ކެތްތެރިކަން ކޮޅުންލައިފި، ހައްގުތައް ހޯދަން 5 މީހުން ވިޔަސް ނިކުންނާނެ: ޝިޔާމް

ކެތްތެރިކަން ކޮޅުންލައިފި، ހައްގުތައް ހޯދަން 5 މީހުން ވިޔަސް ނިކުންނާނެ: ޝިޔާމް

Author
މުޙައްމަދު ޝަޒައިމް
05 މާރޗް 2021 02:48
0

ރައްޔިތުންނާއިމެދު ސަރުކާރުން މިއަދު އަމަލު ކުރަމުންދާ ގޮތުން ކެތްތެރިކަން ކޮޅުން ލާފައިވާ ކަމަށާއި، ކޯވިޑްގެ ނަމުގައި ސަރުކާރުން ހިންގަމުންދާ ކަންކަން ހުއްޓުުމަށް ކިތަންމެ ބޮޑަށް ދަތި ކުރިޔަސް ރައްޔިތުން ނިކުންނާނެކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މާލެ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މިއަދުން ފެށިގެން ވަނީ މަނާކޮށްފައެވެ. މީގެކުރިން އެޗްޕީއޭ އިން އަންގާފައި އޮތީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއް ނުވުމަށެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުން މާލެ ސަރަހައްދު، މާލެ، ހުޅުމާޅެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭ ގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ.

އިދިކޮޅު ކޯލިޝަންގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ ޝިޔާމް ވިދާޅުވީ ކޯވިޑްގެ ނަމުގައި ތަފާތު ބަހަނާ ދައްކައި ރައްޔިތުން ނިކަމެތިވެދާއިރުވެސް ސަރުކާކަށް މާބޮޑު ސަމާލުކަމެއް ނެތްކަމަށެވެ. ރައްޔިތުން އަގަޔާއި އަތްފައި ހަރަކާތް ނުކުރެވޭ ގޮތަށް ގެޔަަށް ވެއްދުމަށްފަހު ސަރުކާރުން ކުރެއްވި ކަންކަން ދިވެހި ރައްޔިތުންނަށް ނޯޅޭކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލައިފި. ކޯވިޑް-19 ސަރުކާރަށްވީ ބޮޑު އީދަކަށް. ރައްޔިތުންގެ މޫނުގައި ފޮތި ބަދެފައި އަތް ދޮންނަން ގެޔަށް ވައްދާފަ މުޅި ދައުލަތް ބިޒީވީ ވައްކަން ކުރުމާއި ޤައުމުގެ މިނިވަންކަން ނަގާލުމާއި ރައްޔިޔުންގެ ހައްގުތައް ނިގުޅައިިގަތުމަށް. 5 ވިޔަސް ނިކުންނާނެ.

– ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި މުޒާހަރާ ކުރަން މަސައްކަތް ކުރަމުންދާއިރު އިދިކޮޅު ކޯލިޝަންގެ އޮފީހަށް ނުވަދެވޭނެހެން އަދި އެސަރަހައްދަށް ދެވެން އޮތް ހުރިހާ މަގެއް ފުލުހުން ވަނީ މިހާރު ބަންދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.