ބާސެލޯނާގެ ރައީސްކަމަށް ލަޕޯޓާ

ބާސެލޯނާގެ ރައީސްކަމަށް ލަޕޯޓާ

Author
މުޙައްމަދު ޝަޒައިމް
08 މާރޗް 2021 12:09
0

ސްޕެއިނުގެ ގަދަބާރު ބާސެލޯނާގެ ރައީސަކަށް ކުރިން ވެސް އެ މަގާމުގެ ޒިންމާ ފުރިހަމަ އަށް އަދާކުރެއްވި ޖޮއާން ލަޕޯޓާ އިންތިހާބުވެއްޖެއެވެ.

ބާސެލޯނާގެ ރައީސްކަން މިހާރުވެސް ކުރައްވަމުންދާ ލަޕޯޓޭ އިންތިޚާބު ކާމިޔާބު ކޮށްފައިވަނީ ޔާގީންކަމާއިއެކު ބޮޑު ނަތީޖާ އަކުންނެވެ. ލަޕޯޓާ ހޮވިވަޑައިގަތީ ޖުމްލަ 30،184 ވޯޓާއެކު އެވެ. ދެވަނައިގައި ހިމެނުނީ އެންމެ ބޮޑު ކެމްޕޭނެއް ކުރި ވިކްޓަ ފޮންޓް އެވެ. އޭނާއަށް ލިބުނީ ޖުމްލަ 16،679 ވޯޓެވެ. އަދި ތިންވަނައިގައި ހިމެނުނު ފްރޭޒާ އަށް ލިބުނީ 4769 ވޯޓެވެ.

އުމުރުން 58 އަހަރުގެ ލަޕޯޓާ ވަނީ ބާސެލޯނާގެ ރައީސްގެ މަގާމް 2003-2010 އަށް ފުރުއްވައިފަ އެވެ. ލަޕޯޓާގެ ފުރަތަމަ ދައުރުގައި ބާސެލޯނާ އިން ސްޕެނިޝް ލީގު ހަތަރު ފަހަރު، ޗެމްޕިއަންސް ލީގު ދެ ފަހަރު އަދި ސްޕެނިޝް ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕް އެއް ފަހަރު އުފުލައިލިއެވެ.

ރައީސްކަމަށް ހޮވުމަށްފަހު ލަޕޯޓާ އެންމެ ބޮޑު އިސްކަމެއް ދޭނީ ކުލަބުގެ މާލީ ހާލަތު ހަމަޔަކަށް އެޅުވުމެވެ. ބާޓެމޮއުގެ ދައުރުގައި ކުލަބުގެ ދަރަނި ބޮޑުތަނުން އިތުރުވެފައިވާއިރު ގިނަބައެއްގެ ފާޑުކިޔުންތަކެއް އޭނާއަށް އަމާޒުވެފައިވެއެވެ. މީގެއިތުރުން މެސީގެ ކުރިމަގާއި ގުޅޭގޮތުންވެސް ލަޕޯޓާ ވާހަކަދައްކާފައިވެއެވެ. އޭނާގެ އެންމެ ބޮޑު އުއްމީދަކީ އާ އެއްބަސްވުމުގައި މެސީ ސޮއިކުރާނެ ކަމަށެވެ. ބެލެވޭ ގޮތުގައި ކުރިޔަށްއޮތް ދުވަސްތަކުގެ ތެރޭގައި އާ އެއްބަސްވުމެއްގައި މެސީ ސޮއިކުރާނެއެވެ.

އިންތިހާބު ކާމިޔާބުކުރުމަށް ފަހު ލަޕޯޓާ ވިދާޅުވީ މެސީ ވޯޓުލާން އައުމަކީ ލިބިގެންދިޔަ ބޮޑު ހިތްހަމަޖެހުމެއް ކަމަށާއި އުއްމީދަކީ ވީ އެންމެ އަވަހަށް މެސީގެ ކޮންޓްރެކްޓް އާ ކުރުން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.