2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ބްރެޒިލް ކެޓުމާއެކު، އެ ގައުމުގެ މަޝްހޫރު ފުޓްބޯޅަ ތަރި ނޭމާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާނުކޮށްފިއެވެ.
ރޭ ކުޅުނު މެޗުގައި ނޯވޭއިން ވަނީ 2-1 ގެ ނަތީޖާއަކުން ބްރެޒިލް ބަލިކޮށް، މުބާރާތުގެ ކުއާޓާ ފައިނަލުން ތާރީހީ ޖާގައެއް ހޯދާފައެވެ. މިއީ ނޯވޭ ކުއާޓާއަށް ދަތުރުކުރި ފުރަތަމަ ފަހަރަށް ވާއިރު، މިއީ 1990 ވަނަ އަހަރަށްފަހު ބްރެޒިލް ކުއާޓާއަށް ނުގޮސް ކެޓި ފުރަތަމަ ފަހަރެވެ. ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ 79 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ އެންޑްރިއަސް ސެލްޑަރަޕްގެ ހުރަހަކުން އާލިން ހާލަންޑް ބޮލުން ޖެހި ގޯލާއެކު ނޯވޭއިން ލީޑު ނެގިއެވެ. އަދި އޭގެ ދިހަ މިނެޓު ފަހުން 89 ވަނަ މިނެޓުގައި އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން ހާލަންޑް ވަނީ ނޯވޭގެ ލީޑު ފުޅާކޮށްދީފައެވެ.
މި މެޗުގައި ބްރެޒިލްގެ ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ފަހުކޮޅު ލިބުނު ޕެނަލްޓީއަކުން ނޭމާއެވެ. މި ޕެނަލްޓީއަކީ ނޯވޭގެ ލިއޯ އޮސްޓިގާޑް، ބްރެޒިލްގެ ކާލޯސް ކަސެމީރޯއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. މި ހިތްދަތި ނާކާމިޔާބީއާއެކު، ބްރެޒިލްގެ ޖާޒީގައި ގިނަ ދުވަސްތަކެއް ވަންދެން މުހިންމު ދައުރެއް އަދާކުރި ނޭމާ ވަނީ އޭނާގެ ބައިނަލްއަގުވާމީ ފުޓްބޯޅަ ކެރިއަރަށް ނިމުން ގެނެސްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
ކޮމެންޓު ފޮނުވާ