ކޮރަޕްޝަންގެ ތުހުމަތު ކުރަނީ އެއްވެސް އަސާސެއްނެތި: ފެނަކަ

ކޮރަޕްޝަންގެ ތުހުމަތު ކުރަނީ އެއްވެސް އަސާސެއްނެތި: ފެނަކަ

ފެނަކަ ކޯޕަރޭޝަނަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކުގައި އަސާސެއް ނެތް ކަމަށާއި އެއީ އެ ކުންފުނީގެ މަސައްކަތްތަކާ މެދު ހަސަދަވެރިވެގެން ރޭވުމެއްގެ ތެރެއިން ކުރާ ކަމެއް ކަމަށް ފެނަކައިން ބުނެފިއެވެ.

ފެނަކަ އިން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެ ކުންފުންޏަށް ކޮރަޕްޝަންގެ ތުހުމަތުތައް ކުރަމުންދަނީ އެއްވެސް އަސާސެއް ނެެތި ކަމަށާއި އެކަން ކުރަނީ އެ ކުންފުނިން ހޯދަމުންދާ ކުރިއެރުންތަކާ މެދު ހަސަދަވެރިވެ، އަދި އެ ކުންފުނީގެ ނަން ކިލަނބު ކުރުމަށްޓަކައި ރޭވުމެއްގެ ތެރެއިން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެ ކުންފުނީގެ އާ މެނޭޖްމަންޓް ޑިސެމްބަރުު، 2018 ގައި އައުމަށް ފަހު މަސައްކަތް ކުރަމުން ދަނީ ތެދުވެެރިކަމާ އެކު ކަމަށް އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހުރި ހުރިހާ އުސޫލުތަކެއް އެ ކުންފުނިން ބަދަލު ކޮށްފައިވާ ކަމަށާއި އެ ކުންފުނީގެ އަގު ވައްޓާލަން ބަޔަކު މަސައްކަތް ކުރަނީ ކުރީގެ މެނޭޖްމަންޓުން ކޮށްފައިވާ ކަންތައްތަކުގެ ސަބަބުން ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ދައުލަތުގެ އިދާރާތަކުން ކަންކަން ނިންމުމުގެ ކުރިން ދިރާސާކޮށް، ހަގީގަތް ނޯޅޭނެ ގޮތަކަށް މައުލޫމާތު އާންމު ކުރަން އެދޭ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

ފެނަކައިން މިފަދަ ބަޔާނެއް ނެރެފައިވަނީ ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެއުމާއި ގުޅިގެން އެޚަބަރު މީޑީޔާތަކުން ގެނެސް ދިނުމުންނެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު “ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ” ކަމަށް، ސިޓީގައިވެއެވެ.

ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *