އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަތުން 2-0 އިން ބަލިވެ މެންޗެސްޓާ ސިޓީން ދަމަހައްޓަމުން އައި މޮޅުވުމުގެ ރެކޯޑަށް ނިމުން ގެނެސްފިއެވެ.
ސީޒަންގައި ޖެހި ޖެހިގެން 21 މެޗަށް ފަހު ސިޓީ ބަލިވިނަމަވެސް ސިޓީ އޮތީ ތާވަލުގެ އެއްވަނައިގައި 11 ޕޮއިންޓުގެ ބޮޑު ލީޑަކާއެކުއެވެ. މެޗުގައި ޔުނައިޓެޑުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗު ފަށައިގެން ފުރަތަމަ 30 ސިކުންތުގެ ތެރޭގައެވެ. މިއީ އޭރިއާ ތެރެއިން ޔުނައިޓެޑުގެ އެންތަނީ މާޝަލް އަށް ސިޓީގެ ގެބްރިއަލް ޖީސަސް ކުރި ފައުލަކާއި ގުޅިގެން ރެފްރީ ދިން ޕެނަލްޓީއަކުން ޔުނައިޓެޑް ކާމިޔާބުކުރި ލަނޑެެކެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބްރޫނޯ ފެނާންޑޭޒް އެވެ.
ޔުނައިޓެޑުގެ ފަހަތް މި މެޗުގައި ފެނުނީ ވަރަށް ހުށިޔާރުކޮށެވެ. މެޗުގައި ޔުނައިޓެޑުގެ ދެވަނަ ލަނޑު ފެނިގެންގޮސްފައި ވަނީ ދެވަނަ ހާފުގެ 50 ވަނަ މިނެޓުގައެވެ. މާކަސް ރަޝްފޯޑް ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު ކާމިިޔާބުކޮށްދިނީ ލޫކް ޝޯއެވެ.
ސިޓީ އަތުން ހޯދި މޮޅާ އެކު ޔުނައިޓެޑުން ލީގުގައި ރަށުންބޭރުގައި ބަލިނުވެ 22 މެޗު ހަމަކުރިއިރު، އެ ޓީމުން ވަނީ ސިޓީގެ ލީޑު 11 ޕޮއިންޓަށް ކުޑަކޮށްފަ އެވެ. ސިޓީ އެއް ވަނައިގައި އޮތީ 28 މެޗުން 65 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް އަލުން ދެ ވަނަ އަށް އެރީ 28 މެޗުން 54 ޕޮއިންޓް ހަަމަކޮށްގެންނެވެ. ލީގުގައި ދެ ޓީމަށް ވެސް ބާކީ އޮތީ 10 މެެޗެވެ.
ކޮމެންޓު ފޮނުވާ