ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެރިއަރުގައި އިތުރަށް ހާސިލްކުރަން ބޭނުންވާ އެއްވެސް ކަމެއް ނެތް ކަމަށާއި، މިހާރު އޭނާގެ ހަމައެކަނި އަމާޒަކީ ކެރިއަރުގެ އެންމެ ފަހު ވޯލްޑް ކަޕްގެ ފުރިހަމަ އުފާ ހޯދުން ކަމަށް އޭނާ ބުނެފިއެވެ.
ފީފާ ވޯލްޑް ކަޕް 2026 ގެ ގަދަ 16 ގައި ވަރުގަދަ ސްޕެއިނާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އުމުރުން 41 އަހަރުގެ ރޮނާލްޑޯ ވަނީ މިއީ އޭނާގެ ފަހު ވޯލްޑް ކަޕްކަން ތަކުރާރުކޮށް ޔަގީންކޮށްދީފައެވެ. އަދި އޭނާގެ އުއްމީދަކީ ސްޕެއިން ބަލިކޮށް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުންކަމަށާއި، ފަހު މެޗަށް މި މެޗު ނުވުންކަން އޭނާ ފާހަގަކުރިއެވެ.
ފުޓްބޯޅައިގައި އޭނާއަށް ލިބުނު ކާމިޔާބީތަކާމެދު ފަޚުރުވެރިވާކަން ހާމަކުރަމުން ރޮނާލްޑޯ ބުނީ، އޭނާ އުއްމީދުވެސް ނުކުރާހާ ގިނަ ކާމިޔާބީތައް ޚާއްސަކޮށް ގައުމީ ޓީމާއެކު ހޯދިއްޖެ ކަމަށެވެ. އަދި މިހާރު ވޯލްޑް ކަޕެއް ކާމިޔާބު ކުރިޔަސް ނުވަތަ ނުކުރިޔަސް އޭނާގެ ލެގަސީއަށް ބަދަލެއް ނާންނާނެ ކަމަށާއި، އޭނާގެ ހަނދާނުގައި އަބަދުވެސް ހުންނާނީ ސަޕޯޓަރުންގެ ލޯތްބާއި އެކި ގައުމުތަކުގެ މީހުންނާއެކު ހޭދަކުރެވުނު އުފާވެރި ވަގުތުތައް ކަމަށްވެސް ބުންޏެވެ.
އުމުރާއެކު އޭނާގެ ކުޅުމަށް ބަދަލުތަކެއް އައިސްފައިވާކަން ގަބޫލުކުރަމުން ރޮނާލްޑޯ ބުނީ، މުޅި ކެރިއަރުގައިވެސް އޭނާ މަސައްކަތްކުރީ އަންނަ ބަދަލުތަކަށް ހޭނުމަށް ކަމަށެވެ. މިއީ އޭނާގެ ހަވަނަ ވޯލްޑް ކަޕް ކަމަށްވާއިރު، އަދިވެސް ލަނޑު ޖެހުމުގެ ގާބިލުކަން ހުރިކަން ފާހަގަކުރަމުން އޭނާ ބުނީ، ސްޕެއިން މެޗުގައިވެސް ލަނޑު ޖެހުމަށް އުއްމީދުކުރާ ކަމަށެވެ. 2006 ވަނަ އަހަރުން ފެށިގެން ވޯލްޑް ކަޕްގައި ކުޅެމުން އަންނަ ރޮނާލްޑޯގެ މި ފަހަރުގެ އަމާޒަކީ ޕޯޗުގަލް ގޮވައިގެން ޖެހިޖެހިގެން ދެވަނަ ފަހަރަށް ކުއާޓާ ފައިނަލަށް ދަތުރުކުރުމެވެ.
ކޮމެންޓު ފޮނުވާ