގައި އާސެނަލްގެ ފަހު ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި ޖަހައިދިނީ މުހަންމަދު އެލްނެނީއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު އާސެނަލްއަށް ލިބުނު ކަން ފާހަގަކޮށްލެވެއެވެ.

މިކާމިޔާބީއާއެކު އާސެނަލްއަށް މިހާރު މިވަނީ އަމިއްލަ ދަނޑުގައި ދެވަނަ ލެގަށް ނިކުންނައިރު ރަށުން ބޭރުގައި މުހިންމު ތިން ލަނޑު ކާމިޔާބު ކުރެވިފައެވެ. އެހެންކަމުން މިމުބާރާތުގެ ކްއާޓަރ ފައިނަލަށް ދިއުމުގެ ފުރުސަތު ބޮޑީ އާސެނަލްއަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.