މާލެ ސަރަހައްދުގައި ފަސް މީހުންނަށްވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފި އެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަރުކު ސޮއިކުރައްވާ ނެރުއްވި އެންގެވުމެއްގައި ވަނީ އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން އެކަމަނާ އަށް ލިބިދީފައިވާ ބާރުގެ ދަށުން މާލެ ސަރަހައްދު، މާލެ، ހުޅުމާޅެ، ވިލިމާލެ، ތިލަފުށި، ގުޅީފަޅު އަދި ހުޅުލޭ ގައި އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނަ މީހުން މަގުމައްޗާއި އާންމު ތަންތަނަށް އެއްވެ އުޅުން ހުއްޓައިލުމަށް އަންގާ ކަމަށެވެ. މި ފިޔަަވަޅު އަޅާފައި ވަނީ އެއް ހަފްތާގެ މުއްދަތަށެވެ.
މީގެކުރިން އެޗްޕީއޭ އިން އަންގާފައި އޮތީ މާލެ ސަރަހައްދުގައި 10 މީހުންނަށްވުރެ ގިނަ މީހުން އެއް ނުވުމަށެވެ.
ކޯވިޑް-19އަށް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުކަށިކޮށްފައިވަނީ މިދިޔަ މަހުގެ ތެރޭގައެވެ. އެގޮތުން މާލެ ސަރަޙައްދުގައި ޕާޓީތަކާ ޖަލްސާއާއި ޙަފްލާތަކާއި އެއްވުންތައް ބޭއްވުންވަނީ މަނާކޮށްފައެވެ. އަދި އެއްވެގެން ކުޅޭ ކުޅިވަރުތައް ކުރިއަށްގެންދިއުންވެސްވަނީ މަނާކޮށްފައެވެ.
މާލެ ސަރަހައްދުގައި އެއްފަހަރާ 5 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާކޮށްފައިވާއިރު މާދަމާވެސް މާލޭގައި މުޒާހަރާ ކުރާނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ