މިއަދު އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރަމުންދާ މުޒާހަރާ އަށް ގިނަ އަދަދެއްގެ ފުލުހުން މަގުތަކަށްނެރެ، ފުލުހުންގެ ސަފުތަކުން މަގުތައް ފުރާލައި، މުޒާހަރާ ކުރާމީހުން ހުއްޓުވައި ހައްޔަރު ކުރަން ފަށައިފިއެވެ.
މުޒާހަރާ ފެށުމުގެ 2 ގަޑިއެއްހާއިރު ކުރިން ފުލުހުން ވަނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ ޕީޕީއެމް އޮފީހަށް އެއްވެސް މީހަކަށް ނުވަދެވޭނެހެން އެ އޮފީހަށް ދާނެ ހުރިހާ މަގެއް ބަންދުކޮށް ބެރިކޭޑް ޖަހާފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިންވަނީ މާލޭގެ އެކި ސަރަހައްދުތަކަށް އެއްވެ މުޒާހަރާ ކުރަމުންނެވެ. އެގޮތުން މަޖީދީ މަގު ޗާންދަނީ މަގު ގުޅޭ ކަންމައްޗާއި، މިނޫންވެސް އެކި ސަރަހައްދުތަކުގައި ދަނީ އެއްވެ އަދު އުފުލަމުންނެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ފުލުުން ވަނީ ބާރުގެ ބޭނުންކޮށް ގިނަ އަދަދެއްގެ މީހުން ހައްޔަރު ކުރަމުންނެވެ.
މުޒާހަރާގެ ތެރެއިން ހައްޔަރު ކުރާމީހުން ފުލުހުން ވަނީ ވެހިކަލަށް އަރުވައިގެން ފުލުހުންގެ ހެޑްކުއާޓާޒްއަށް ގެންދަމުންނެވެ. މުޒާރާގެ ބައިވެރިންނަށް ވުރެ ގިނައިން މިއަދު މަގުތަކަށް ފުލުހުން ނިކުމެފައިވާއިރު، މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ އަޑު އުފުލަމުންދަނީ ޤާނޫނު އަސާސީން ލިބިދޭ ހައްގުތަކުގެ ތެރެއިން ކަމަށާއި، އަޑު އުފުލުން ހުއްޓާ ނުލާނެކަމަށެވެ.
ހައްޔަރު ކުރާ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ މީހުންނާއި، ގިނަ އަދަދެއްގެ ޒުވާނުންވެސް ހިމެނެއެވެ. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ހައްޔަރު ކުރި މީީހުންގެ ތެރޭގައި ޕީޕީއެމް ޕީއެންސީގެ ކައުންސިލް މެމްބަރުންނާއި، ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ ކެންޑިޑޭޓުންވެސް ހިމެނެއެވެ.
ކޮމެންޓު ފޮނުވާ